12 ޖޫން 2016 - 23:46

ނީސް (ޖޫން 12) - ޔޫރޯގައި މުޅިން އަލަށް ވާދަކުރާ ނޮދަން އަޔަލެންޑް 1-0 އިން ބަލިކޮށް ޕޮލެންޑް މުބާރާތުގެ ތާރީހުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

މީގެ ކުރިން ޕޮލެންޑް ވަނީ ދެ ފަހަރެއްގެ މަތިން ޔޫރޯގައި ކުޅެފަ އެވެ، އެއީ 2008 އާއި 2012 ވަނަ އަހަރު އެވެ. އެ ޓީމު ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖުން ކެޓިއިރު، ކުޅުނު ހަ މެޗުގެ ތެެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ.
މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޕޮލެންޑަށް ކާމިޔާބު ކޮށްދިނީ އަޔެކްސް އަށް ކުޅެމުން އަންނަ އުއްމީދީ ފޯވާޑް އާކަންޑިއުޝް މިލިޗެވެ. އުމުރުން 22 އަހަރުގެ މިލިޗް ވަނީ ކޮލިފައިންގައި ހަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މެޗު ފެށިގެން ފުރަތަމަ ހާފް ކޮންޓްރޯލް ކޮށްގެން ކުޅުނީ ޕޮލެންޑުންނެވެ. އެ ޓީމުގެ ގިނަ އެޓޭކްތަކެއް ފެނުނުއިރު ގިނަ ހަމަލާތަކެއް ވަނީ ނޮދަން އަޔަލެންޑް ގޯލާ އަމާޒުކޮށް ފޮނުވާލައިފަ އެވެ. އޭގެ ތެރެއިން އެންމެ ހުސް ދެ ފުރުސަތެއް ލިބުނީ މިލިޗަށާއި ބާޓޮސް ކަޕުޝްކާ އަށެވެ.
މެޗުގެ 35 ވަނަ މިނިޓްގައި ލޫކަސް ޕިސްޗެކް ދިން ބޯޅައަކުން ނޮދަން އަޔަލެންޑް އޭރިއާ ތެރެއިން ދެ ކުޅުންތެރިއަކު ކައިިރިން ނައްޓާލުމަށް ފަހު މިލިޗް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ. އޭގެ ފަސް މިނިޓް ފަހުން އަޔަލެންޑް އޭރިއާ ރޮނގު މަތިން ކަޕުޝްކާ ފޮނުވާލި ބޯޅަ ނޮދަން އަޔަލެންޑް ކީޕަރު މައިކަލް މެކްގޮވެން ވަނީ މަތަކޮށްފަ އެވެ.
މުޅި މެޗުގައި ވެސް ޕޮލެންޑުގެ ކެޕްޓަން ރޮބެޓް ލެވަންޑޯސްކީ އަށް އޭނާގެ ފެންވަރަށް ބަލާއިރު މާ މޮޅު ކުޅުމެއް ނުދެއްކުނެވެ. އޭނާ އަށް ބޯޅަ ލިބޭ ކޮންމެ ފަހަރަކު ނޮދަން އަޔަލެންޑްގެ ކުޅުންތެރިން ވަނީ އޭނާ ހުއްޓުވައިފަ އެވެ.
ޕޮލެންޑަށް ލީޑު ނަގައިދިން ލަނޑު މިލިޗް ކާމިޔާބުކުރީ ދެ ވަނަ ހާފްގެ ކުޅުން ފެށިތާ ހަ މިނިޓް ތެރޭގަ އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ޔަކުބް ބްލަޝުކޯވްސްކީ ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު މިލިޗް ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
ލީޑު ފުޅާކުރަން މިލިޗްއަށާއި ގްރެޒްގޯ ކްރިޝޯވިއަކް އަށް ވަނީ ހުސް ފުރުސަތުތަކެއް ލިބިފަ އެވެ. މިލިޗް ފޮނުވާލި ބޯޅަ ނޮދަން އަޔަލެންޑުގެ ޑިފެންޑަރު ޖޯނީ އެވަންސް ވަނީ ބްލޮކް ކޮށްފަ އެވެ. އަދި ކްރިޝޯވިއަކް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ.
މި ހާފްގައި ނޮދަން އަޔަލެންޑުން ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މި ގޮތުން އެ ޓީމުގެ ކައިލް ލެފަޓީ ފޮނުވާލި ބޯޅަ ގޯލާ ސީދާ ނުވެ ބޭރުން ދިޔައިރު، ޓީމުގެ ކެޕްޓަން ޝޯން ޑޭވިސް އަށް ލިބުނު ބޯޅަ އޭނާ އަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.