ފަންނު
ފަންނު

ލޯބި ނުވާ ކަން އިހުސާސްވާން ފަށައިފި ނަމަ ދެން ވާނީ ދެ ގޮތެކެވެ. އެއް ގޮތަކީ، ދެރަވެގެން މާޔޫސް ވުމެވެ. އަނެއް ގޮތަކީ، ފޫހިވެގެން ރުޅި އައުމެވެ. ވަރަށް ނާދިރު ތިން ވަނަ ގޮތެއް ވެސް އޮވެ އެވެ. އެއީ ތިމާ ދެކެ ލޯބި ނުވިޔަސް، ލޯބީގައި ތިމާ ދެމިހުރުމެވެ. ކޮންމެ ހާލެއްގައި ވެސް ވަފާތެރިވުމެވެ. އުމުރުން ސައްބީސް އަހަރުގެ ޔޫސުފު ޖަލީލަކީ އެ ފަދަ މީހެކެވެ. ހަގީގީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ މި ވާހަކަ ފެށެނީ، ނަވާރަ ސަތޭކަ ފަންސާހުގެ ފަހުކޮޅު އެވެ.

މޯބައިލް ފޯނެއް ނެތެވެ. ދަތުރުފަތުރުގެ ފަސޭހަކަމެއް ނެތެވެ. ތަހުޒީބާއި ތައުލީމުގެ މަގުތައް އިންތިހާއަށް ހަންޏެވެ. މީހުންގެ އަތްމަތި ދަތިވެފައި، ދުނިޔެ އާއި ރާއްޖޭގެ ގުޅުން ކުޑަ ދުވަސްވަރެކެވެ. އާންމުވެފައި އޮތީ ޖަންގަލީ އުސޫލެވެ. ބާރުގަދަ ގައުމުތަކުން ކުދި ގައުމުތައް ނޮޅައި ސުންނާފަތި ކުރަނީ އެވެ. ރައްކާތެރިކަން ބޭނުން ނަމަ ސިންގާއެއްގެ ފުރަގަހުގައި އޮތުން ނޫން ގޮތެއް ނެތެވެ. ރާއްޖެ ހިމާޔަތް ހޯދި ސިންގާއަކީ އިނގިރޭސި ވިލާތެވެ. އޭރު އެ ކަމަށް އެންމެ ކުފޫ ހަމަވާ ބާރެވެ.

ރާއްޖޭގެ ހުއްދައާ އެކު އިނގިރޭސިން ބަނޑަހަ ޖެހީ އައްޑޫގަ އެވެ. ރާއްޖޭގައި ނެތް ފަދަ ވަރުގަދަ ވައިގެ ބަނދަރެއް ހަދައި، ޒަމާނީ ވަސީލަތްތައް ރުކުރުވާލައި، ހަތިޔާރާ އެކު އިނގިރޭސި ސިފައިން ދިވެހި ފަސްގަނޑުގައި ބޫޓުގެ ފިޔަވަޅު ކަނޑައި ނެގި އެވެ. އައްޑު އަތޮޅު ގަމަކީ، އިނގިރޭސި ވިލާތުގެ އަކުރެއް ކަމުގައި ހެދި އެވެ. ފަރަންޖީންގެ ހުއްދަ ނެތި ގަމުގައި ދޫންޏެއް ފިޔަމަޅައިލުމަކީ ވެސް މަނާ ކަމެކެވެ. ބަދަލުގައި ދިވެހީންނަށް ދިނީ ހިމާޔަތެވެ. ރައްކާތެރިކަމެވެ. ބިރެއް، ފިކުރެއް ނެތި ގޭގައި ނިދައިލަން ތިބެވޭނެ ކަމުގެ ޔަގީން ކަމެވެ. ދެފައި ދޮވެ، ރަޖާލައިގެން ދިވެހީން ނިދީ އެވެ.

