27 ޖުލައި 2024 - 22:27

އިޒްރޭލުން އަނެއްކާވެސް ފަލަސްތީނުގެ ޣައްޒާގެ ސްކޫލަކަށް ހަމަލާދީފައިވާ ކަމަށާއި އެ ހަމަލާގައި 30 މީހަކު ޝަހީދުވި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މިއަދު ސްކޫލަށް ދިން ހަމަލާގައި 30 މީހަކު ޝަހީދުވި އިރު ޣައްޒާގެ ދެކުނުގައި އަލަށް އިޒްރޭލުން ފަށައިގެން އުޅޭ އޮޕަރޭޝަންގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވެސް 170 އަށް އަރާފައިވާ ކަމަށް މިިނިސްޓްރީން ބުންޏެވެ.
މިފަހަރު ސްކޫލަށް ދިން ހަމަލާ އަކީ މި މަހުގެ ހަ ވަނަ ދުވަހު އިޒްރޭލުން ސްކޫލަކަށް ދިން ހަމަލާގެ ފަހުން ސްކޫލަކަށް ދިން އަށް ވަނަ ހަމަލާ އެވެ. ހެލްތު މިނިސްޓްރީ އާއި ހޮސްޕިޓަލްތަކުން ދީފައިވާ މައުލޫމާތަށް ބަލާއިރު އެ ހުރިހާ ހަމަލާތަކެއްގައި ޝަހީދުވި މީހުންގެ އަދަދު 100 އަށް ވުރެ ގިނަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 2.4 މިލިއަން މީހުންގެ ތެރެއިން ގިނަ މީހުން ވަނީ މަދުވެގެން އެއް ފަހަރު ނަމަވެސް ގެދޮރު ދޫކޮށް އެހެން ތަންތަނަށް ދާން ޖެހިފަ އެވެ. ސްކޫލްތަަކަކީ މިގޮތަށް ދާންޖެހޭ ގިނަ މީހުން ހިމާޔަތް ހޯދަމުން އަންނަ ތަންތަނެވެ.
ހެލްތު މިނިސްޓްރީން ބުނީ ސްކޫލަށް ދިން ހަމަލާގައި 30 މީހަކު ޝަހީދުވި އިރު 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.
އިޒްރޭލުން މިފަހަރު ވެސް ބުނީ ހަމަލާ ދިނީ "ޓެރަރިސްޓުން" ފިލައިގެން އުޅޭ ތަނަކަށް ކަމަށެވެ.
އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކަށް މަޑުޖެހުމެއް ނައިސް ކުރިއަށް ދާއިރު އެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 39،000 އިން މައްޗަށް ގޮސްފަ އެވެ. -- އޭއެފްޕީ