ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށް ހުޅުވާލަނީ
ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށް ހުޅުވާލަނީ

ސެންޓްރަލް ޕާކު ވަށައިގެން އޮންނަ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށް، އާންމުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވޭ މަގަކަށް ހެދުމަށް މަގުގައި ލައިން ކުރެހުމާއި ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ކަމަށް އެޗްޑީސީން ބުންޏެވެ.

އެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އާންމުންނަށް އެ މަގު ހުޅުވާލެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު ރައްކާތެރި ތަނަކަށް ހެދުމަށް ހުޅުމާލެ 11 ސަރަހައްދަކަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު، ބާކީ 10 ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް ބައެއް ސަރަހައްދުތަކުގައި ވައްބުރު (ރައުންޑެބައުޓްސް) ގާއިމްކޮށް ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އެ ކޯޕަރޭޝަނުން ވަނީ އަމާޒުހިފާފަ އެވެ.

އެ ބަދަލުތައް ގެންނަން ނިންމި ސަބަބެއް ކަމަށް އެޗްޑީސީން ބުނީ ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީ ކަމަށެވެ.

ބަދަލު ގެންނާނެ ސަރަހައްދުތައް ކަނޑައެޅީ ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި ސަރަހައްދުތަކަށް ބަލައިގެން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ބަދަލު ގެންނަ 11 ސަރަހައްދު އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.