26 ޖުލައި 2024 - 23:21

ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން އިންސްޓެކްސް މިނީ 12 ކެމެރާއެއް ލިބޭ ސޯޝަލް މީޑިއާ މުބާރާތެއް ފަށައިފި އެވެ.
ދިރާގުން ބުނީ މި މުބާރާތުގެ ބޭނުމަކީ މިނިވަން ދުވަހުގެ ރޫހު މުޖުތަމައުގައި އާލާކުރުމަށް ހިތްވަރުދިނުން ކަމަށެވެ. މި މުބާރާތުގައި ބައިވެރިވޭނީ މިނިވަން ދުވަހުގެ ހާއްސަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެންނެވެ. މުބާރާތުގައި ބައިވެރިވުމަށް ފޮޓޯ ހިއްސާކުރަން ޖެހޭނީ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި #Minivan26 ހޭޝްޓެގާ އެކު ދިރާގު ޓެގް ކުރުމަށް ފަހު އެވެ.
މި މުބާރާތް ކުރިއަށް ދާނީ ހޯމަ ދުވަހުގެ ނިޔަލަށެވެ. ދިރާގުން ބުނީ ފޭސްބުކް، އިންސްޓަގްރާމް އަދި އެކްސް ހިމެނޭ ގޮތަށް ކޮންމެ ޕްލެޓްފޯމަކުން ވެސް އެއް ނަސީބުވެރިއަކު ހޮވާނެ ކަމަށެވެ. ކޮންމެ ޕްލެޓްފޯމަކުން ހޮވޭ ނަސީބުވެރިއަކަށް ވެސް ފުޖީފިލްމް އިންސްޓެކްސް މިނީ 12 އިންސްޓަންޓް ކެމެރާ އަކާއި އިންސްޓެކްސް މިނީ އިންސްޓަންޓް ފިލްމް ޕެކެއް ލިބޭނެ އެވެ.
އޭގެ އިތުރުން މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މި ހަފްތާ ބަންދުގައި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާއަށް 100ޖީބީ ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ.