ނީލަމުގައި ބޯކިބާއެއް 2000ރ. އަށް!
ނީލަމުގައި ބޯކިބާއެއް 2000ރ. އަށް!

ފޮނި ބޯކިބާއެއް ނީލަމުގައި 2000ރ. އަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި އިއްޔެ ވިއްކާލައިފި އެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަކުރަން އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސް (އެފްއޭ) އިން ބޭއްވި ހަރަކާތެއްގައި ވަނީ އެކި ކްލާސްތަކުން އެޅި ފޮނި އަދި ކުޅި ބޯކިބާ ނީލަމަށް ލައިފަ އެވެ.

ބޯކިބާތަކުގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ވިއްކާލެވުނީ މިދިޔަ އަހަރުގެ ޑިޕްލޮމާ އިން ޖާނަލިޒަމް ކްލާހުގެ ދަރިވަރުން ތައްޔާރުކުރި ބޯކިބާ އެވެ. އެ ދަރިވަރުން އެޅި ފޮނި ބޯކިބާ 2000ރ. އަށް ވިއްކާލެވުުނުއިރު ޑިޕްލޮމާ އިން ޖާނަލިޒަމްގެ މި އަހަރުގެ ބެޗްގެ ދަރިވަރުން އެޅި ފޮނި ބޯކިބާ އަށް ނީލަމުގައި ލިބުނީ 1000ރ. އެވެ.

ކުޅި ބޯކިބާތަކުގެ ތެރެއިން ދިވެހި ބަހުގެ މިިދިޔަ އަހަރުގެ ޑިގްރީ ކޯހުގެ ދަރިވަރުން ތައްޔާރުކުރި ފޮނި ބޯކިބާ 1000ރ. އަށް ވިއްކާލެވުނު އިރު، 2015 ވަނަ އަހަރުގެ ދިވެހި ބަހުގެ ޑިގްރީ ކޯހުގެ ދަރިވަރުން ހެދި ބޯކިބާ ނީލަމުގައި ވިއްކާލެވިފައި ވަނީ 700ރ. އެވެ. ބެޗްލާސް އޮފް ސައިކޮލޮޖީ 2015 ވަނަ އަހަރުގެ ކްލާހުން ތައްޔާރުކުރި ކުޅި ބޯކިބާ އަށް ލިބުނީ 500ރ. އެވެ.

މިއީ ނީލަމުގައި އެމްއެންޔޫގައި ބޯކިބާއެއް ވިއްކި ފުރަތަމަ ފަހަރެވެ. އެކި ކްލާސްތަކުގެ ދަރިވަރުން ވަނީ ތަފާތު އެކި ގޮތްގޮތަށް، އެކި ޑިޒައިންތަކުގައި ބޯކިބާ ތައްޔާރުކޮށްފަ އެެވެ. އެގޮތުން ކުޅި އަދި ފޮނިން ވެސް، އެންމެ މީރު ބޯކިބާއެއް ހޮވާފައި ވެ އެވެ. އެ ބޯކިބާތަކަށް ޖަޖުކުރީ، ކެއްކުމުގެ ދާއިރާގައި ރާއްޖޭގެ ތަޖުރިބާކާރުންނެވެ.