ޔާޝް ޗޯޕްރާ އެވޯޑު ޝާހްރުކް ޚާނަށް ލިބިއްޖެ
ޔާޝް ޗޯޕްރާ އެވޯޑު ޝާހްރުކް ޚާނަށް ލިބިއްޖެ

މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްރާ އާއި ޝާހްރުކް ޚާން ގުޅިގެން ވަރަށް ރީތި ފިލްމުތަކެއް އުފައްދާފައިވެ އެވެ. ޕްރޮފެޝަނަލް ގޮތުން ނޫނަސް އަމިއްލަ ދިރިއުޅުމުގައި ވެސް ޝާހްރުކާ ވަރަށް ގާތް ގުޅުމެއް ޔާޝް ޗޯޕްރާ ބޭއްވި އެވެ.

ޔާޝް ޗޯޕްރާ މަރުވުމުން އޭނާގެ ހަނދާނުގައި އަލަށް ދޭން ފެށި ނެޝަނަލް ޔާޝްޗޯޕްރާ މެމޯރިއަލް އެވޯޑުގެ ހަތަރު ވަނަ ހަފުލާ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ބާއްވައިފަ އެވެ. މިހަފުލާގައި ވަނީ ޝާހްރުކަށް ޚާއްސަ އެވޯޑެއް ދީފަ އެވެ.

މި އެވޯޑު މީގެ ކުރިން އަމީތާބް ބައްޗަން އާއި ލަތޭ މަންގޭޝްކަރަށް އަދި ރޭކާ އަށް ވެސް ވަނީ ލިބިފަ އެވެ. ޝާހްރުކަށް މި އެވޯޑު މި ފަހަރު ދިނީ ސިނަމާއަށް އޭނާ ކޮށްދީފައިވާ ފާހަގަކޮށްލެވޭ ގިނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

މި އެވޯޑާ ހަވާލުވުމަށް ފަހު ޝާހްރުކް ބުނީ މިއީ އޭނާގެ މުޅި ހަޔާތުގައި ވެސް ލިބުނު "އެންމެ ބޮޑު ޝަރަފު" ކަމަށެވެ. އަދި މި އެވޯޑު ހަފުލާއަކީ އޭނާގެ ހަޔާތުގެ އެންމެ މުހިއްމު އެއް ހަވީރު ކަމަށް އޭނާ ބުންޏެވެ.

ޝާހްރުކް ބުނި ގޮތުގައި އޭނާ އެހާ މަޝްހޫރު ކާމިޔާބު މީހަކަށް ވީ ޔާޝް ޗޯޕްރާގެ ސަބަބުންނެވެ. ވިއްސަކަށް އަހަރު އޭނާ ޔާޝް ޗޯޕްރާއާ އެކު މަސައްކަތް ކޮށްފައިވާ ކަމަށާއި އެ ދުވަސްވަރުގެ ހުރިހާ ހަނދާންތަކަކީ ވެސް އޭނާގެ ހިތަށް އަސަރު ކުރުވާ ހަނދާންތަކެއް ކަމަށް ޝާހްރުކް ބުންޏެވެ.

ޔާޝް ޗޯޕްރާ ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރި ހަތް ފިލްމެއްގައި ޝާހްރުކް މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާ ޑައިރެކްޓްކުރި ހަތަރު ފިލްމު ކަމަށްވާ "ޑަރް"، "ދިލް ތޯ ޕާގަލް ހޭ"، "ވީރް ޒާރާ" އަދި "ޖަބް ތަކް ހެ ޖާން" ހިމެނެ އެވެ.

ޝާހްރުކް އަށް މި އެވޯޑު ހަވާލުކޮށްދެއްވީ ޓެމިލް ނާޑޫގެ ގަވަރުނަރު ސީ ވިދްޔާސާގަރް ރާއޯ އެވެ. މި އެވޯޑާއެކު ދޭ ރަން ކެވެލިގަނޑެއް ފިލްމީ ތަރި ރޭކާ ވަނީ ޝާހްރުކްގެ އަތުގައި އަޅުވާފަ އެވެ. އަދި 10 ލައްކަ ރުޕީސްގެ ފައިސާގެ އިނާމެއް ވެސް ޝާހްރުކަށް ލިބުނެވެ.

ރޭކާގެ އިތުރުން މި އިވެންޓުގައި ބައިވެރިވި މެހެމާނުންގެ ތެރޭގައި ޔާޝްގެ އަނބިމީހާ ޕަމޭލާ އާއި ކުރީގެ ފިލްމީ ތަރިން ކަމަށްވާ ޖާޔާ ޕްރަދާ އާއި ޝަތުރޫގަން ސިންހާ، ސިމީ ގްރެވާލް އަދި ޕަދްމިނީ ކޮލާޕޫރީ ހިމެނުނެވެ.

ނެޝަނަލް ޔާޝް ޗޯޕްރާ އެވޯޑުގެ ފަނޑިޔާރުންގެ ތެރޭގައި ވެސް ޔާޝްގެ ހުވަފަތް އަންހެނުން ޕަމޭލާ ހިމެނެ އެވެ.