28 ޖުލައި 2024 - 06:08

މުޅި ތަން ހީވަނީ ރަތް ލޭގަނޑެއް ހެންނެވެ. ތަޅުންގަނޑާއި ފާރުތަކާއި ފަންގިފިލަ އާއި ދިއްލާފައި ހުރި ބޮކިތަކާއި އެންމެންގެ ކުލައަކީ ވެސް ރަތެވެ. ކުޑަމޭޒުމަތީގައި އޮތް ރަތް ފޮތިކޮޅުގެ މަތީގައި ހުރި ކޭކު ވެސް ރަތެވެ. އަހަންނަކީ ދުވަހަކު ރަތް ގަމީހެއް ލީ މީހެއް ވެސް ނޫނެވެ. އެކަމަކު އަހަރެން ވެސް ހުރީ ރަތް ގަމީހެއް ލައިގެން ނިކަން ހެވިފަ އެވެ. މަތީން ހުރީ ހައިރާން ވެފަ އެވެ.
"އަހަރެން ހީ ވެސް ނުކުރާ ހާޝިމެއް މި ފެންނަނީ،" މައިކުން އަޑު ނައިސްގެން އުޅޭ ހާޝިމަށް ބަލަހައްޓައިގެން ހުރި މަތީން ބުންޏެވެ. "އޭނާ ވަރަށް ޕްރޮފެޝަނަލް. ޕާސަނަލްއެއް ނޫން."
މަތީނަކީ އަހަރެންނާ ތިމާގެ މީހެކެވެ. އަހަރުމެން މަސައްކަތް ކުރަނީ އެއް އޮފީހެއްގަ އެވެ. ރެޔަކީ، ޑީއެމްޑީގެ މަގާމަށް މީހަކު އިސްކޮށްގެން އެ ކަމުގެ އުފާފާޅުކުރާ ރެޔެވެ. އޮފީހުގެ ގިނަ ބަޔަކު އެ މަގާމަށް ފައި ނެގި އެވެ. އެ ގޮނޑި ލިބުނު ނަސީބުވެރިޔަކީ އަހަންނެވެ. ޕާޓީ ވަރަށް ކުލަ ގަދަ އެވެ. އެންމެން އަތުން ޗަންދާ ނަގައިގެން ޕާޓީ ރޭވުމުގައި އެންމެ އިސްކޮށް އުޅުނީ ހާޝިމެވެ. ޑީއެމްޑީގެ މަގާމު ލިބޭނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި މީހަކީ ވެސް ހާޝިމެވެ. މަގާމު ހޯދަން އުޅުނު އިރު، ކޮންމެ މީހަކު ވެސް ޖެހުނީ އަމިއްލަ އަށް އިޝްތިހާރު ވާށެވެ. ވެރިން ގާތުގައި ތިމާގެ މޮޅު ވާހަކަ އަމިއްލަ އަށް ދައްކާށެވެ. ތިމާ ނޫން އެހެން މީހުން ކިހައި ކުފޫ ހަމަ ނޫން ކަން ސާބިތު ކޮށްދޭށެވެ. އެންމެން ވެސް އެ ކަން ކުރިއެވެ. އެހެނަސް، މަތީން ދުށް ގޮތުގައި ހާޝިމް ޒާތީ ގޮތުން އަހަންނާ ޖައްސައިލި އެވެ.
"އެކަމަކު.." މަތީން ވަރަށް މަޑުމަޑުން ބުންޏެވެ. "މި ރަތްކުލަ މިއީ ކިހިނެއް ވެގެން އައި އެއްޗެއް؟ ކީއްކުރާ ކޭކެއް؟ މީހަކަށް އަހަރެއް ފުރިގެންތަ މި އުޅެނީ؟ ކީއްވެބާ މި ގޭގައި ޕާޓީ ބޭއްވީ؟ އަހަރުމެން ބޭނުންވީ ރެސްޓޯރަންޓެއްގަ ބާއްވަން. ގެ ދައްކާލަން ހާޝިމް ބޭނުންވީބާ؟ އެކަމަކު މި ގެއަކު ނެތެއްނު މީހަކު ބަލާނެ އެއްޗެއް."
"ވެދާނެއްނު ހިތް ދައްކާލީ ކަމަށް،" އަހަރެން ބުނީމެވެ. "ޕޮޒިޓިވްކޮށް އަހަރެން ނަގާނީ."
