30 ޖުލައި 2024 - 09:56

ދިރާގު ޓެކާސް ރިސޯޓް ފުޓްސަލް ކަޕުގެ މި އަހަރުގެ ދ. ޒޯނުގެ ކުޅުން އަންނަ ބުރާސްފަތި ދުވަހު ސަންސިޔާމް އިރުވެލި ރިސޯޓުގައި ފަށަން ތައްޔާރު ވެއްޖެ އެވެ.
ދ. ޒޯނުގައި ތިން ރިސޯޓަކުން ބައިވެރި ވެފައި ވެ އެވެ. އެއީ އިރުވެލީގެ އިތުރުން ސަންސިޔާމް ވިލު ރީފް އާއި ބަގްލިއޯނީ މޯލްޑިވެސް އެވެ.
މިދިޔަ އަހަރު މި ޒޯނުގެ ޗެމްޕިއަންކަން ހޯދި ސެއިންޓް ރެޖިސް ވޮއްމުލި ރިޒޯޓާއި ފައިނަލް ކުޅުނު ކަނޑިންމަ މޯލްޑިވްސް ވެސް މިއަހަރު ވާދައެއް ނުކުރެ އެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް އޮގަސްޓް 7 ވާ ބުދަ ދުވަހު ކުޅޭ ފައިނަލަށް ހޮވޭނެ އެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ، ބާކީ ދެ ޓީމު ބައްދަލުކޮށް، މޮޅުވާ ޓީމަކަށެވެ.
ހަތް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ދ. ޒޯނުގެ ޗެމްޕިއަން ޓީމު، މުބާރާޓުގެ ސެމީ ފައިނަލަށް ހޮވޭނެ އެވެ. ސެމީގައި ވާދަކުރަން ޖެހޭނީ ސައުތު ކާފްގެ ޗެމްޕިއަން ހާޑްރޮކް މޯލްޑިވްސްއާ ދެކޮޅަށެވެ.
- 1 އޮގަސްޓް: ސަންސިޔާމް އިރުވެލި / ސަންސިޔާމް ވިލު ރީފް
- 2 އޮގަސްޓް: ބަގްލިއޯނީ މޯލްޑިވްސް / ސަންސިޔާމް އިރުވެލި
- 3 އޮގަސްޓް: ބަގްލިއޯނީ މޯލްޑިވްސް / ސަންސިޔާމް ވިލު ރީފް
- 5 އޮގަސްޓް: ގުރޫޕް 2 ވަނަ / ގުރޫޕް 3 ވަނަ
- 7 އޮގަސްޓް: ފައިނަލް