އާރާއި ބާރު ލިބުމަކީ ބޮޑާވާ ކަމެކެވެ. ވަކި ފެންވަރެއްގެ މަސައްކަތް ކުރުމުން އަބުރަށް ތިކި ބުރާކަމުގެ އިހުސާސް ކުރެވޭ ކަމެކެވެ. އެ ފަދަ މަސައްކަތް ކުރުމަށް އިނގިރޭސިން ފުރުސަތު ދިނީ ތަނުގެ އަހުލުވެރިންނަށެވެ. ލޮލަށް ދަޅަ އަރާ ވަރަށް އޮފު ކޮށްފަ އެވެ. ކޮށްދިން ހެޔޮކަމެއް ގޮތުގަ އެވެ. އިހުތިރާމާއި ލޯބި ރައްދުވާ ގޮތަށެވެ. ފަރުދާގެ ބިއްދޮށް އޮތީ އަނދިރިކޮށެވެ. ހަމަހިމޭންކޮށެވެ. ދަތި ހާލުގައި އުޅެމުން ދިޔަ ދިވެހީންނަށް ހުޅުވައިލި ދޮރޯށިން އެތެރެއަށް ވަން މީހުންނަށް ފެނުނީ، ހިތަށް ފިނިވާ ކަހަލަ މަންޒަރެކެވެ.

މީރުހައި ކާނާ އެ ތަނުގައި އާންމެވެ. މޮޅެތިހައި ބޭސް އެ ތަނުގައި ތިޔާއްގެވެ. މުސާރަ ދެނީ އަގު ހުރި ޕައުންޑުންނެވެ. އޭގެ ފަހަތުގައި އެހެން މަގުސަދެއް އޮންނާނެ އެވެ. ޖަލީލަށް އެ ވަރު ވިސްނެ އެވެ. އެހެނަސް، ޖަލީލުގެ އާއިލާ އާއި އެކުވެރިންނަކަށް ނުވިސްނެ އެވެ. ވިސްނާކަށް ބޭނުމެއް ވެސް ނޫނެވެ. އޮނުފީންޏެއް ވަޔަށް ލެނބޭ މިސާލުގައި އެތައް ބަޔެއްގެ ހިތް ދިޔައީ އިނގިރޭސިންނަށް ލެނބެމުންނެވެ. ޖަލީލު ހުރީ ފިސާރި ހޭއަރަ އެވެ.

ޖަލީލަކީ ފުވައްމުލަކުގެ ރައްޔިތެކެވެ. އޭނާއާ ހަމައަށް ޚަބަރު އަންނަނީ އެކުވެރިންގެ ދުލުންނެވެ. އެ މީހުން ޖެއްސި ކުލަޔަކާއި ލެއްވި ރަހަޔަކާ އެއްކޮށެވެ. އެކުވެރިން ތިބީ މިނިވަންކަމަށް ފެންބޮވައިފަ އެވެ. ދިވެހި ސަރުކާރުގެ ނުފޫޒުން މިންޖުވާން އެ މީހުން ތިބީ ކެތްތެރިކަން ކުޑަވެފަ އެވެ.

"އޭރުން އަހަރުމެން ވެސް ގެންގުޅޭނީ ޕައުންޑުތާ؟" ދަހިވެތިކަން ދޭހަވާ ރާގެއްގައި ޖަލީލު އެހި އެވެ.

"އެހެންޏަ!" އެކުވެރިޔަކު ބުންޏެވެ. "ދިވެހި ރުފިޔާ މިއީ ކީއްކުރާ އެއްޗެއް؟ ކަނޑުމަހާއި ދިޔާހަކުރާއި އަލަ ކެއުން ހުއްޓާލަން ވެއްޖެ! އެ ކައިކައި އަހަރުމެން މި ތިބެނީ ބިލިމަގެއްހެން. އަހަރެން ބޭނުމެއް ނޫން ދަރިންނަށް އެ ކާން ދޭކަށް. އެ ތާ އެ އޮތީ ބިސްކޯދާއި ތަރުކާރީ އާއި ޖޫސްތައް ތަޅާ އަޅާފައި. މީރޭ ބުނާކަށް މީރު މޭވާ އެބަ ހުރި. އަހަރުމެން ބަލިވީމާ ބޭސްގުޅަގަނޑެއް ވެސް އަހަރުމެންގެ ސަރުކާރަށް ދިއްކޮށް ނުލެވޭ! އަހަރެން ބޭނުމެއް ނޫން އެ ސަރުކާރަށް ތާއީދު ކުރާކަށް."