އެ ވަގުތު ހާޝިމް މައިކުން ވާހަކަ ދައްކަން ފެށި އެވެ. ކަރޯކޭ އޮންނާތީ ދެ މައިކު އޮތެވެ. އެއް މައިކު ދިނީ އަހަރެން އަތަށެވެ. އަހަރެން ވެސް ބައިވެރި ކޮށްގެން މަޖާ ވާހަކަ ކޮޅެއް ދެއްކުމަށް ފަހު، ފުރަތަމަ ވެސް އޮތީ ކޭކުފެޅުމެވެ. އުސް ޓަވަރެއް ހެން ހުރި ކޭކު ފެޅީ އަހަރެން ލައްވަ އެވެ. ފެޅުމާ އެކު، ހާޝިމް ކޭކުކޮޅެއް އަހަރެންގެ އަނގަޔަށް ލެއްވި އެވެ. ދެން ދިމާވީ ވަރަށް ހިތްދަތި ގޮތެކެވެ. ހާޝިމް އަތުން ޖެހިފައި ކޭކު ވެއްޓި ތަރަވީ އެވެ. ހާޝިމް ވަގުތުން ކޭކު ކަހާލައިގެން ގެންގޮސް ކުނިއަޅާ ކޮތަޅަށް އަޅައިލި އެވެ. ކޭކުގެ ރަހަ އެނގުމުގެ ނަސީބު ލިބުނު ހަމަ އެކަނި މީހަކީ އަހަންނެވެ. މުޅި ތަނުގައި އޮތީ ހުނުމުގެ އަޑެވެ.
އަހަރެން ދިރިއުޅެނީ ހުޅުމާލޭގަ އެވެ. ވުމާ އެކު، ޕާޓީ ނިންމައިފައި ގެއަށް ދާން ދަތުރު ފެށީމެވެ. ތަންކޮޅެއް ގިނައިން ކެއުމުގެ ސަބަބުން އަހަރެން ހުރީ އުނދަގޫ ވެފަ އެވެ. ބުރިޖުގެ މެދަކާ ހިސާބުން ދުނިޔެމަތި އަނދިރިވެލި އެވެ. ވައިގަ ދަވި އެވެ. އަހަރެން ހީކުރީ ވާރޭ އަންނަން އުޅެނީ ކަމަށެވެ. ކުރިޔަށް ވުރެ ދުވެލި ބާރު ކޮށްލާފައި ގޮސް ހުޅުލެއާ ހިސާބުން އުދަރެހަށް ކަޅިއެއް އެއްލުނެވެ. އަހަންނަށް ފެނުނީ ތަރިތައް ވިދައި ބަބުޅާ ތަނެވެ. ވިއްސާރައިގެ އެއްވެސް އަލާމާތެއް ނެތެވެ. ހިތަށް އެރި އެވެ. ދުނިޔެމަތި އަނދިރިވިހެން އަހަންނަށް ހީވީ އެވެ.
އެޕާޓުމަންޓަށް ގޮސް ކޮޓަރި އަށް ވަން އިރު، ކޮޓަރި ހީވަނީ އަނދިރި ގުޅައެއް ހެންނެވެ. އެކަމަކު އަހަރެންގެ އަންހެނުންނަކީ އަނދިރީގައި ނިދާ މީހެއް ނޫނެވެ. އަހަރެން އެނބުރިފައި ސުވިޗުގައި އަތްޖައްސައިލި އިރު ސުވިޗު ހުރީ ޖައްސައިފަ އެވެ. ދެން އެނބުރިލި އިރު ކޮޓަރި އައްޔެވެ. އެ ފަހަރު އަހަންނަށް ޝައްކުވި އެވެ. ހިތަށް އެރި އެވެ. އަހަންނަށް ކޮންމެވެސް ކަމެއް އެބަ ވެ އެވެ. އެނދުގައި އިށީނދެލީމެވެ. ވިސްނައިލީމެވެ. އަހަންނަކީ ހަކުރު ބަލި ހުންނަ މީހެއް ނޫނެވެ. ޕުރެޝަރު މައްޗަކަށް ނުދެ އެވެ. ކޮލަސްޓްރޯލުގެ މައްސަލަ ހުންނަ މީހެއް ވެސް ނޫނެވެ. ނަސީބު ދިމާކުރި ގޮތުން، އަހަރަކު އެއްފަހަރު އަހަރެން ހަދާ ޓެސްޓުތައް ހެދިތާ ހަފުތާއެއް ނުވެ އެވެ. އެއްވެސް މައްސަލައެއް ނެތެވެ. އެ ފިކުރުގައި އިންދައި ކަންފަތް ބައްވި އެވެ. ތޫލި އަޑެއް އެރި އެވެ. ހިތް އަވަސް ވިހެން ވެސް ހީވި އެވެ. އަހަރެން ތެދުވެ މޭގައި އަތް އުނގުޅައިލީމެވެ. ފުންކޮށް ދެތިން ނޭވައެއްލައި، ފެންތަށްޓެއް ބޯލައިގެން އައިސް އެނދުގައި އޮށޯވެލީމެވެ. އިތުރު ކަމެއް ނުވެ ކަންފަތުގެ ބައްކަން ފިލި އެވެ. ވިސްނަން އެހެން އޮއްވައި އަހަންނަށް ނިދުނީ އެވެ.
