30 ޖުލައި 2024 - 10:39

ޕެރިސް (ޖުލައި 30) - މިސްރުގެ ސޭބާ ފެންސަރު ނަދާ ހާފިޒް އޮލިމްޕިކް ގޭމްސްގައި މިއަހަރު ވާދަކޮށްފައި ވަނީ، އަލަތު ދަރިފުޅަށް ބަލިވެ އިނދެ، ބަނޑަށް ހަތް މަހުގައި ކަން އޭނާ ހާމަ ކޮށްފި އެވެ.

"ޕޯޑިއަމްގައި ތިބީ ދެ ކުޅުންތެރިންގެ ގޮތުގައި މީހުނަށް ފެންނުނަސް، އަސްލު އެއީ ތިން ކުޅުންތެރިން،" މެޗަށް ފަހު އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ލިޔެފައިވެ އެވެ.
"އެއީ އަހަރެންނާއި އަހަރެންގެ ވާދަވެރިޔާގެ އިތުރުން އަހަރެމެންގެ ދުނިޔެއަށް އަންނަން އުޅޭ އަހަރެންގެ ތުއްތު ކުއްޖާ."
އަންހެން އިންޑިވިޖުއަލް ސޭބާގެ ފުރަތަމަ މެޗުން މޮޅުވި ނަމަވެސް އޭނާ ވަނީ ގަދަ 16 ގައި އިދިކޮޅުން ވާދަކުރި ދެކުނު ކޮރެއާގެ ކުޅުންތެރިޔާ އަތުން ބަލިވެފަ އެވެ.
ބަލިވެ އިނުމާއި އެކު މުބާރާތުގައި ވާދަކުރުމުގެ އުނދަގޫތަކުގެ އިތުރުން، ފިރިމީހާ އާއި އާއިލާގެ ފަރާތުން ލިބުނު އަޅާލުމާއި އެ ތަޖުރިބާގެ އުފާވެރިކަމުގެ މައްޗަށް ވެސް، އުމުރުން 26 އަހަރުގެ ނަދާ ވަނީ އެ ޕޯސްޓުގައި އަލިއަޅުވާލައިފަ އެވެ.
މިއީ ނަދާ އޮލިމްޕިކްސްގައި ވާދަކުރި ތިންވަނަ ފަހަރެވެ. އޭނާ ވަނީ ރިއޯ އޮލިމްޕިކްސް 2016 އަދި ޓޯކިއޯ އޮލިމްޕިކްސް 2020ގައި ވެސް ސޭބާ ފެންސިންގައި މިސްރު ތަމްސީލު ކޮށްފަ އެވެ.