ޖަލީލު އިނީ ކަނުލައި އަޑުއަހާށެވެ. ބަދަލެއްގެ ކޮޅުމަތި ޖަލީލަށް ފެންނަ ކަހަލަ އެވެ. އެހެން ވާން ޖެހުނީ، ކޮންމެ ސަބަބަކާ ހެދި ވިޔަސް، ލިބެންވާ ވަރަށް އަޅައިލުން ނުލިބިގެންނެވެ. ތަރައްގީގެ ފޮނިރަހަ އެއްބަޔަކަށް ލިބި، އަނެއް ބަޔަކު އެ އުފަލުން މަހުރޫމުވުމުންނެވެ.

"އިނގިރޭސިން އެ އޮތީ މާލޭގަ ނެތް ވަރުގެ ފުރިހަމަ އެއާޕޯޓެއް ހަދާ ނިންމާފައި،" އެހެން އެކުވެރިޔަކު ބުންޏެވެ. "މި ތަނުން ވިލާތަށް މިހާރު ވެސް ދާންވީ. އެކަމަކު ސަރުކާރުގެ ހުއްދަ ނަގަން ޖެހޭތީ އެއް ކަމެއް ވެސް ނުވެފައި ތިބެން މި ޖެހެނީ. ސަރުކާރުން ބޭނުމެއް ނުވޭ އަހަރުމެންނަށް ރަނގަޅު ގޮތެއް ވާކަށް. ހުރިހާ މޮޅެއް މާލޭ މީހުންނަށް. ކޮން ފަދަ ކަމެއް؟ މަ ބުނީތީ ވެސް ބަލާތި! އައްޑު އާއި ހުވަދު އާއި ފުވައްމުލައް ވެސް މި ފަހަރު ދީލާލާނެ. ހުރިހާ ދިމާލަކުން އިވޭނީ ސުވާދީބު ޒިންދާބާދު!"

"ޔަގީން ކަށަވަރެއްނު،" ވަރަށް ޖޯޝުގައި ޖަލީލު ބުނެލި އެވެ. "އެކަމަކު ނަމަނަމަ، ލޭއޮހޮރުވުމަކަށް ގޮސްގެން ނުވާނެ. އަހަރުމެން އަހަރުމެންނާ ތަޅާފޮޅައިގެން ނުވާނެ."

ޖަލީލު ހިތަށް އެރި އެވެ. މިނިވަންކަން އިއުލާނުކުރުމަކީ ހަމަ އެހައި ފަސޭހަކަމެއް ހެއްޔެވެ؟ ވަކި ސަރުކާރެއް އުފެއްދުމަށްޓަކައި ޖޯޝާއި ފޯރިން އެކަނި ފުއްދައި ލެވޭނެ ހެއްޔެވެ؟ ސިފައިންނެއް ނެތެވެ. ހަތިޔާރެއް ނުވަތަ ވަރުގަދަ ރޭވުމެއް ނެތެވެ. ވަކި ދިދައެއް ވިހުރައިލުމާ އެކު ދިވެހި ސަރުކާރު މަޑަކުން ނޯންނާނެ އެވެ. ސިފައިން ފޮނުވާނެ އެވެ. އެ މީހުންނާ ކުރިމަތިލާނީ ކިިހިނެއް ހެއްޔެވެ؟ ހިތްހަމަނުޖެހޭ އިރަށް ވަކިވެގަތުމަކީ ހައްލެއް ހެއްޔެވެ؟