ހޭލެވުނީ ހެނދުނު އެވެ. އޮފީހަށް ދާން އަންހެނުން ގޮވީމައެވެ. އަހަންނަކީ، ނިދަން ލާ ޓީޝާޓާއި ސޯޓުގައި ނޫނީ ދުވަހަކު ވެސް ނިދި މީހެއް ނޫނެވެ. އަންހެނުން އެ ސުވާލު ކުރި އެވެ. ވީ ގޮތް އަހަރެން ކިޔައިދިނީމެވެ.
"އެހެންވެ އަހަރެން މި ބުނަނީ ތިހާ ބިޒީކޮށް ނޫޅޭށޭ!" ބުރަކަށީގައި ފިރުމައިލަމުން އަންހެނުން ބުންޏެވެ. "ހަމަ ބުނާ އިރަށް ބުނާނެ ކެންޕޭން ކުރަން ޖެހެޔޭ! މިހާރު ދެން އެ ކަން ވެސް ނިމުނީނު. ދެން ޗުއްޓީ ނަގާ!"
"އިއްޔެ ޑީއެމްޑީއަކަށް ވީ،" އަހަރެން ތެދުވަމުން ބުނީމެވެ. "މިއަދު ޗުއްޓީ؟ ވީކެއް ވަރު ކޮށްލާފައި ނަގާނީ. މިހާރު އޯކޭއޭ!"
ފެންވަރައި ހަމަޖެހިލައިގެން، ސައިބޮއިގެން ނުކުތީމެވެ. އަހަރެން ސައިކަލު ބަހައްޓަނީ ތަންކޮޅެއް ދުރުގައި އޮންނަ ހިޔާގަނޑެއްގަ އެވެ. މަގުން ގޮސް އެ ދިމާ އަށް ހަމަ ގޯޅިއެޅުމާ އެކު، ކަންފަތް ކައިރިން ވައިކަފާފައި އެއްޗެއް ދިޔަހެން ހީވި އެވެ. ބަލައިލި އިރު ފެނުނީ ކާޅެކެވެ. ދެ ފަހަރަކު ކާޅު ގޮވައިލި ވެސް މެ އެވެ. އަހަރެންގެ ކަންފަތާ އެހައި ކައިރިން ކާޅު ދިޔައީ ކީއްވެގެން ހެއްޔެވެ؟ އެހެން ހިތަށް އެރުން ފިޔަވައި، އެ ދުވަހު އިތުރު އެއްޗެއް ހިތަކަށް ނާރަ އެވެ. ސައިކަލުގައި މާލެ އަށް ނައްޓައިލީއެވެ.
ބުރިޖު މަތިން ގޮސް ކަނޑުގެ މެދަކާ ހަމައަށް ދެވުނު ތަނާ، އެއްކޮށް އަނދިރިވެލާފައި އަލިވި އެވެ. ހީވީ ސިކުންތަކަށް ލޯމެރުނުހެންނެވެ. ކާޅުގެ އަޑުއިވުނުހެން ހީވެގެން ވަށައިގެން ހޯދައިލެވުނެވެ. ކާޅެއްގެ ހިލަމެއް ނެތެވެ. އެކަމަކު އެހާ ހިސާބުން، ކަޅު ކުލަ އަށް އަހަރެންގެ ލޯ ސަމާލުކަން ދޭން ފެށިއެވެ. ހީވަނީ އެހެން ކުލައެއްގެ އެއްޗެއް އަހަރެންގެ ލޮލުގައި އަޅައި ނުގަންނަހެންނެވެ. ކަޅު ކާރާއި ކަޅު ހެދުމާއި ކަޅު މަގު އަހަރެންގެ ސަމާލުކަން އަތުލި އެވެ.
