26 ފެބުރުއަރީ 2017 - 14:11

މީސަލްސް ނުވަތަ ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕޭނެއް ރައީސް އަބްދުﷲ ޔާމީން މިއަދު ފައްޓަވައިދެއްވައިފި އެވެ.

ދެ ހަފުތާގެ މުއްދަތަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ކެމްޕޭން ރައީސް ޔާމީން ފައްޓަވައި ދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މަޝްރޫއު ފެށުމުގެ ގޮތުން ވަނީ ރައީސް އޮފީހުގެ ދެ މުވައްޒަފަކަށް މީސަލްސް ވެކްސިން ޖަހައިފަ އެވެ.

ހިމަބިހިން ސަލާމަތްވުމުގެ ވެކްސިން ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށީ 1981 ގަ އެވެ. އަދި 2010 ގެ ފަހުން ރާއްޖޭގައި ހިމަބިހި ޖެހުނުކަމުގެ އެއްވެސް ރިޕޯޓެއް ނެތެވެ.

އަލަށް މި ފެށި ކެމްޕޭނުގައި އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ އެންމެންނަށް ވެކްސިންދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އަށް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން މީސަލްސް ހިމެނޭ ވެކްސިންގެ ދެ ޑޯޒު ހަމަނުވާ ކުދިންނަށް ވެކްސިން ދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ހިމަބިހީގެ ވެކްސިން ކުރިން ޖަހާފައި ތިބި ކުދިންގެ ތެރެއިން އަށް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް އަލުން ވެކްސިން ދޭނީ، އޭގެ ދެވަނަ ޑޯޒެއް ނަގާފައިވާކަން ސީދާ ކަށަވަރުނުވެއްޖެ ނަމަ އެވެ.

މިއީ އިންޖެކްޝަނަކުން ދޭ ވެކްސިނެކެވެ. އިންޖެކްޝަން ޖަހާ ސަރަހައްދުގައި ކުޑަކޮށް ތަދުވުމާއި ބައެއް ކުދިން ކުޑަކޮށް ހުންއައުން ސައިޑް އިފެކްޓްސްގައި ހިމެނެ އެވެ.

- ހިމަބިއްސަކީ ގައިންގަޔަށް އަރާ، ވަރަށް ހަލުވިކަމާ އެކު ފެތުރޭ ބައްޔެއް. ބަލީގެ ނުރައްކާތަކުގެ ތެރޭގައި ލޮލުގެ ފެނުމާއި ފުއްޕާމެ އާއި ސިކުނޑި އަށް ގެއްލުންވުން ހިމެނޭ. މިއީ ފުރާނައަށް ވެސް ނުރައްކާވާ ބައްޔެއް.

