ޑްރޯން އުދުއްސާލި މައްސަލައިގައި ކެނެޑާ އަތުން ހަ ޕޮއިންޓް އުނިކޮށް، ކޯޗުން ސަސްޕެންޑް ކޮށްފި
ޑްރޯން އުދުއްސާލި މައްސަލައިގައި ކެނެޑާ އަތުން ހަ ޕޮއިންޓް އުނިކޮށް، ކޯޗުން ސަސްޕެންޑް ކޮށްފި

ސެއިން އެޓިއެނީ (ޖުލައި 28) - ޑްރޯން ބޭނުން ކޮށްގެން އިދިކޮޅު ޓީމުގެ ތަމްރީނުތައް ބަލައި ޖާސޫސް ކުރި މައްސަލާގައި، އޮލިމްޕިކްސްގައި ވާދަކުރާ ކެނެޑާގެ އަންހެން ފުޓްބޯޅަ ޓީމު އަތުން ހަ ޕޮއިންޓް އުނިކޮށް، ތިން ކޯޗުން އެއް އަހަރަށް ސަސްޕެންޑް ކުރަން ފީފާ އިން ނިންމައިފި އެވެ.

ބުދަ ދުވަހު ނިއުޒިލެންޑާ ދެކޮޅަށް ކުޅުމުގެ ކުރިން ދެ އެސިސްޓެންޓް ކޯޗުން ޖާސޫސް ކުރަން ޑްރޯން ބޭނުންކުރަނިކޮށް ފަޅާއެރުމުން ފީފާ އިން ވަނީ ކެނެޑާގެ ފުޓްބޯޅަ ފެޑެރޭޝަން 200،000 ސްވިސް ފްރޭންކް (226،000 ޑޮލަރު) އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ނިއު ޒިލެންޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އެސިސްޓެންޓް ކޯޗުން ކަމަށްވާ ޖޯސެފް ލޮމްބާޑީ އާއި ޖޭސްމިން މެންޑާ، ޑްރޯން ބޭނުން ކުރަނިކޯށް ފާޅާ އެރުމާ ގުޅިގެން، މެޗުގެ ކުރިން ހެޑް ކޯޗު ބެވް ޕްރީސްޓްމަން ވަނީ ޒިންމާތަކުން އެކަހެރި ވެލައިފަ އެވެ.

ފީފާ އިން މި ވަނީ ތިން ކޯޗުން ވެސް އެއް އަހަރު ދުވަހަށް ފުޓްބޯޅައިން ސަސްޕެންޑް ކޮށްފަ އެވެ.

ފީފާގެ ވަކީލުން ހާމަކުރާ ގޮތުގައި ތިން ކޯޗުން ވެސް ވަނީ ފީފާގެ ފެއާޕްލޭ ގަވާއިދާ ހިލާފު ވެފަ އެވެ. އަދި ޓީމުގެ ސްޓާފުން ކުޅިވަރުގެ ރޫހާ ހިލާފު ވީ ކަމަށްޓަކައި ކެނެޑާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ޒިންމާ ނަގަން ޖެހެ އެވެ.

އުމުރުން 38 އަހަރުގެ އިނގިރޭސި ކޯޗު ޕްރީސްޓްމަން ކެނެޑާގެ ގައުމީ ޓީމާ ހަވާލުވީ 2020 ވަނަ އަހަރެވެ. އަދި އޭނާގެ ކޮންޓްރެކްޓް އޮތީ 2027 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕާ ހަމައަށެވެ.

އެސިސްޓެންޓް ކޯޗުން ޑްރޯން ދުއްވައި އިދިކޮޅު ޓީމުގެ ޓްރޭނިން ވީޑިއޯ ކުރަނިކޮށް ފްރާންސްގެ ފުލުހުން އަތުލައިގަތުމާ އެކު ކޯޗު ޕްރީސްޓްމަން ޒިންމާތަކުން އެކަހެރި ވެލުމާ ގުޅިގެން ނިއު ޒިލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމަށް އިރުޝާދު ދިނީ ވަގުތީ ކޯޗު އެންޑީ ސްޕެންސް އެވެ. އެ މެޗުން ކެނެޑާ ވަނީ 2-1 އިން މޮޅުވެފަ އެވެ.

ކެނެޑާ އަކީ އެންމެ ފަހުން ޖަޕާނުގައި ބޭއްވި ޓޯކިއޯ އޮލިމްޕިކްސް 2020 ގެ ޗެމްޕިއަނުންނެވެ. ގުރޫޕް ސްޓޭޖުގައި ދެ މެޗު ބާކީ އޮއްވައި ފީފާ އިން ކެނެޑާ އަތުން ހަ ޕޮއިންޓް އުނި ކުރުމާ ގުޅިގެން، މި އަހަރުގެ މުބާރާތުގައި ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދަން ކެނެޑާ އަށް ޖެހޭނީ ތިން މެޗުން ވެސް މޮޅުވާށެވެ. ތިން މެޗުން މޮޅު ވިއަސް އެޓީމަށް ލިބޭނީ ތިން ޕޮއިންޓެވެ.

މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅުމުގެ ފުރުސަތު ކެނެޑާ އަށް އެބަ އޮތެވެ.

ގުރޫގްގައި ކެނެޑާ ކުޅޭ ދެވަނަ މެޗުގައި މިއަދު ފްރާންސް އާ ދެކޮޅަށް ކުޅޭއިރު، ފަހު މެޗުގައި އަންނަ ބުދަ ދުވަހުގެ ރޭ ކޮލަމްބިއާ އާ ދެކޮޅަށް ކުޅޭނެ އެވެ.