މާލެ އަށް އަރައިގެން އޮފީހަށް ދިޔަ މަގުމަތީގައި، ކާޅުގެ ރާޑަރަށް އަހަރެން އަރާކަން ފާހަގަކުރެވެން ފެށި އެވެ. މަގު ތާށިވެގެން އަހަރެން މަޑުކޮށްލައިފި ނަމަ، ބިންމައްޗަށް ފައިބައިގެން އަހަންނާ ދިމާއަށް ކާޅު އާދެ އެވެ. އެ ކަން ފާހަގަވަނީ އަހަންނަށް އެކަންޏެވެ. އިސާހިތަކު އަހަރެންގެ ހިތުގައި ޝައްކު ބަލި އުފެދިއްޖެ އެވެ. އަހަންނަށް މި ވަނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އެއްވެސް މީހެއް ކައިރީގައި އެ ވާހަކަދައްކާކަށް ނުކެރުނެވެ.
ޖެހިގެން އައި ދުވަހު ފެންވަރަން އުޅުނު ވަގުތު މާގަނޑުން އައިހެން އަހަންނަށް ހީވީ ކަޅު ފެނެކެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެއީ ހަމަ ހީއެކެވެ. ކަޅު ހެދުންލާ އަންހެނުން އޮފީހުގައި އުޅެ އެވެ. އެ ހެދުން އަހަންނަށް ބައެއް ފަހަރު ފެންނަނީ އޮލަ ދުންގަނޑެއް ހެންނެވެ. އެހެން ވަނީ ހެދުމުގެ ފުރަގަހުން އަލި އެޅޭ ފަހަރުތަކުގަ އެވެ. ދޮރެއް ނުވަތަ ކުޑަދޮރެއް ހުރަ ސްކޮށްފައި އެ ފަދަ މީހަކު ދާ ނަމަ އެވެ. އެ ވަރުން ވެސް އަހަރެން އެހެން މީހަކާ އެ ވާހަކަ ހިއްސާއެއް ނުކުރަމެވެ. އެކަމަކު އަހަރެންގެ ކަންބޮޑުވުން ދިޔައީ އިތުރުވަމުންނެވެ.
އަހަންނަށް މި ވަނީ ކިހިނެއް ހެއްޔެވެ؟ ރައްޓެހިންގެ ތެރޭގައި އިންނަ އިރު ވެސް އަހަރެން އެހެން ދުނިޔެއަކަށް ގެއްލިފައި އިންނަން ފެށީމެވެ. އެހެން މީހުންނަށް އެ ކަން ފާހަގަކުރެވެން ފެށި އެވެ. ހެނދުނު ސައިކަލަށް އަރަން ދާ އިރު، ވަކި ހިސާބަކުން އަހަންނަށް ކާޅެއް ހަމަލަދޭން ފެށި އެވެ. އެ ހިސާބުން ހިނގާ އެހެން މީހުންނަކާ ކާޅެއް ނުބެހެ އެވެ. އަހަންނަށް ބިރުވެރި ހުވަފެން ފެންނަން ފެށި އެވެ. މުޅިން ވެސް ފެންނަނީ ކަޅުކުލައިގެ އެއްޗިއްސެވެ. ނަންނުގަތި ނުވަތަ ހަރުފަ އެވެ. ބުޅަލާއި ކުއްތާ އެވެ. ވާލާއި ކާޅެވެ. ކަޅު ސާރިދޯޅާއި ކަޅު ފައިދިގުމަކުނާއި ލޯ ރަތްކޮށް ހުންނަ ކަޅު ކުޑަކުދިންނެވެ.
