އެންމެ ކައިރީގައި ހުސް ފާޚާނާއެއް ހުރީ ކޮން ތަނެއްގައި؟
އެންމެ ކައިރީގައި ހުސް ފާޚާނާއެއް ހުރީ ކޮން ތަނެއްގައި؟

ޖަޕާނުގެ ޓެލެކޮމިއުނިކޭޝަން ކުންފުނިން އާދަޔާ ޚިލާފު ޕްރޮޖެކްޓެއް ފަށައިފި އެވެ. އެންމެ ކައިރީގައި ހުސް ފާޚާނާއެއް ހުރީ ކޮން ތަނެއްގައިކަން އެނގޭނެ ގޮތް ހަދައިދިނުމަކީ އެ މީހުން ގަބޫލުކުރާ ގޮތުގައި ކުރަން ޖެހިފައި އޮތް ކަމެކެވެ.

ކޭޑީޑީއައި ކޯޕޮރޭޝަންގެ މައިގަނޑު މަސައްކަތަކީ މުވާސަލާތީ ޚިދުމަތްތައް ފުޅާކޮށް ފޯރުކޮށްދިނުމެވެ. ފާޚާނާ ހުރި ތަންތަން ބުނެދިނުމެއް ނޫނެވެ. އެއީ އެ މީހުން ދެކޭ ގޮތުގައި ލަދުވެތި ކަމެއް ވެސް ނޫނެވެ. ހުސް ފާޚާނާއެއް ހުރި ތަން އަންގައިދިނުމަށް އެ މީހުން ބޭނުންކުރަނީ މޮބައިލް އެޕްލިކޭޝަނެކެވެ.

އަޖުމަބެލުމަށްޓަކައި މަސައްކަތްތައް ފަށައިގަންނާނީ ސަރުކާރު އޮފީސް ކޮމްޕްލެކްސްތަކުން ކަމަށް އެ ކޯޕޮރޭޝަނުން ބުނެ އެވެ. ފުރަތަމަ ފިޔަވަހީގައި، އާންމުނަށް ބޭނުންކުރެވެން ހުރި ހުރިހާ ފާޚާނާއެއްގެ ދޮރުގައި ސެންސަރު ހަރުކުރާނެ އެވެ. އެ ސެންސަރުތަކުން ފޮނުވާ މެސެޖްތައް މޮބައިލް އެޕްލިކޭޝަނަށް ލިބޭ ގޮތް ހެދެ އެވެ.

ދޮރުގައި ހަރުކޮށްފައި ހުރި ސެންސަރުތަކުން ދޭ މައުލޫމާތަށް ބަަލައި، އެޕްލިކޭޝަން ބޭނުންކުރާ މީހުން ފާޚާނާގެ ދޮރު ހުޅުވިފައި ނުވަތަ ލައްޕާފައި ހުރިކަން އަންގައި ދެ އެވެ. އަދި އެ މީހަކު ހުރި ހިސާބުން އެންމެ ކައިރީގައި ހުސް ފާޚާނާއެއް ހުރި ތަން ވެސް ބުނެދެ އެވެ.

ފާޚާނާގައި މީހަކު މާ ގިނައިރު ވާ ނަމަ، އެޕަލިކޭޝަން އެޑްމިނިސްޓްރޭޓާ އަށް އެކަން އަނގަ އެވެ. ދޮރު ލެއްޕިފައި 30 މިނެޓަށް ވުރެ ގިނައިރު ވެއްޖެ ނަމަ އެޕްލިކޭޝަން އެކަން އިއުލާންކުރެ އެވެ.

މީހަކު ފާޚާނަ އަށް ވަދެ ނިދިފައި ނުވަތަ އަނބުރައިގަނެގެން ވެއްޓި ހޭނެތިފައި އޮތަސް، ދޮރުތަކުގައި ހުރި ސެންސަރުތަކުން ފޮނުވާ މައުލޫމާތަށް ބުރަވެ ފުރާނަ ސަލާމަތްކުރުމަށް ވެސް ފުރުސަތު ލިބުން އެކަށީގެން ވެ އެވެ. އެޕްލިކޭޝަން އެޑްމިން އަށް އެކަން އެނގެންޖެހޭ ސަބަބަކީ އެއީ އެވެ.

ކޭޑީޑީއައި ކޯޕޮރޭޝަންުން މައުލޫމާތު ދޭ ގޮތުގައި، ޕްރޮޖެކްޓްގެ ކާމިޔާބަށް ބަލައި ސަރަހައްދުތަކަށް ފުޅާކުރެވޭނެ އެވެ. މާކެޓްތަކާއި މީހުން އެއްވެ އުޅޭ ޕާކުތައް ވެސް ހިމެނައިގެންނެވެ.