31 ޖުލައި 2024 - 11:00

ތަހިޓީ (ޖުލައި 31) - މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި ބްރެޒިލްގެ ރާޅާއެޅުންތެރިޔާ ގެބްރިއެލް މެޑީނާގެ ފޮޓޯއަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

މެޑީނާ ވަނީ ހޯމަ ދުވަހު ކުރިއަށްދިޔަ ތިންވަނަ ބުރުގައި ޖަޕާނުގެ ކަނާއޯ އިގަރާޝީއާ ވާދަކުރި ހީޓުގައި ބޮޑު ބެރަލް ރާޅެއްގައި ދުއްވާލައިގެން 9.90 ޕޮއިންޓުގެ "ނިއާ-ޕާފެކްޓް" ސްކޯއެއް ހޯދައިފަ އެވެ. މިއީ އޮލިމްޕިކްސްގެ ތާރީހުގައި ވެސް އެއް ރާޅަށް ލިބުނު އެންމެ މަތީ ސްކޯ އެވެ.
ނަމަވެސް އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ، އެ ބިޔާ ރާޅުގެ ބެރަލް ތެރެއިން ނުކުމެ، ރާޅުގެ ފަހަތަށް އޭނާ ފުންމާލި ވަގުތު އިނގިލީގެ އިށާރާތުން އެކެއް ދައްކާލަނިކޮށް، އޭނާ އާއި ބޯޑު ވެސް ވައިގެ ތެރޭ ދިގަށް ހުއްޓައި ފްރާންސްގެ އޭއެފްޕީގެ ފޮޓޯގްރާފަރު ޖެރޯމް ބްރޫލެޓް ނެގި ފޮޓޯއަށެވެ.
"ހުރިހާ ކޮންޑިޝަނެއް ހުރީ ފުރިހަމައަށް، ރާޅުތައް ވެސް ހީކުރި ވަރަށް ވުރެ އުސް. އޭނާގެ ރާޅުގެ ތެރެއަށް ވަތް ވަގުތު އަހަރެންނަށް އޭނާ ނުފެންނަ ހިސާބުގައި ހުރީ. ދެން ކުއްލިއަކަށް އޭނާ ފުންމާލި ވަގުތު ހަތަރު ފޮޓޯ ނެގިން. އޭގެ ތެރެއިން އެއް ފޮޓޯ މިއީ،" ބްރޫލެޓް ބުންޏެވެ.
"ގިނަ ބަޔަކު ވަރަށް ގަޔާވެއްޖެ އެހާ ރާޅު ފޮޓޯއެއް ވެސް ނޫން، އެހެންވީމަ ހެން ހީވަނީ މިހާ ގިނަ ބައެއްގެ ސަމާލުކަން ލިބިގެން މި އުޅެނީ."
މި އާދަޔާ ހިލާފު ފޮޓޯއަށް ސޯޝަލްމީޑީއާގައި ސަމާލުކަން ހުއްޓިފައި ވާއިރު، މެޑީނާ ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ކުއާޓާގައި އޭނާ ވާދަ ކުރަން ޖެހެނީ ބްރެޒިލްގެ ޔާއޯ ޗިއަންސާއާ އެވެ.
މިއީ އޮލިމްޕިކްސްގައި ރާޅާއެޅުން ހިމެނުނު ދެ ވަނަ ފަހަރެވެ. މީގެ ތިން އަހަރު ކުރިން އޮތް ޓޯކިއޯ އޮލިމްޕިކްސްގައި މެޑީނާ ވަނީ ސެމީ ފައިނަލާ ހަމައަށް ގޮސްފަ އެވެ. ސެމީގައި ބަލިވީ ރިހި މެޑަލް ހޯދި ކަނާއޯ އިގަރާޝީއާ ވާދަކޮށެވެ.
ރާޅާއެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ 30 އަހަރުގެ މެޑީނާ އަކީ މި އަހަރުގެ އައިއެސްއޭ ވޯލްޑް ސާފިން ގޭމްސްގެ ޗެމްޕިއަނެވެ.