ހަނދުވަރު ރީތި ރޭރޭ ގަސްގަހުގައި ތިބޭ ކާޅާއި ވާ އާދަޔާ ހިލާފު ކަމެއް ކުރެ އެވެ. އަހަރެން ގަހަކާ ކައިރިވެއްޖެ ނަމަ، އަހަންނާ ދިމާއަށް ފައިބަނީ އެވެ. އެއީ އާންމު ކަމެކެވެ. ކީއްވެ ހެއްޔެވެ؟ އަހަންނަކަށް ނޭނގެ އެވެ. އަހަރެންގެ ޝައްކު ބަލި ބޮޑުވެ، ރޭގަނޑު ލަހުން ނިދި، ހެނދުނު ނުހޭލެވެން ފެށި އެވެ. ނުކެވެން ފެށި އެވެ. ބަލި ވާން ފެށި އެވެ. އޮފީހަށް ގަޑިޖެހި، ސަލާން ބުނުން ގިނަވާން ފެށި އެވެ. އެއީ އަހަރެންގެ މިޒާޖެއް ނޫނެވެ.
އަހަރެން ޑުރަގު ބޭނުން ކުރަނީ ހެއްޔެވެ؟ ހާޝިމް އެ ކަހަލަ ވާހަކައެއް ދައްކަނިކޮށް މަތީނަށް އިވުނެވެ. އަހަންނަށް އުޅެވޭ ގޮތުން އެހެން ނުބުނާ ވަރެއް ވެސް ނޫނެވެ. އެހާ ހިސާބުން މަތީނަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. މަތީން ބުނި ގޮތުގައި ކަޅަކީ ޖިންނި ޝައިތާނުންގެ ކުލައެކެވެ. ކޮންމެވެސް މީހަކު އަހަންނަށް ސިހުރު ހެދީ އެވެ. ކާކު ހެއްޔެވެ؟ ޝައްކު ކުރާނެ މީހަކު ވެސް އަހަރުމެންނަކަށް ނޭނގުނެވެ. ރުގުޔާ ކުރަން މަތީން ލަފާދިނެވެ. އަހަރެންނަކަށް ނުކެރުނެވެ. ބަޔަކަށް އެނގިގެން، އަހަރެން މޮޔައަކަށް ހަދައި، މަލާމާތް ކޮށްފާނެތީ އެވެ. އެހެނަސް، އެ ވޭނުގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ހަގީގަތުގައި ވެސް އަހަރެން މޮޔަ ވެދާނެތީ އެވެ.
"އަހަރެން ނުގޮސް އަހަންނަށް ބޭސް ސިޓީއެއް ހޯދައިދީބަލަ!" އަހަރެން އެދުނީމެވެ.
އޮފީހުން ޗުއްޓީ ނަގައިގެން، އެނދުން ތެދުވާން ބޭނުން ނުވެފައި އަހަރެން އޮންނަތާ ހަފުތާއެއް ވަނިކޮށް، ފެންފުޅިއެއް ހިފައިގެން މަތީން އަ އެވެ. އޭނަ އެދުނީ ފެންފުޅީގެ އެއްބައި ބޮއިފައި، އަނެއްބައި މޫނާއި ގައިގައި އުނގުޅާށެވެ. އެއްވެސް ސުވާލެއް އަހަރެން ނުކުރަމެވެ. މަތީން ބުނިގޮތަށް އެ ކަން ކުރީމެވެ. ފުރަތަމަ ދުވަހު ވެސް އަހަންނަށް އެނގުންވި އެވެ. ކުރިން ހުރި ބޯ އެނބުރުން ފިލި އެވެ. ތިން ވަނަ ފެންފުޅިން އަހަރެން އެއްކޮށް ރަނގަޅުވި އެވެ. އަހަރެންގެ ހަޔާތަށް އަނދިރި އެޅި ކަޅުކުލައިން އަހަރެން ސަލާމަތްވި އެވެ.
މިހާރު އަހަންނަކީ ކުރީގެ އަހަންނެވެ. ހުރިހާ ކަމެއް އާންމު ހާލަތަށް ރުޖޫއަ ވެއްޖެ އެވެ. އެންމެ ކަމެއް ފިޔަވަ އެވެ. ކަޅުކުލަ ފެނިއްޖެ ނަމަ ކުރީގެ ހަނދާންތައް މިހާރު ވެސް އާވެ އެވެ. ހިތަށް އަރަ އެވެ. އަހަންނަށް އަސްލު ވީ ކިހިނެއް ހެއްޔެވެ؟ މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.- -ނިމުނީ-