24 ޖުލައި 2024 - 07:07

ކުރި ހެޔޮކަމެއްގެ ބަދަލުގައި ލިބުނު ހިތާމައެއްގައި ބޮޑު ނަސީބެއް އޮވެދާނެ ހެއްޔެވެ؟ މިއަދު ވެސް އަހަރެންގެ ހިތުގައި އުފެދޭ ސުވާލަކީ އެއީ އެވެ. ރަނގަޅު ކަމެއް ކުރުމުން ހިތްދަތިކަމެއް އަހަންނަށް ލިބުނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަކީ، އާމްދަނީ ހޯދުމަށް ބުރަކޮށް މަސައްކަތްކުރާ ޒުވާން ފިރިހެނަކީމެވެ. ބައްޕަ ނިޔާވުމުން ބަލި މަންމަގެ ހަރަދުތައް ހަމަޖައްސައި، މަންމަ ބަލަނީ އަހަރެން އެކަންޏެވެ. އެއްބަނޑުއެއްބަފާ މީހަކު ނެތެވެ. އަހަރެން ކުރާ މަސައްކަތަކީ ގުރެފިކްސް ހެދުމާއި ވީޑިޔޯ އެޑިޓު ކުރުމާއި،އިޝްތިހާރު ހެދުން ފަދަ މަސައްކަތްތަކެވެ. ހުރިހާ މަސައްކަތެއް ވެސް ކުރަނީ ކޮމްޕިއުޓަރުންނެވެ.
އަހަރެން މަސައްކަތްކުރާ ސްޓޫޑިއޯ ހުންނަނީ ގެއާ ތަންކޮޅެއް ދުރުގަ އެވެ. ކޮންމެ ދުވަހަކު ވެސް ގެ އާއި ސުޓޫޑިއޯއާ ދެމެދު، ސައިކަލުގައި އަހަރެން ވަރަށް ގިނަ ދަތުރު ކުރަމެވެ. ބައެއް ފަހަރު ކެފޭއަށް ވަދެ ކޮފީބޮއި ވެސް ހަދަމެވެ. ގިނައިން އަހަރެން އުޅޭނީ އެކަންޏެވެ.
މީހެއްގެ ޕްރޮގުރާމެއް އެޑިޓު ކުރި ރެޔެކެވެ. އެޑިޓުކޮށް ނިންމައި، ރެންޑާ ކުރަން ޖައްސާފައި ސްޓޫޑިއޯ އިން ނުކުތީމެވެ. ސާޅީހަކަށް މިނެޓު ކުރުކޮށްލުމަށްޓަކަ އެވެ. މާލޭގައި ރޭގަނޑު އެގާރަ ޖަހާއިރު ފިހާރަތައް ލައްޕަ އެވެ. މަގުތައް ފަޅުވެ އެވެ. ކޮފީއެއް ބޮއެގެން ކެފޭއިން ނުކުމެ، ސްޓޫޑިއޯ އަށް މިސްރާބު ޖެހި އިރު ގަޑިން އެގާރަ ޖަހަން ދިހަ ވަރަކަށް މިނެޓު ހުއްޓެވެ. އަހަރެން ދިޔައީ ބަންޑާރަ މިސްކިތް ކުރިމަތިން އިރަށެވެ. ބާޒާރުމަތިކަމުން، އޭރު ވެސް ބައެއް ފިހާރަ ހުރީ ބަންދު ކޮށްފަ އެވެ. މަގުމަތި ހިސާބަކަށް އަނދިރި އެވެ. އާދައިގެ ދުވެއްޔެއްގައި ދަނިކޮށް ކަނާއަތް ފަރާތުން ބުޅަލެއް ގޮވައިލި އަޑުއިވުނެވެ. އެ ފަރާތަށް ބަލައިލެވުނެވެ. އެ ދިމާ އޮތީ ހިސާބަކަށް އަނދިރިކޮށެވެ. ގިނަ ސައިކަލުތަކެއް ޕާކުކޮށްފައި ހުއްޓެވެ. ބުޅަލުގެ އަޑު ތޫލިކަމާއި ދޭތެރެ އަވަސްކަމުން އެއީ ކުޑަ ބުޅަލެއްގެ އަޑުހެން ހީވި އެވެ. މަޑުނުކޮށް ބަލަމުން ދެވުނީތީ، އަޑު އަންނަ ދިމާއެއް ސީދާ ނޭނގުނެވެ. ބުޅަލެއް ވެސް ނުފެނުނެވެ. އެކަމަކު އެ ބުޅަލުގެ އަޑުގައި ހައިހޫނުކަން ހުރިހެން ވަރަށް ހީވި އެވެ.
