ކިރްގިސްތާނަށް ތަށި، ރާއްޖެ އަށް ހަތަރު ވަނަ
ކިރްގިސްތާނަށް ތަށި، ރާއްޖެ އަށް ހަތަރު ވަނަ

މާލޭގައި ބޭއްވި ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކިރްގިސްތާން ހޯދިއިރު، ތިން ވަނަ ހޮވި މެޗުން ނޭޕާލް އަތުން ބަލިވެ ރާއްޖެ ހަތަރު ވަނައިގައި މުބާރާތް ނިންމާލައިފި އެވެ.

ކިރްގިސްތާނުން ޗެމްޕިއަންކަން ހޯދީ ރޭ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅުނު ފައިނަލް މެޗުން ސްރީ ލަންކާ އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. ސެޓުތައް ގެންދިޔައީ 28-26، 25-14، އަދި 25-19 އިންނެވެ.

ތިން ވަނަ ހޮވި މެޗުން ނޭޕާލް އަތުން އިއްޔެ ހަވީރު ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ނޭޕާލުން ސެޓުތައް ގެންދިޔައީ 25-15، 25-10، އަދި 25-14 އިންނެވެ.

ރާއްޖޭގެ ޒުވާން ޓީމު މި މުބާރާތުގެ ލީގު ބުރުގައި ކުޅުނު ތިން މެޗާއި، ސެމީ ފައިނަލް މެޗުން ވެސް ވަނީ ސެޓެއް ނުލިބި ބަލިވެފަ އެވެ. ސެމީ ފައިނަލުން ލަންކާ އަތުން ރާއްޖެ ބަލިވީ 25-9، 25-8، އަދި 25-7 އިންނެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު އަނެއް ތިން މެޗަށް ބަލާއިރު ނޭޕާލް އަތުން ބަލިވީ 25-16، 25-9 އަދި 25-10 އިންނެވެ. ރާއްޖެއާ ކުޅެ ކިރިގިސްތާނުން ސެޓްތައް ގެންދިޔައީ، 25-11، 25-11 އަދި 25-17 އިންނެވެ. އަދި ލަންކާ އިން ސެޓުތައް ގެންގޮސްފައި ވަނީ 25-8، 25-9 އަދި 25-16 އިންނެވެ.

ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ގެ އިރުޝާދުގެ ދަށުން ކުޅޭ ރާއްޖޭގެ ޓީމަކީ މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ޓީމެވެ. އެގޮތުން ރާއްޖޭގެ ސްކޮޑުގެ އެވްރެޖް އުމުރަކީ ގާތްގަނޑަކަށް 17 އަހަރެވެ. އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކަށް ހުރީ މިދިޔަ އަހަރުން ފެށިގެން ސީނިއާ ސްކޮޑުގައި ވެސް ހިމެނޭ މާޔާ ހުސެއިން ސޮލާހެވެ.