27 ޖުލައި 2024 - 11:16

ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ) އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން އެކުވެރި ގައުމުތަކާ އެކު މިހާރު ކުރަމުން އަންނަ މަސައްކަތުން ރާއްޖޭގެ ވިޔަފާރިއަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމަކަށް ރައީސް ފާހަގަ ކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެން އެ ގައުމާ އެކުގައި ހެދި ޕްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރިގެ އެއްބަސްވުމެވެ.
"ޗައިނާގެ އެފްޓީއޭ އިރާދަކުރެއްވިއްޔާ އެފްޓީއޭ ތަންފީޒުކުރަން މިހާރު އެ ހިނގާ ގާނޫނީ މަރުހަލާ ނިމިގެން ގޮސް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒު ކުރަން ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފު ވާނެ އެވެ. އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފު ވާނެ އެވެ. އެއީ ވިޔަފާރިކުރާ އަމިއްލަ ކުންފުނިތަކަށާއި އާންމުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
ރައީސް ވިދާޅުވީ ތުރުކީ ސަރުކާރާ އެކުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް މިހާރު ނިމުމަކާ ގާތަށް ހިނގައްޖެ ކަމަށެވެ. އެ އެއްބަސްވުމުގެ ސަބަބުން 53 ބާވަތަކުން ޑިއުޓީ މާފު ނުވަތަ ލުއިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިނގިރޭސިވިލާތާ އެކުގައި ވެސް މިނިވަން ވިޔަފާރިގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށާއި އިންޑިއާއާ އެކުގައި ވެސް މިނިވަން ވިޔަފާރިގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.