"ލިޕްސްޓިކް އަންޑަ މައި ބުރުގާ" ސެންސަރު ބޯޑުން ފާސްކޮށެއް ނުދިން
"ލިޕްސްޓިކް އަންޑަ މައި ބުރުގާ" ސެންސަރު ބޯޑުން ފާސްކޮށެއް ނުދިން

އަލަންކްރިތާ ޝްރީވާސްތާވް ޑައިރެކްޓްކޮށްފައިވާ "ލިޕްސްޓިކް އަންޑާ މައި ބުރުގާ" އިންޑިއާގެ ސެންސަރު ބޮޑުން ފާސްކޮށް ނުދޭން ނިންމައިފި އެވެ.

ޕްރަކާޝް ޖާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަށް ހުއްދަ ނުދޭން ނިންމީ ހުތުރު ބަސްތައް ބޭނުންކޮށްފައި ހުރުމާއި އަންހެނުންގެ ކަރާމާތަށް އުނިކަން ލިބޭ މަންޒަރުތައް ހުރި ކަމަށް ބުނެ އެވެ.

މި ފިލްމު ފާސް ނުކުރުމަށް އިންޑިއާގެ އިސްލާމީ ބައެއް ޖަމާއަތްތަކުން ވެސް ވެސް ވަނީ ސެންސަރު ބޯޑަށް އިލްތިމާސް ކޮށްފަ އެވެ.

"އޯލް އިންޑިއާ މުސްލިމް ތެހްވަރު ކޮމިޓީ"ގެ މަދްޔަ ޕްރަދޭޝް ޔުނިޓްގެ އެޑްވައިޒަރީ ޕެނަލުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި ފިލްމަކީ މުސްލިމު އަންހެނުންނާއި އިސްލާމް ދީނުގެ އަގީދާއާ ދެކޮޅަށް އުފައްދާފައިވާ ފިލްމެއް ކަމަށެވެ.

އިންޑިއާގެ ބޯޕާލްގައި ޝޫޓްކޮށްފައިވާ މި ފިލްމަށް ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއް ލިބިފައިވެ އެވެ. އެގޮތުން ޓޯކިޔޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި "ސްޕިރިޓް އޮފް އޭޝިއާ އެވޯޑު" ލިބިފައިވެ އެވެ. އަދި މުމްބައި ފިލްމު ފެސްޓިވަލުގައި އޮކްސްފާމް އެވޯޑު ފޯ ބެސްޓް ފިލްމް އޮން ޖެންޑާ އީކުއަލިޓީ އެވޯޑު ލިބުނެވެ.

މި ފިލްމުގެ ތަރިންނަކީ ކޮންކޮނާ ސެން ޝަރުމާ އާއި ރަތުނާ ޕާތަކް، އާހަނާ ކުމާރާއި ޕްލަބީތާ ބޮރްތަކޫ އެވެ.

މި ފިލްމު ފާސްކޮށްނުދިނުމުން ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނާއި އެކްޓަރުން ދަނީ ސެންސަރު ބޯޑުގެ ޗެއާމަން ޕެހެލާޖް ނިހަލާނީ އަށް ވަރަށް ބޮޑަށް ފާޑުކިޔައި އޭނާގެ އިސްތިއުފާއަށް ގޮވަމުންނެވެ.

"ލިޕްސްޓިކް އަންޑާ މައި ބުރުގާ" އަކީ ހަތަރު އަންހެނެއްގެ ހަޔާތުގެ ވާހަކަ އެވެ. އެކަކީ ބުރުގާ އަޅައިގެން ކޮލެޖަށް ދާ ޒުވާން އަންހެންކުއްޖެކެވެ. އަނެކަކީ ބިއުޓީޝަނެކެވެ. ދެން އުޅެނީ ތިން ކުދިންގެ މަންމަ އެކެވެ. އަދި ހަތަރު ވަނަ މީހަކީ 55 އަހަރުގެ ހުވަފަތް އަންހެނެކެވެ. މި ހަތަރު އަންހެނުން އެމީހުންގެ ޚިޔާލީ ދުނިޔޭގައި ބޭނުންވާ ކަންތައްތައް ފުރިހަމަކުރަން ކުރާ މަސައްކަތް މި ފިލްމުގައި ދައްކަ އެވެ.