ރަށުގެ ގޭގެއިން ފަރަންޖީ ހަދިޔާތައް ފެންނަން ފެށި އެވެ. ފުރަގަސްދެވޭ ވަރަށް ވުރެ ބޭނުންތެރި ހަދިޔާތަކެވެ. އެކުވެރިއެއްގެ އެހީޔާއެކު ފުރަތަމަ ފަހަރަށް ޖަލީލު ވެސް އިނގިރޭސި ޕައުންޑެއްގައި އަތްޖައްސައިލި އެވެ. އެއީ ވަރަށް ވެސް އެހެން ކަހަލަ އިހުސާސެކެވެ. ބޭބެ ރުކުން ވެއްޓުނު ދުވަހު، ފުރާނަ ސަލާމަތްކުރުމުގައި ފަރަންޖީ ބޭހުގެ ފައިދާ ޖަލީލަށް ވެސް ކުރި އެވެ. މާދަމަޔާ މެދު އުންމީދު ކެނޑިފައިވާ އެތައް ރައްޓެހިންނަކަށް، ތަނަވަސްކަމުގެ ހުޅުކޮޅު ރޯކޮށްދިނީ ވެސް ގަމުގައި ތިބި އިނގިރޭސިންނެވެ. ދިވެހި ސަރުކާރު އޭރު ވެސް އޮތީ ގަދަ ނިދީގަ އެވެ.

އުދަރެހުން ފެނުނު ކުޑަކުޑަ ތިއްތަކަށް ނަޒަރު ހުއްޓައިލައިގެން ޖަލީލު އިނެވެ. ހަލުވި ދުވެއްޔެއްގައި ތިކި ބޮޑުވަމުން އައިސް އެ ޖެޓު ޖަލީލުގެ ބޯ މަތިން ދިޔަ އެވެ. ޖަލީލު ހިތަށް އެރި އެވެ. ރާއްޖެއަކަށް ދުވަހަކު ވެސް އެ ހިސާބަކަށް ނުދެވޭނެ އެވެ. ދިވެހީންނަކީ ކަނޑުގެ އަހުލުވެރިންނެވެ. ބަރޯސާ ވާނީ ކަނޑަށެވެ. ދުއްވަން ޖެހޭނީ އޮޑި އެވެ. ވަޔަށް ބަރޯސާވުން ނޫން ގޮތެއް ދިވެހީންނަކަށް ނެތެވެ. ދަތުރު ކިތަންމެ މުހިންމު ވިޔަސް، ދާންވީ ތަނާއި ވަގުތު ނިންމާނީ ވަޔެވެ. މޫސުމެވެ. ޖަލީލުގެ ދަރީންނަށް އެ ނޫން ދުވަހެއް ފެންނާނެ ހެއްޔެވެ؟ ވިސްނަމުން ދަނިކޮށް ބަޑިއެއް ޖެހި އަޑު ކަހަލަ އަޑެއް އިވިގެން ޖަލީލު އިސްއުފުލައިލި އެވެ. ފެންނަން ހުރީ ދިވެހި ދިދަ އެކެވެ. ޖަލީލަށް ގޮވައިލީ އެ ދިދަ އެވެ. ދިވެހިރާއްޖޭގެ މިނިވަންކަމެވެ. ޖަލީލަށް ހުރެވުނީ އެ ދިދައިގެ ހިޔަލުގަ އެވެ. އެ ވަރުގެ އިޝާރާތަކުން ވެސް ޖަލީލަށް ފުދެ އެވެ.

