24 ޖުލައި 2024 - 12:43

ޒުވާން އަންހެން ކުއްޖެއްގެ ނޭވާ ހޮޅިން ބުރުގާ ޕިނެއް އިއްޔެ ނަގައިފި އެވެ.
ނޭވާލާ ނިޒާމްގެ ބަލިތަކުގެ ޑޮކްޓަރު، ޑރ. މުހައްމަދު އިސްމާއިލް އެކްސްގައި ރޭ ކުރެއްވި ޕޯސްޓުގައި ވަނީ އެކަމުގެ ސީރިއަސްކަން ވިދާޅުވެދެއްވައިފަ އެވެ. އެ ކުއްޖާގެ ނޭވާ ހޮޅިން ނެގީ، އެންމެ ބޮޑު ޕިނެކެވެ.
މުހައްމަދު އިސްމާއިލް އެދިވަޑައިގަތީ، ބޮޑުވަމުން އަންނަ ކުދިންނަށް، އެކަންކަމުން ރައްކާތެރިވުމަށް ބެލެނިވެރިން އިރުޝާދު ދިނުމަށެވެ.
އޭގެ އިތުރުން، ބުރުގާ އަޅާއިރު އަނގައަށް ޕިން ނުލުމަށް އޭނާ ވަނީ ނަސޭހަތްތެރިވެވަޑައިގަތެވެ.
ކިތައްމެ ފަސޭހަ ކަމެއްހެން ހީވިއަސް، ހަށިގަނޑު ތެރެއަށް މިގޮތަށް ދާ ޕިން ނެގުމަށް، ޑޮކްޓަރުން ބުރަ މަސައްކަތެއް ކުރަން ޖެހެ އެވެ. ބައެއް ފަހަރަށް އެކަމަށް ދެ ތިން ގަޑިއިރު ވެސް ނަގަ އެވެ. މިއީ މީހާ ހޭނައްތާލައިގެން ކުރަން ޖެހޭ، އުނދަގޫ އަދި ނުރައްކާ ވެދާނެ ފަދަ ޕްރޮސީޖާއެކެވެ.
ނޭވާލާ ހޮޅި ނުވަތަ ފުއްޕާމޭގެ ތެރެއަށް މިގޮތަށް ދާ ޕިން ނަގަނީ ނޭފަތުން ނުވަތަ އަނގައިން ބްރޮންކޮސްކޮޕީއެއް ލައްވައިގެންނެވެ. އެއީ ކެމެރާ ހަރުކޮށްފައި ހުންނަ ވަރަށް ހިމަ ހޮޅިއެކެވެ.
ވަށަމިނުގައި ފަސް ވަރަކަށް މިލިމީޓަރު ހުންނަ މި ބްރޮންކޮސްކޮޕީގެ ޒަރީއާއިން ނޭވާ ހޮޅި އާއި ފުއްޕާމޭ ބަލައި، ޕިން އިން ތަނާއި ހެރިފައި އިން ގޮތް ބަލަ އެވެ. އަދި ހޮޅީގެ ކޮޅުގައި އިންނަ، ހިފާލެވޭ ގޮތަށް ހަދާފައިވާ ދަތި [ފޯސެޕްސް] ބޭނުންކޮށްގެން ޕިނުގައި ހިފަ އެވެ. އެކަމަކު މިއީ ގޮންޖެހުން ބޮޑު މަސައްކަތެކެވެ.