"ހައްދު" ކުޅެން ރިޝްފާ ފަލަވަނީ
"ހައްދު" ކުޅެން ރިޝްފާ ފަލަވަނީ

އަބްދުލް ފައްތާހް އަންނަ މަހު މަސައްކަތް ފަށާ ޑްރީމް ޕްރޮޖެކްޓް "ހައްދު" އަކީ އެ ފިލްމުގެ ތަރިންނަށް ފަސޭހަ މަސައްކަތެއް ނޫނެވެ.

"ހައްދު" ކުޅެން ރިޝްފާ ފަލަވަނީ
"ހައްދު" ކުޅެން ރިޝްފާ ފަލަވަނީ

ހާއްސަކޮށް، ފިލްމުގެ ލީޑް ރޯލް ކުޅޭ ތިން ތަރިންނަށް ވެސް ބޮޑެތި، ގުރުބާނީތަކެއް ވާން އޮތީ މަޖުބޫރުވެފަ އެވެ. އެ މީހުން އުފުލަން ޖެހޭ ބުރަ ބޮޑެވެ. ކުރަން ޖެހޭ މަސައްކަތް ވެސް އޮތީ ހައްދުން ނެއްޓިފަ އެވެ. އެންމެ ބޮޑު ކަމަކީ ކޮންމެ އެކްޓަރަކަށް ވެސް ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުމެވެ.

"ހައްދު" ކުޅެން ރިޝްފާ ފަލަވަނީ
"ހައްދު" ކުޅެން ރިޝްފާ ފަލަވަނީ

ބަތަލާ އައިމިނަތު ރިޝްފާއަކީ، އެ ޗެލެންޖް ނަގަން އެންމެ ބޮޑަށް ޖެހުނު އެކެކެވެ. ރާއްޖޭގެ ބަތަލާއިންގެ ތެރޭގައި އެންމެ ރީތި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މި ބަތަލާ އަށް މި ފަހަރު ޖެހުނު ހާލަކީ ބަރުދަން އިތުރު ކުރުމެވެ.

"ހައްދު" ކުޅެން ރިޝްފާ ފަލަވަނީ
"ހައްދު" ކުޅެން ރިޝްފާ ފަލަވަނީ

ފިލްމުގައި ދެ ގޮތަކަށް ރިޝްފާ ފެންނާނެ އެވެ. އެއީ ތަންކޮޅެއް ފަލަކޮށާއި ވަރަށް ލޫޅާފަތި ހަށިގަނޑަކާ އެކުގަ އެވެ.

"ހައްދު" ކުޅެން ރިޝްފާ ފަލަވަނީ
"ހައްދު" ކުޅެން ރިޝްފާ ފަލަވަނީ

"ކައިކައިގެން ފަލަވުން މިހާރު މިއޮތީ ކަމަކަށް. ފަލަވާން ބޭނުންވެގެން ވިއްސަކަށް ދުވަހު ބެންކޮކްގައި ވެސް އުޅެފައި މިއައީ. އެ ދުވަސްކޮޅު ހަމަ ކެއުން ކަމަކަށް އޮތީ. ހާއްސަކޮށް ރޭގަނޑު ދަންވި ވަރަކަށް، ފަލަވާ ކަހަލަ އެއްޗެހި ކެއުން އޮތީ،" ހިނިގަނޑެއް ޖަހާލައިފައި އޭނާ ބުންޏެވެ.

ރިޝްފާ ބުނީ ފަލަވާން ޖެހުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. އެކަމަކު މީގައި އެންމެ އުނދަގޫ ކަމަކަށް ވާނީ، ކުރިން ހުރި ބައްޓަމަށް ނުވަތަ އެއަށް ވުރެ ބޮޑަށް ހިކެން ޖެހުމެވެ.

"ހައްދު" ގެ މަސައްކަތް ތާވަލްކޮށްފައި އޮތް ގޮތުން އަންނަ މަހުގެ މެދުތެރޭގައި ފިލްމުގެ ޝޫޓިން ފަށައި، ރޯދައިގެ ކުރިއަށް ނިންމައިލާނެ އެވެ.

އެހެންވެ އޭނާގެ ބަރުދަނަށް ބޮޑު ބަދަލެއް އެ މުއްދަތުގެ ތެރޭގައި ގެންނަން ޖެހޭނެ އެވެ.

ފަލަވާން ރިޝްފާ ކުރި މަސައްކަތުގެ ތެރޭގައި އޭނާ ވަނީ މިހާތަނަށް ކުރިން ހުރި ބަރުދަނަށް ވުރެ ހަތަރު ކިލޯއެއްހާ ބަރުދަން އިތުރުކޮށްފަ އެވެ. ފެށި އިރު، ބަރުދަން 48 ގައި ހުރި ނަމަވެސް މިހާރު ބަރުދަނަކީ 51 ކިލޯ އެވެ.

"ދެން ހިކުން ކަންނޭނގޭ މީގެ އެންމެ ބޮޑު ޗެލެންޖަކަށް ވާނީ. އެކަމަކު ދެން ފިލްމުގެ މަސައްކަތް ފެށީމަ އެނގޭނީ ދޯ ވާނެ ގޮތެއް،" ދިލަކަނި އާއި ނޭނގި ޔާރުވީ ވަކިވީ ފަދަ ފިލްމްތައް ކުޅެފައިވާ ބަތަލާ ބުންޏެވެ. "މިހާރު މީހާގެ ބައްޓަން މިހުރީ ހުރިހާ ތަނެއް އެއްވަރުވެފައި. ކަނދުރާއެއް ވެސް ނެތް. ބަނޑެއްލައިފައި ހުރީމަ ބޯޅަހެން މި ހުންނަނީ. ދެ ކޯ ވެސް މި ހުރީ ފުފިފައި."

