އާސެނަލްއާ ގުޅެން ކަލަފިއޯރީ އެމެރިކާއަށް
އާސެނަލްއާ ގުޅެން ކަލަފިއޯރީ އެމެރިކާއަށް

ލަންޑަން (ޖުލައި 25) - އިޓަލީގެ ބޮލޯނިއާ އަށް ކުޅެމުން އައި ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ، 50 މިލިއަން ޔޫރޯގެ ޑީލެއްގައި އާސެނަލް އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

ފަސް އަހަރުގެ އެއްބަސްވުމަކާ އެކު ކަލަފިއޯރީ ވަނީ، މިވަގުތު އެމެރިކާގައި ޕްރީ ސީޒަން ހަދަމުންދާ އާސެނަލްގެ ސްކޮޑާ ގުޅޭގޮތަށް ނިންމައިފަ އެވެ. އޭނާގެ މެޑިކަލް ފުރިހަމަ ކުރުމަށް ހަމަޖެހިފައި ވަނީ ވެސް އެމެރިކާގަ އެވެ.

މިދިޔަ ސީޒަނުގައި ކަލަފިއޯރީ، ބޮލޯނިއާ އަށް ބަދަލުވީ ހަތަރު މިލިއަން ޔޫރޯގެ އަގަކަށެވެ. އޭގެ ކުރީ ދެ ސީޒަނުގައި ސްވިޒަލެންޑުގެ ބަސެލް އަށް ކުޅުނު ޑިފެންޑަރު އޭނާގެ ކްލަބް ކެރިއަރު ފެށީ ރޯމާ އިންނެވެ. އާސެނަލް އިން ބޮލޯނިއާ އަށް ދޭ ޓްރާންސްފާ ފީގެ 50 ޕަސެންޓް ލިބޭނީ ބަސެލް އަށެވެ.

ރެއާޅް މެޑްރިޑާއި ޔުވެންޓަސް އިން ވެސް މިއަހަރުގެ ޔޫރޯ މުބާރާތުގައި އިޓަލީ ޓީމުން ފާހަގަ ކުރެވުނު ކަލަފިއޯރީ، 22، ހޯދަން މަސައްކަތް ކުރި ނަމަވެސް ބޮލޯނިއާ ހިތްހަމަ ޖެހޭ އަގެއް ހުށަހެޅުނީ އާސެނަލް އަށެވެ.

ފާއިތުވި ސީޒަންގައި ބޮލޯނިއާ އަށް ލީގުގައި ކުޅެދިން 30 މެޗުން ޑިފެންޑަރު ކަލަފިއޯރީ ވަނީ ދެ ގޯލު ޖަހައި ފަސް އެސިސްޓް ކޮށްފަ އެވެ. އަދި ލީގުގެ ފަސްވަނައިގައި ނިންމައި، ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދައިދިނުމުގައި އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ކަލަފިއޯރީ ވަނީ މިއަހަރުގެ ޔޫރޯގައި އިޓަލީން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގައި ވެސް ސްޓާޓް ކޮށްފަ އެވެ. ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ގަދަ 16 ގައި ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗަށް އޭނާ ސަސްޕެންޑް ވެފައި ހުރުމާ އެކު، އެ މެޗުން ބަލިވެ އިޓަލީ އަށް މުބާރާތް ވެސް ނިމުނެވެ.