ޗާންދަނީ މަގަށް ލަނބާލައި، ދެކުނަށް މިސްރާބުޖެހި އިރު ވެސް ދުރުދުރުން ބުޅަލުގެ އަޑު މަޑުމަޑުން އިވިއިވި ހުއްޓެވެ. އަޑު ނީވޭހާ ދުރަށް ދެވުމުން ވެސް ސިކުނޑިއަކުން އެ އަޑެއް ނުކެނޑުނެވެ. ހަގީގަތުގައި އަހަރެން އެ ކަމާ ވިސްނާކަށް ނުޖެހެ އެވެ. މަގުމަތީގައި އުޅޭ ހުރިހާ ބުޅަލަކަށް ކާން ދިނުމަކީ އަހަރެންގެ ޒިންމާއެއް ނޫނެވެ. އެހެނަސް އެ ފަދަ ކަންކަމަށް އިޖާބަދިނުމަކީ އަހަރެންގެ ކަށީގައި ހިފާފައި ހުންނަ ކަމެކެވެ.
ހިތް ބުނެ އެވެ. ކަލޭ ފުދިގެން ތި އުޅެނީ ހާދަހާ ގިނަ ނިއުމަތްތަކެއް ލިބުނީމަ އެވެ. ބޯހިޔާކުރާނެ ތަނަކާއި ރީތި އަންނައުނާއި މީރު ކެއުން ލިބެ އެވެ. އޭގެ އިތުރަށް ސައިކަލާއި ފޯނާއި ފައިސާ ވެސް އެބަހުއްޓެވެ. ބުޅަލުގެ ހަމައެކަނި މުހުތާދަކީ ހައިހޫނުކަން ފިލުވައިލުމެވެ. ކުޑަމިނުން ސާފު ފެންފޮދެއް ލިބޭނެ މަގެއް ވެސް އެ ސޮރަކަށް ނެތެވެ. އަހަރެން ކޮފީ ބޯލަން އެކަނި ހަތްދިހަ ރުފިޔާ ހަރަދުވި އެވެ. ކެވުނު ކޭކުކޮޅަށް ރަން އަޅާފައި ހުރީމަ ކަމަށް ވެދާނެ އެވެ. ބުޅަލަށް ކާ އެތިކޮޅެއް ދިނުމަކީ އަހަރެންގެ ކިހާ ދަލަކާއި ފައިސާއަކާއި ވަގުތެއް ހޭދަވާނެ ކަމެއް ހެއްޔެވެ؟ އެ ހިސާބުން އަހަރެންގެ އެއްކަލަ ހިތް މަޑު ކަފަކޮޅަކަށް ބަދަލުވި އެވެ. ބުޅަލަށް ކާ އެތިކޮޅެއް ނުދީ ގެއަށް ނުވަންނަން ސިކުނޑި ފޫގެޅި އެވެ.
