ޒައިދުގެ ތުހުމަތުތައް ބަލައިދޭން މަޖިލީހުގެ ކޮމެޓީ އަށް ރިޔާޒް ހުުށަހަޅުއްވައިފި
ޒައިދުގެ ތުހުމަތުތައް ބަލައިދޭން މަޖިލީހުގެ ކޮމެޓީ އަށް ރިޔާޒް ހުުށަހަޅުއްވައިފި

ބްލެކްމެއިލް ތުހުމަތެއްގައި ހައްޔަރުކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ފަރާތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދެކޮޅަށް ބަޔާނެއް ހޯދަން މަސައްކަތް ކުރާ ކަމަށް ޒައިދުގެ ފަރާތުން ބުނެފައިވާތީ، އެކަން ބަލައިދޭން އެދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް ހުށަހަޅުއްވައިފި އެވެ.

ކުރިން ޕޮޮލިސް ކޮމިޝަނަރު ރިޔާޒް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ފޮނުއްވި ސިޓީގައި ފާހަގަ ކުރައްވާފައިވާ ގޮތުގައި ޒައިދުގެ ފަރާތުން ބޮޑު ތުހުމަތެއް ފުލުހުންނަށް ވަނީ ކޮށްފަ އެވެ. މައުމޫނާ ދެކޮޅަށް ޒައިދުގެ ފަރާތުން ބަޔާނެއް ހޯދަން ފުލުހުން މަސައްކަތް ކުރާ ކަމަށް ޒައިދު ނެރުނު ބަޔާނުގައި ބުނެފައިވާ ކަމަށާއި އެކަން ބަލައިދޭން އެދޭ ކަމަށް ރިޔާޒްގެ ސިޓީގައިވެ އެވެ.

ފުލުހުންގެ ޚިދުމަތަކީ އާންމުންގެ އިތުބާރު އޮންނަ ތަނެއްގައި ގޮތުގައި ދެމެހެއްޓުމަށް އެ ކޮމެޓީ އާއި މަޖިލީހުގެ ލަފާ ސަރުކާރަށް ހުށަހެޅުމަށް ވެސް މިދިޔަ ބުރާސްފަތިދުވަހު ރިޔާޒް ފޮނުއްވި އެ ސިޓީގައި އެދިފައިވެ އެވެ.

މަޖުބޫރުން ބަޔާން ހޯދަން އުޅުނު ކަމަށް ބުނެ ޒައިދުގެ ފަރާތުން ވަނީ އެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ މައުމޫނާ ދެކޮޅަށް ބަޔާން ދޭން އެދުނު ކަމަށް ޒައިދު ބުނާ އޮފިސަރާ ދެކޮޅަށެވެ. އެ އޮފިސަރަކީ އެސިސްޓެންޓް ކޮމިޝަނާގެ ރޭންކުގައި ހުންނެވި ބޭފުޅެކެވެ.

ޒައިދު ކުރިން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ޕީޕީއެމްގެ އޮފީހުން ގެއްލުނު ހާޑް ޑިސްކުގެ މައްސަލާގައި މައުމޫނާ ދެކޮޅަށް ބަޔާން ދޭން ފުލުހުންގެ އިސް އޮފިސަރަކު ވަނީ އޭނާގެ ކިބައިން އެދިފަ އެވެ. އަދި މައުމޫނަށް ތާއީދު ކުރުން ހުއްޓާލައި، ސަރުކާރަށް ތާއީދު ކުރަން ވެސް އެ އޮފިސަރު އެދުނު ކަމަށް އެ ބަޔާނުގައިވެ އެވެ.

މި މައްސަލައިގެ ތުހުމަތުގައި ޒައިދު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު މިހާރު ވަނީ ޖަލު ބަންދަށް ބަދަލުކޮށްފަ އެވެ.