ކާކުކަން އެނގޭ ގޮތަށް އޭސީސީއަށް ހުށަހަޅާ މައްސަލައިގެ އަޕްޑޭޓް ފަސޭހައިން ލިބޭ ގޮތް ހަދައިފި
ކާކުކަން އެނގޭ ގޮތަށް އޭސީސީއަށް ހުށަހަޅާ މައްސަލައިގެ އަޕްޑޭޓް ފަސޭހައިން ލިބޭ ގޮތް ހަދައިފި

ކާކުކަން އެނގޭ ގޮތަށް އޭސީސީއަށް ހުށަހަޅާ މައްސަލަތަކުގެ އަޕްޑޭޓް، އެ މައްސަލަ ހުށަހެޅި މީހަކަށް ފަސޭހައިން ލިބޭނެ އިންތިޒާމް މިއަދު ހަމަޖައްސައިފި އެވެ.

އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި، އޮޓޮމެޓިކުން މައްސަލަތަކުގެ އަޕްޑޭޓް ފޮނުވޭ ގޮތަށް ތައްޔާރުކޮށްފައިވާ "ލިބީގެ" ލޯންޗުކޮށްދެއްވީ އޭސީސީގެ ރައީސް އާދަމް ޝާމިލް އެވެ.

އޭސީސީން ބުނީ އެ ނިޒާމުގެ ތެރެއިން މައްސަލަތަކުގެ ފުރިހަމަ އަޕްޑޭޓް ލިބޭނީ ފޯނު ނަމްބަރާއެކު، ކާކުކަން އެނގޭ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި އެކަނި ކަމަށެވެ.

އެގޮތުން، މައްސަލަ ހުށަހަޅާ ދުވަހުން ފެށިގެން އެ ބަލައި ނިމެންދެން، މައްސަލައާ ގުޅިގެން ކޮމިޝަނުން ގެންދާ ހުރިހާ މަރުހަލާއެއް ފެށުމުން އަދި ނިމުމުން މެސެޖުގެ ޒަރިއްޔާއިން އެކަމުގެ އަޕްޑޭޓް ލިބޭނެ ކަމަށް ބުންޏެވެ.

އެ ޕޯޓަލްގެ ސަބަބުން، ކޮމިޝަނަށް ހާޒިރުނުވެ އަދި އިތުރު ވަގުތު ހޭދަ ނުކޮށް މައްސަލައިގެ އަޕްޑޭޓް ލިބޭނެ ކަމަށް ވެސް ބުންޏެވެ. އޭގެ އިތުރުން މައްސަލަތައް އޮތް ހިސާބެއް ބެލުމަށް ހުށަހަޅާ ހުށަހެޅުންތަކަށް ޖަވާބު ދިނުމަށް ހޭދަކުރާ ވަގުތު ސަލާމަތްކޮށް، ހުށަހަޅާ މައްސަލައާ ގުޅިގެން ކޮމިޝަނުން ނިންމާ ނިންމުން ފަސޭހައިން އެނގިގެންދާނެކަން އޭސީސީން ފާހަގަކުރި އެވެ.