ޓެކާސްގެ ސައުތު ޒޯނުގެ ޗެމްޕިއަންކަން ހާޑްރޮކުން ހޯދައިފި
ޓެކާސްގެ ސައުތު ޒޯނުގެ ޗެމްޕިއަންކަން ހާޑްރޮކުން ހޯދައިފި

ދިރާގު ޓެކާސް ރިސޯޓް ކަޕުގެ ސައުތު ޒޯނުގެ ޗެމްޕިއަންކަން ހާޑްރޮކް ހޮޓެލުން ހޯދައިފި އެވެ.

ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށް ދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހާޑްރޮކް ހޯދީ އެންމެ ފަހުގެ ރަނަރަޕް ކްރޮސްރޯޑްސް މޯލްޑިވްސްއާ ވާދަކޮށް ޕެނަލްޓީން 5-2 އިން މޮޅުވެގެންނެވެ. ކްރޮސްރޯޑްސްގެ ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހާޑްރޮކްގެ މުހައްމަދު ސަލީލް އެވެ.

ސައުތު ޒޯން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހާޑްރޮކްގެ މުހައްމަދު ސުހައިލް އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ހާޑްރޮކްގެ މުހައްމަދު ތަސްމީން އާއި ސައި ލެގޫން މޯލްޑިވްސްގެ އަލީ ފާތިހު އާއި ހާޑްރޮކްގެ މުހައްމަދު ސަލީލް އާއި ކްރޮސްރޯޑްގެ ހަސަން ލައު އަދި ޝިފާޒް އާދިލް އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ހަ ގޯލް ޖެހި ސައި ލެގޫންގެ ފާތިހު އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ހާޑްރޮކްގެ އުސްމާން ނަސީރެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ ސައި ލެގޫން އެވެ.

ސައުތު ކާފް ޒޯންގެ ޗެމްޕިއަނުން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ހޮވިފަ އެވެ. ސެމީގައި ވާދަކުރަން ޖެހޭނީ ދ. ޒޯނުގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ.

ހަތް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ދ. ޒޯނުގެ ކުޅުން އޮގަސްޓް 1 ގައި ސަންސިޔާމް އިރުވެލި ރިސޯޓުގައި ފަށާނެ އެވެ.

މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރުނބާ މޯލްޑިވްސްގަ އެވެ.