28 ޖުލައި 2024 - 10:44

ލިޔޯން (ޖުލައި 28) - ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި އިޒްރޭލުގެ ދިދަ ކައިރީގައި އިރާގުގެ ދިދަ ނުބަހައްޓަން އިރާގުން އައިއޯސީގައި އެދުމުން އައިއޯސީން އެކަމާ ދެކޮޅު ހަދައިފި ކަމަށް އިރާގުގެ ޑެލިގޭޓުން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު އިރާގުން ވަނީ 2-1 އިން ޔޫކްރޭން ބަލިކޮށްފަ އެވެ. ނަމަވެސް އިއްޔެ އާޖެންޓީނާ އަތުން ވަނީ 3-1 އިން ބަލިވެފަ އެވެ.
"އަހަރެމެން [ބުދަ ދުވަހު] ލިޔޯން ސްޓޭޑިއަމަށް އައި އިރު އިރާގުގެ ދިދަ ހުރީ އިޒްރޭލު ދިދަ ކައިރީގައި،" އިޒްރޭލު ޓީމަށް ލިޔޯންގައި މެޗެއް ކުޅެން ޝެޑިއުލްގައި ނެތް ކަން ހާމަ ކުރަމުން އިރާގު ޑެލިގޭޝަންގެ އެންމެ އިސްވަރިޔާ ހަރުދާ ރައޫފް ފްރާންސްގެ އޭއެފްޕީ އަށް ދިން އިންޓަވިއު އެއްގައި ބުންޏެވެ.
އޭނާ ބުނީ، އިޒްރޭލުގެ ދިދަ އެހެން ދިމާއަކަށް ބަދަލު ކޮށްދޭން ނުވަތަ އެ ދިދަ ނަގައިދޭން އައިއޯސީގެ އޮފިޝަލެއް ގާތުގައި އެދުމުން އެކަމާ ދެކޮޅު ހަދާފައި ވާކަމަށެވެ.
އައިއޯސީން އިރާގުގެ އެދުމަށް ދެކޮޅު ހެދީ، ބައިވެރިވާ ހުރިހާ ގައުމެއްގެ ދިދަތައް އެތުރިފައި ހުންނަން ޖެހެނީ އިނގިރޭސި އަލްފަބެޓިކަލް އޯޑަރުން ކަމަށް ވާތީ އެވެ.
އިއްޔެ އާޖެންޓީނާއާ ދެކޮޅަށް ކުޅުމުގެ ކުރިން އިރާގުގެ ޑެލިގޭޓުން ވަނީ އެކަމަށް ރަސްމީކޮށް އައިއޯސީގައި އެދިފަ އެވެ. ނަމަވެސް އެ މެއިލްގެ ޖަވާބުގައި ވެސް އައިއޯސީން ވަނީ އިރާގުގެ އެދުމަށް ދެކޮޅު ހަދައިފަ އެވެ.
ބުދަ ދުވަހު އިޒްރޭލާއި މާލީ 1-1 އިން އެއްވަރުވި މެޗުގެ ސެކިއުރިޓީ ބަލަހައްޓަން ހާހެއްހާ ފްރާންސްގެ ސިފައިން ހަރަކާތްތެރި ވިއިރު، މާލީގެ ސަޕޯޓަރުން ވަނީ ސްޓޭޑިއަމްގައި ފަލަސްތީނުގެ ދިދަ ވިހުރާލައިފަ އެވެ.
ފަލަސްތީނުގެ އޮލިމްޕިކް ކޮމިޓީން ވަނީ މިދިޔަ ހަފްތާ، އިޒްރޭލު އެތުލީޓުންނަށް އޮލިމްޕިކްސްގައި ވާދަ ނުކުރެވޭ ގޮތް ހަދައިދޭން އައިއޯސީގައި އެދިފަ އެވެ. އެކަމަށް ވެސް އައިއޯސީން ހެދީ ދެކޮޅެވެ.