އެހެންވެ ރިޝްފާ މިހާރު އުޅެނީ ވަރަށް ފިލަފިލައިގެންނެވެ. ބެންކޮކަށް ދިޔައީ ވަޒީފާ އަދާ ކުރާ ޔޫތު މިނިސްޓްރީން ޗުއްޓީ ވެސް ނަގައިގެންނެވެ. އޭނާ މިހާރު ވަނީ ގެއިން ބޭރަށް ނިކުތުން ވެސް އެއްކޮށްހެން މަޑުޖައްސާލައިފަ އެވެ.

ކުރިން އޭނާ މަސައްކަތް ފަށާފައި އޮތް އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ފިލްމް "ދޭތީ އަނިޔާ" ވެސް ވަނީ ރިޝްފާ ފަލަވެގެން މެދުކަނޑާލައިފަ އެވެ. އެ ފިލްމުގެ މަސައްކަތް އަލުން ފެށެން އޮތީ، ކުރިން ހުރި ބައްޓަން ގެނެވިގެންނެވެ.

"ހަމަ މިހާރު ގޭގައި މި ހުންނަނީ. އެއްވެސް ތާކަށް ނުނިކުންނަން. ދެން ބައެއް ފަހަރު ދަންވަރު ކޮފީއެއް ކަހަލަ އެއްޗެއް ބޯލަން ނިކުމެލަން. އެހެން ނޫނީ ހަމަ މިހާރު މުޅިން ގޭތެރޭގައި އެންމެންނަށް ފިލައިގެން ކަހަލަ ގޮތަކަށް މިއުޅެނީ،" މިދިޔަ އަހަރު "ނޭނގި ޔާރު ވަކިވީ" އިން ފެނުނު ބަތަލާ ބުންޏެވެ. "މީހަކަށް ފެނިއްޖެއްޔާ އެންމެ ފުރަތަމަ އަންނަ ރިއެކްޝަނަކީ މިހާރު ހާދަ ފަލައޭ."

އޭނާ ބުނީ "ހައްދު" އަށް ބޮޑު ގުރުބާނީއެއް ވާން ޖެހުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެއީ ފައްތާހުގެ ފިލްމަކުން ފުރުސަތު ލިބުމުންވީ އުފާ ބޮޑުކަމުންނެވެ.

"ފައްތާހާއި ނިއުމާގެ ކޮލަބަރޭޝަނަކަށްވީމަ ސްކްރިޕްޓް ވެސް ނުކިޔައި، ފިލްމަށް އެއްބަސްވީ. އަސްލު އެނގޭ އެ މީހުންގެ އެއްޗެއް ވިއްޔާ ކޮލިޓީވާނެކަން، ރަނގަޅު ވާނެކަން. އެހެންވެ އެއްބަސްވީ،" ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ވެސް ފެނިފައިވާ ރިޝްފާ ބުންޏެވެ.

އޭނާ ބުނީ "ހައްދު" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ އަދި ބެލުންތެރިންގެ ވިސްނުން ކުރިން ނުވެސް ނެތް ދިމަދިމާ އަށް ގެންގޮސް ދޭނެ ފިލްމެއް ކަމަށެވެ.

"އަސްލު މީގައި ދިވެހިންގެ ތެރޭގައި ހުރި ވަރަށް ގިނަ އިޝޫތަކެއް ފެނިގެން ދާނެ. ވަރަށް ހީނުކުރާ ކަހަލަ އެކަމަކު ވިސްނަން މަޖުބޫރުވާ ކަހަލަ ކަންކަން ފިލްމުގައި ހުންނާނެ. މަގޭ ކެރެކްޓާ އަށް ބެލިޔަސް، ވަރަށް ޑިމާންޑިން ރޯލެއް މިއީ،" ރިޝްފާ ބުންޏެވެ. "އެހެންވެ ވަރަށް ހިތްހަމަޖެހިފައި މި ހުރީ."

"އަދިވެސް ތި ލޯތްބަށް ގަދަރު ކުރަން" އާއި "ވަކިވުމުގެ ކުރިން" ފަދަ ޑްރާމާތަކުން ވެސް އާންމުންގެ ލޯބި ހޯދާފައިވާ ބަތަލާ ބުނީ "ހައްދު" އަކީ ބެލުންތެރިން ގިސްލުވައިލާނެ ފިލްމަކަށް ވެސް ވާނެ ކަމަށެވެ.

"މީގައި ހުންނާނެ ވަރަށް ގިނަ އިމޯޝަންތައް. ޔަގީނުން ވެސް މިއީ ބަލާފައި އޯޑިއަންސް ރޯނެ ފިލްމެއް." ފިލްމްގެ ސްކްރިޕްޓާއި އޭގެ ޑައިލޮގްތައް ކިޔާލާ އިރު، އަމިއްލަ އަށް ވެސް ރޮވޭކަން ފާހަގަކޮށް ރިޝްފާ ބުންޏެވެ.

އޭނާ ދޭ ޔަގީން ކަމަކީ ފައްތާހު ވެސް ބުނެފައިވާ ގޮތަށް "ހައްދު" އަކީ ހަމަ އާދައިގެ ފިލްމަކަށް ނުވާނެ ކަމެވެ. ފިލްމްގައި ބަލާލަން ޖެހޭ ކަހަލަ ކިތަންމެ ކަމެއް ހުންނާނެ އެވެ.

އެކަން "ހައްދު" ގެ އިންތިޒާރުގައި ތިބި މީހުންނަށް ކަށަވަރު ވާނީ ސެޕްޓެމްބަރު ހައެއްގަ އެވެ.