- ހިމަބިހި ޖެހޭ ކުދިންގެ ތެރެއިން 10 ޕަސެންޓް މި ބަލީގައި މަރުވޭ

- ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ނުޖަހާ ނަމަ، 10 އަހަރުން ދަށުގެ %90 ކުދިންނަށް މި ބަލި ޖެހޭ.
ރާއްޖޭގައި މީސްލްސް ވެކްސިން ދޭން ފެށީ 1983 ގައި އުމުރުން 9 މަހުގައި.
- ހިމަބިހީގެ ވެކްސިން ހިމެނޭ އެމް.އެމް.އާރު ވެކްސިން ދޭން ފެށީ އަދި 2007 ވަނަ އަހަރުން ފެށިގެން އުމުރުން 18 މަހުގެ ކުދިންނަށް. އަދި މި ވެކްސިން ޖަހަން ފެށުމުން ރާއްޖޭގެ ތުއްތު ކުދިންނަށް މީސްލްސްގެ 2 ޑޯޒް ފުރިހަމަކޮށްދެވޭ.
- މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަވުމުން ހިމަބިހިން ފުރިހަމަ ރައްކާތެރިކަން ލިބޭ.
- މީސްލްސް ވެކްސިން، އެމް.އެމް.އާރް ވެކްސިން ނުވަތަ އެމް. އާރ ވެކްސިން ކުރިން ޖަހާފައި ވިޔަސް، އަދި ދެ ޑޯޒް ހަމަވެފައި ވިޔަސް 15-25 އަހަރާއި ދެމެދު އުމުރުފުރާގެ މީހުންނަށް މި ވެކްސިން ޖެހިދާނެ. އިތުރު ޑޯޒް ޖެހުމަކުން އެއްވެސް ގެއްލުމެއް ނުވާނެ.
- ހިމަ ބިހީގެ ވެކްސިންގެ ދެޑޯޒް ފުރިހަމަ ފުރިހަމަވުމުން މުޅި އުމުރަށް މި ބަލިން ރައްކާތެރިކަން ލިބޭ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވި ގޮތުގައި އެ ކެމްޕޭން ކުރިއަށް ގެންދަނީ ޑަބްލިއުއެޗްއޯގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު އެކަމަށް ހާއްސަކޮށް ދިރާސާތަކެއް ވެސް ހަދައިގެންނެވެ. ދިވެހި ރައްޔިތުންގެ ސިއްހަތަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މި ކެމްޕޭންގައި ވެސް ދިވެހި ރައްޔިތެއްގެ ސިއްހަތަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ކުރިން ވެކްސިން ޖަހާފައި ތިބި ބައެއް މީހުންނަށް މި ކެމްޕޭންގައި ވެކްސިން ޖެހިއަސް، މިނިސްޓަރު ވިދާޅުވި ގޮތުގައި، ސިއްހީ ގޮތުން ލިބޭނެ އެއްވެސް ގެެއްލުމެއް ނެތެވެ.
މިިނިސްޓަރު ވިދާޅުވި ގޮތުގައި މީސަލްސް ވެކްސިން ދޭން ޖެހޭ 75،000 މީހުން ތިބިއިރު، އޭގެ ތެރެއިން 95 ނުވަތަ އެއަށް ވުރެ ވެސް ބޮޑު ޕަސެންޓޭޖަކަށް ވެކްސިން ފުރިހަމަކުރެވޭނެ ކަމުގެ އުއްމީދު ބޮޑެވެ. މި އަމާޒަށް ވާސިލްވުމާ އެކު ރާއްޖެ އަކީ ހިމަބިހި ނައްތާލެވިފައި އޮތް ގައުމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯ އިން ރަސްމީކޮށް ކަނޑައަޅާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
"އެންމެންގެ އެއްބާރުލުމާ އެކު ދެ ހަފުތާގެ ތެރޭގައި މިކަން ނިންމައި ޑަބްލިއުއެޗްއޯގެ ޝަރުތުތައް ފުރިހަމަކުރެވިއްޖެ ނަމަ ނަތީޖާ އަކަށް ވެގެންދާނީ ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ރާއްޖެ އަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ސެޓިފައިކޮށް އެ ހިތްހަމަޖެހުން ދިވެހި ރައްޔިތުންނަށް ލިބިގެން ދިއުން،" ނާޒިމް ވިދާޅުވި އެވެ.
އެ ކެމްޕޭނުގައި ލަފާ ދެއްވާ ޑރ. އަބްދުލްއަޒީޒް ޔޫސުފް ވިދާޅުވީ ވެކްސިން ޖެހުމުން ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ. އެކަމަކު ވެކްސިން ނުޖަހައިފި ނަމަ ގިނަ ބަޔަކަށް ލިބޭނެ ގެއްލުން ބޮޑު ކަމަށާއި ރާއްޖެ އަކީ ނިސްބަތުން ބަލާއިރު ހުރިހާ ވެކްސިންތައް ވެސް ފުރިހަމަކުރާ ގައުމެއް ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ އާބާދީގެ ގިނަ ބައަކީ ވެކްސިން ބަލައިގަންނަ މީހެއް ކަމަށް އަޅުގަނޑުމެން ދެކެނީ. މިއީ އާ ވެކްސިންތަކެއް ނޫން، އަޅުގަނޑުމެންގެ ކުދިންނަށް މިހާރު ވެސް ދޭ ވެކްސިންތަކެއް،" އަޒީޒް ވިދާޅުވި އެވެ.
ވެކްސިން ދޭ އުމުރުގެ ކުދިންގެ ތެރެއިން ސްކޫލްތަކުގެ ދަރިވަރުންނަށް އަލުން ވެކްސިން ދޭނީ އެ ސްކޫލެއްގަ އެވެ. އެކަމަކު ސްކޫލްގައި ނުޅޭ ކުދިންނަށް ވެކްސިން ދޭނީ އެކަމަށް ކަނޑައަޅާ ތަންތަނުންނެވެ.
މާލޭގެ ހަ ތަނެއްގައި ވެކްސިން ޖަހާއިރު ރަށްރަށުގައި ވެކްސިން ޖަހާނީ އެ ރަށެއްގެ ހެލްތު ސެންޓަރު ނުވަތަ ހޮސްޕިޓަލުގަ އެވެ.