އެކުވެރިންގެ ބަސް އިސާހިތަކު ހަގީގަތަކަށް ވި އެވެ. މިނިވަންކަން އިއުލާނުކޮށް އައްޑޫގައި އަމިއްލަ ސަރުކާރެއް ގާއިމު ކުރި އެވެ. "އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ" ގެ ދިދަ ވިހުރުވައިލީ، ނަވާރަ ސަތޭކަ ފަންސާސް ނުވަ ވަނަ އަހަރުގެ ޖަނަވަރީމަހުގެ ތިން ވަނަ ދުވަހު އެވެ. ދުވަސްކޮޅެއް ތެރޭގައި ރައްޔިތުންގެ އަތްމަތި ތަނަވަސް ވާން ފެށި އެވެ. ތަރައްގީގެ އާ ބާބެއް ހުޅުވުނެވެ. އަމިއްލަ ބޭންކާއި ޕާސްޕޯޓު ތައާރަފު ކުރި އެވެ. ބޭސްފަރުވާ ކުރުމަށް މާލެ އިން މީހުން އަންނަން ޖެހޭ ވަރުގެ ހޮސްޕިޓަލެއް އައްޑޫގައި އޮތްކަމީ، ލިބުނު ކާމިޔާބުގެ ކުލަ ގަދަ ދަލީލެކެވެ. ސުވާދީބަށް ނިސްބަތްވާ މީހުންނަށް ހިލޭ ބޭސްކުރެވޭތީ، މާލޭގެ ބައެއް ރައްޔިތުން އައްޑޫގެ ގެތަކުގެ ރަޖިސްޓަރީގައި ނަން ހިމަނައިގެން ހޮސްޕިޓަލުން ފަރުވާހޯދާ މިންވަރަށް ހޮސްޕިޓާ މަޝްހޫރުވި އެވެ.

މުޅި ފުވައްމުލަކުގައި އޮތީ އެއް އަޑެކެވެ. ސުވާދީބު ސަރުކާރާ ގުޅެންވީ އެވެ. ވިސްނުމުގެ ބޭނުމެއް ނެތެވެ. މީހުން ފާޅުގައި ސުވާދީބަށް ތާއީދުކޮށް އަޑުއުފުލި އެވެ. ޖަލީލުގެ ދޫ ދިނީ ފުވައްމުލަކަށެވެ. ހިތް ބޭއްވީ ދިވެހި ސަރުކާރަށެވެ. ރަށުތެރޭގައި އަޑު ގަދަވަމުންދިޔަ ނަމަވެސް، ހަރުދަނާ އުސޫލެއް ނެތެވެ. ކޮންމެ މީހަކީ ވެސް އަމިއްލަ ސަރުކާރެއް ކަހަލަ އެވެ. ކޮންމެ ދެ މީހަކަށް އުސޫލެއް ގެންގުޅެ އެވެ. އެއް ފިކުރުގެ ތެރެއިން އަނެއް ފިކުރު ފަޅާކަށް ލަހެއްފަހެއް ނޯވެ އެވެ.

ފުވައްމުލަކުގައި ހާވިޔާކޮށް ދުވަސްތައް ފާއިތުވަމުންދިޔަ އިރު، ސުވާދީބުގެ ދިދަ ތިރިކުރުމަށް ޓަކައި މާލެ އިން ދިޔައީ ލަޝްކަރެއް ރުކުރުވަމުންނެވެ. މީހުންނާއި ހަތިޔާރުގެ އިތުރަށް، ދުރު ވިސްނޭ ލީޑަރަކާއި ރޭވުމެއް ވެސް ދިވެހި ސަރުކާރު އަތުގައި އޮތެވެ. މާލޭގައި ތިބި އެކުވެރިންގެ ފަރާތުން، ފަނޑު ގޮތަކަށް ނަމަވެސް ޖަލީލަށް އެ ޚަބަރުތައް ލިބުނެވެ. ލޭއޮހޮރުވުމެއް ހިނގާނެ އެވެ. އެ ކަން ޖަލީލަށް ކަށަވަރެވެ. ރަށު ރައްޔިތުން ބަލި ކުރާކަށް ފަސޭހައެއް ނުވާނެ އެވެ. އެކަމަކު މޮޅުވާނީ ދިވެހި ސަރުކާރެވެ. މެންދުރުގެ އިރު ފަދައިން ޖަލީލަށް އެ ކަން ވެސް ކަށަވަރެވެ. ބަޔަކު މަރުވެގެން ބަލިވުމަށް ވުރެ، އަމާންދިނުން ޖަލީލަށް ބުއްދިވެރި އެވެ. ލޭކެކިފައިވާ އެކުވެރިންނަށް ވިސްނައިދޭނެ ގޮތެއް ނުވިސްނިފައި ޖަލީލު ހުއްޓައި، ދިވެހި ސަރުކާރުން ތިނަދު އަށް އަރައި އެ ރަށް ބާރުގެ ދަށަށް ގެނައި ޚަބަރު ލިބުނެވެ.

