24 ޖުލައި 2024 - 18:02

ސުލޫކީ މިންގަނޑާ ހިލާފުވާ މެމްބަރުންނަށް ޖަލްސާތަކާއި ކޮމިޓީތަކުގައި ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މިއަދު އިސްލާކޮށްފި އެވެ.
އެ ގަވާއިދުގައި މީގެ ކުރިން އޮންނަ ގޮތުން މެމްބަރުން ސުލޫކީ މިންގަނޑާ ހިލާފުވިޔަސް އެޅޭނެ މާ ބޮޑު ފިޔަވަޅެއް ނޯވެ އެވެ.
ނަމަވެސް މަޖިލީހުގެ އާންމު ކޮމިޓީން އެކުލަވައިލުމަށް ފަހު މިއަދު ތަޅުމުގައި ފާސްކުރި އާ ގަވައިދުގައި ބުނާ ގޮތުން، ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާ އަދި މަޖިލިހުގެ މެންބަރުން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ވެއްޖެ ނަމަ އެ މެމްބަރުންނާ މެދު ފިޔަވަޅު އެޅޭނެ އެވެ.
ސުލޫކީ މިންގަނޑާ މެންބަރަކު ހިލާފުވެގެން އަޅާނީ ޕާލަމެންޓަރީ އަދަބެއް ގޮތުގައި އަޅާ ފިޔަވަޅެއް ކަމަށާއި އެއީ މަޖިލީހުގެ ގަދަރާއި ޖަލްސާތަކުގެ ހުރުމަތްތެރިކަން ހިފެހެއްޓުމަށާއި ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ދޭ އަދަބެއް ކަމަށް ވެސް އާ އިސްލާހުގައި ވެ އެވެ.
މެމްބަރުން ކުރި އަމަލު ކުށްވެރިކޮށް، ރަސްމީ ލިޔުމެއް މެމްބަރަށް ފޮނުވައި އޭގެ ކޮޕީއެއް އެހެން މެމްބަރުންނަށް ފޮނުވަން ޖެހޭ ގޮތަށް އާ އިސްލާހުގައި ބަޔާން ކޮށްފައި ވެ އެވެ. އަދި އެއީ މަޖިލީހުގެ ގަދަރަށް އުނިކަމެއް ލިބޭ ކަމެއް ކަން އަންގައި މަޖިލީހުގެ ތަޅުމުގައި އިއުލާންކޮށް، އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވާނެ ކަމަށް ގަވައިދުގައި ވެ އެވެ.
އޭގެ އިތުރުން ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވުުން މަހުރޫމް ކުރުމާއި މަޖިލީހުގެ ރަސްމީ ދަތުރުތަކާއި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުމުން މަހުރޫމް ކުރެވޭނެ ކަމަށް ވެސް ގަވާއިދުގައި ކަނޑައަޅާފައި ވެ އެވެ.
މެމްބަރެއްގެ މުދަލާއި ތަކެއްޗަށް ގެއްލުމެއް ދީފި ނަމަ އެ ގެއްލުމުގެ ބަދަލު މެމްބަރުގެ މުސާރައިން ކެނޑޭނެ ކަަމަށް ވެސް އެ ގަވައިދުގައި ވެ އެވެ.
ބައެއް ޖަލްސާތަކުން މެމްބަރު ސަސްޕެންޑު ކުރި ނަމަވެސް ހާއްސަ ޖަލްސާތަކުގައި އެ މެމްބަރަކަށް ބައިވެރިވެ، ވޯޓު ދެއްވޭނެ ކަމަށް މަޖިލީހުގެ ގަވާއިދަށް އަލަށް ގެނައި އިސްލާހުގައި ބުނެފައިވެ އެވެ. އެއީ؛
1. ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ
2. ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ
3. ފަނޑިޔާރުންނާއި މުއައްސަސާތަކުގެ މެންބަރުން ވަކިކުރުމުގެ މައްސަލަ
4. ދައުލަތުގެ ބަޖެޓު ފާސްކުރުން