28 ޖުލައި 2024 - 23:25

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިކޯސިސްޓަމް އެޓްލަސްއެއް ނުވަތަ މައުލޫމާތާއި ޗާޓުތައް ހިމެނޭ ފޮތެއް އެކުލަވާލަން ގްރޫޕް އޮފް އާތު އޮބްޒަވޭޝަންސް (ޖީއީއޯ) އާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ "ދަ ގްލޯބަލް އިކޯސިސްޓަމް އެޓްލަސް އެކްސެލެރޭޓާ ފޯ ދަ މޯލްޑިވްސް" ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ ދަށުން ހަދާ އެޓްލަސްގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭނެ ކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ ރޭވުންތަކަށާއި ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލުކުރުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއަކީ ގޮނޑުދޮށާއި ކަނޑުގެ ވެއްޓަށް ބަރޯސާވާ މިންވަރު ބޮޑު ގައުމަކަށްވާތީ، މިފަދަ އެޓްލަސްއެއްގެ މުހިންމުކަން ވަރަށް ބޮޑެވެ.
ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި މުހިންމު ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި ގެއްލުން ލިބިފައިވާ ސަރަހައްދުތައް އާރާސްތުކުރުމަށް ވެސް މި އެޓްލަސް އެހީތެރިވެދޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
އެ އެޓްލަސްގައި ރާއްޖޭގެ ތިމާވެށީގެ ވައްޓަފާޅިތަކުގެ ބާވަތްތަކާއި އެ ސަރަހައްދުތަކުގެ މައުލޫމާތު އަދި ފަންނީ ލިޔެކިޔުންތައް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއު ކުރިޔަށް ދާނީ ޔޫއެސްއެއިޑްގެ އެހީގައި ރީޖެނެރޭޓް ޕްރޮޖެކްޓްގެ ދަށުން އައިޔޫސީއެންއާ ގުޅިގެން ކުރިން ދެނެގަނެފައިވާ ރާއްޖޭގެ ތިމާވެށީގެ ވައްޓަފާޅިތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.