ޖަލީލު ނިންމަންޖެހުނީ އުނދަގޫ ނިންމުމެކެވެ. އެއްކޮޅުގައި އާއިލާ އާއި އެކުވެރިންނެވެ. އަނެއް ކޮޅުގައި ޖަލީލު ތާއީދުކުރާ ދިވެހި ސަރުކާރެވެ. އެއްބަޔަކަށް ވެސް ހިޔާނާތްތެރިވާކަށް ޖަލީލު ބޭނުމެއް ނޫނެވެ. ދެ ބައިމީހުންނަށް ވަފާތެރިވުމަކީ ޖަލީލަށް ކުރެވޭނެ ކަމެއް ނުމެ ނޫން މެ އެވެ. ކަމުގައި އިސްކޮށް އުޅުނު މީހުންނާ ޖަލީލު މަޝްވަރާ ކުރި އެވެ. ތިމާއަކީ، ސަރުކާރަށް ތާއީދުކުރާ މީހެއްކަން ނޭނގޭ ގޮތަށެވެ.

"ދެން ފެންނާނީ މި ރަށަށް އަރާ ތަން،" ޖަލީލު ފެށީ އެ ގޮތަށެވެ. "އަހަރުމެން ހަނގުރާމަ ކުރަން ޖެހޭނީ ސިފައިންނާ! ކޮން ކަހަލަ ހަތިޔާރެއް ހުރީ؟ ކިހާ ހަތިޔާރެއް ހުރީ؟"

ބައްދަލުވުމުގައި ބައިވެރިވީ، މިނިވަންވުމަށް ނަގައިކިޔާ ހައެއްކަ މީހުންނެވެ. ކޮންމެ މީހަކު ވެސް އެކަކުއަނެކަކަށް ބަލައިލި އެވެ. ސިފައިންނާ ހަނގުރާމަ ކުރާ ކަހަލަ އެއްވެސް ހަތިޔާރެއް ނެތެވެ. އެންމެނަށް ވެސް އެ ކަން އެނގެ އެވެ. ޖަލީލު އަންގަން ބޭނުންވީ ވެސް އެ ކަމެވެ.

"ހަތިޔާރަކީ ހެދީމާ ހުންނަ އެއްޗެއް،" ވަގުތުން ހަމީދު ބުންޏެވެ. "ގަލާއި ވަޅި އާއި ދަގަނޑާއި ލަޓި ވެސް ހުންނާނެ."

ހަމީދަކީ އެ ތަނުގައި އިން އެންމެ ލޭ ހޫނު ޒުވާނާ އެވެ.

"ސިފައިން ބަޑި ޖަހައިފިއްޔާޔޯ؟" ޖަލީލު ސުވާލު އުފެއްދި އެވެ.

"އެއްކަމެއް ވެސް ނުވާނެ،" ވަރަށް ޔަގީންކަމާ އެކުގައި ހަމީދު ބުންޏެވެ. "އެ މީހުން އަސްލު ވަޒަނެއް ނުގެންނާނެ." (ނުނިމޭ)