29 ޖުލައި 2024 - 09:20

އިނގިރޭސި ވިލާތުގެ ލިއޮން އެޑްވަޑްސް ބަލިކޮށް ވެލްޓާވެއިޓް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދައި އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްއެސީ) ކާމިޔާބުކުރި ފަލަސްތީނުގެ ފުރަތަމަ މިކްސް މާޝަލް އާޓްސް ތެޅުންތެރިޔާގެ ޝަރަފް ބިލާލް މުހައްމަދު ހޯދައިފި އެވެ.

އެމެރިކާގެ ޝިކާގޯ އަށް ހިޖުރަކުރި ފަލަސްތީން ދެމަފިރިއަކަށް އެ ގައުމުގައި އުފަންވި އުމުރުން 36 އަހަރުގެ ބިލާލް މެޗުގެ ކުރިން ބުނީ މިއީ ހަމައެކަނި އޭނާގެ ވާދަކުރުމެއް ނޫން ކަމަށާއި މިއީ އިޒްރޭލުގެ ލާއިންސާނީ އަނިޔާތައް ތަހައްމަލުކުރަމުން އަންނަ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އޭނާ ނުކުންނަ މެޗެއް ކަމަށެވެ.
މެންޗެސްޓާގައި އޮތް މި މެޗުގައި ބިލާލްގެ ފަރާތުން ފެނުނީ އެހެން މެޗުތަކުން ނުފެންނަ ފަދަ ހިތްވަރެކެވެ. މެޗު ފުރަތަމަ ސިކުންތުން ފެށިގެން ނިމުމާ ހަމަޔަށް ޑޮމިނޭޓްކޮށް ބިލާލް ވަނީ އެޑްވަޑްސްގެ ބަލިނުވުމުގެ ސިލްސިލާ އަށް 12 މެޗަށް ފަހު ނިމުން ގެނެސްފަ އެވެ.
"އެންމެ ފުރަތަމަ އަދި އަބަދުވެސް ﷲ ސުބުހާނަހޫ ވަތައާލާ. މި ތެޅުމަކީ އަހަރެންގެ އާއިލާ އާއި އަހަރެންގެ މީހުންނާއި، ފަލަސްތީނަށްޓަކައި އަހަރެން ކުރި ހިތްވަރެއް،" މެޗަށް ފަހު ފަލަސްތީން ދިދައެއް ގައިގައި އޮޅައިގެން ހުރެ ބިލާލް ބުންޏެވެ.
މެޗުގެ ޕްރޮމޯޝަނުގައި ވެސް އޭނާ ވަނީ ފަލަސްތީނުގެ ދިދަ ވިހުރުވައި، އިޒްރޭލަށް ވަރަށް ބޮޑަށް ނުހުރުން ފާޅުކޮށްފަ އެވެ. އެމެރިކާ ރައްޔިޔަތަކަށް ވިޔަސް، އޭނާ އަކީ ފަލަސްތީނު ދަރިކޮޅުކަން ވަރަށް ބޮޑަށް ހަނދާންކޮށްދިން ބިލާލް މެޗުތަކަށް ނުކުތުމުގެ ކުރިން ބޭނުންކުރީ ވެސް "ފަލަސްތަނަކީ އަހަރެންގެ ލޭ" މި ލަވަ އެވެ.
ބިލާލް މީގެ ކުރިން ވެސް، ވަނީ ދުނިޔެ އަށް މަޝްހޫރު ތެޅުންތެރިއެއްގެ ހައިސިއްޔަތުން އޭނާ އަކީ "އަޑެއް ނެތް މީހުންގެ އަޑު" ކަމަށް ސިފަކޮށްފަ އެވެ.
"ފަލަސްތީނުގެ ދިދަ އުފުލާނެ ޕްލެޓްފޯމެއް ލިބިފައިވާ އެ ގައުމުގެ މާ ގިނަ އެތުލީޓުންނެއް ނެތް. އެހެންވެ ހާއްސަކޮށް މިވަގުތު އަހަރެން ޖެހޭ، ކުރިއަށް ވުރެ އުހަށް ފަލަސްތީނު ދިދަ އުފުލަން. އަހަރެން އެބަޖެހޭ ދުނިޔެ އަށް ދައްކަން އަހަރެމެންނަކީ ވެސް ތިބިބައެއް ކަމާއި، މިއީ ވެސް ގައުމެއް ކަމާއި، މިތަނުގައި ވެސް ތިބީ ހަގީގީ އިންސާނުންކަން،" 2021 ވަނަ އަހަރު އިޒްރޭލުން ދިން ހަމަލަތަކާ ގުޅިގެން އޭނާ ބުނެފައިވެ އެވެ.