ސައިކަލު ހުޅަނގަށް ލަނބައިލީމެވެ. ސިކުނޑީގައި އޮތީ ބުޅާ ކާނާ ގަންނާކަށް ނޫނެވެ. މަސްދަޅެއް ގަންނާށެވެ. މަސްދަޅެއް އަތުޖެހޭ ކަހަލަ ތަނަކަށް ފެނުނީ ދެވަނަ އަށް ޖެހުނު ފިހާރަ އެވެ. ސައިކަލު ބަހައްޓާނެ ޖާގައެއް ނެތެވެ. ކުޑަ މަސައްކަތަކުން ޖާގައެއް ހަދާލާފައި އެ ފިހާރައަށް ވަނީމެވެ. ފެންމަސްދަޅެއް ނެތެވެ. އެއްފަހަރުން މައްސަލަ ހައްލުވާނީ ފެންމަސްދަޅެއް ލިބުނިއްޔާއޭ ހިތަށް އެރި އެވެ. މަސްކައިފައި ބޯނެ ފެން ވެސް އޭގައި ހުންނާނެތީ އެވެ.
އަނެއްކާ ސައިކަލަށް އަރައިގެން އުތުރަށް ދަތުރު ފެށީމެވެ. ފިހާރަތައް ލައްޕަން ފަސް ވަރަކަށް މިނެޓު ހުއްޓެވެ. ކުދި ފިހާރަތައް ބެލުމުގެ ބަދަލުގައި ފުރަތަމަ ޖެހުނު ބޮޑު ފިހާރަޔަށް ވަނީމެވެ. އެ ތަނުގައި ވެސް ފެންމަސްދަޅެއް ނެތެވެ. އޭރު ވެސް ބުޅަލުގެ ރުއިމުގެ އަޑު އަހަރެން ހަނދާން ހުއްޓެވެ. އަނެއްކާ ސައިކަލަށް އެރީމެވެ. ޗާންދަނީ މަގަށް ނުކުމެ ދެކުނަށް މިސްރާބު ޖެހީމެވެ. ހިތަށް އެރިއެވެ. ދެން ބޮޑު ފިހާރައެއް ނުބަލާނަމެވެ. ބޮޑު ދެ ފިހާރައިގައި ފެންމަސްދަޅު ނެތުމުން އޭގެ މާނައަކީ ބޮޑެތި ފިހާރަތަކުން ހުސްވީ އެވެ. ބާކީ އޮތް ވަގުތުކޮޅު އެންމެ ރަނގަޅު ވާނީ ކުޑަ ފިހާރައަކަށް މިސްރާބު ޖެހިއްޔާ އެވެ.
ފުރަތަމަ ޖެހުނު ފިހާރަޔަށް ވަނީމެވެ. އެ ތަނުގައި އެއްވެސް ވައްތަރެއްގެ މަސްދަޅެއް ނެތެވެ. އެ ހިސާބުން ހިތަށް އެރިއެވެ. މަސައްކަތް ކުރެވިއްޖެ އެވެ. ދެން އެންމެ ފިހާރަޔަކަށް ވެސް ވަދެވޭނެކަމެއް ނޭނގެ އެވެ. އަދި ސުޓޫޑިއޯއަށް ގޮސް ކުރަން ހުރި އެތައް މަސައްކަތެއް އެބަހުއްޓެވެ. ނިދޭނެ އިރެއް ނޭނގެ އެވެ. ކުރި މަސައްކަތަށް މިހާރު ސަވާބު ވެސް ލިބޭނެ އެވެ. ކިހާ މަސައްކަތެއް އަހަރެން ކުރިކަން، އެނގެންވާ ފަރާތަށް އެނގޭނެ އެވެ. ނަމަވެސް ކުޑަކުޑަ ބުޅަލެކެވެ. އެ ސޮރަށް އެންމެ ފަހުން ކާ އެތިކޮޅެއް ލިބުނީ ކޮން އިރަކުކަމެއް ނޭނގެ އެވެ. އަހަރެން ގެއަށް ގޮސް ދެބަނޑަށް ކައިގެން އެނދަށް އަރައި ނިދަންވީ ހެއްޔެވެ؟ ނޫނެކެވެ. އަހަންނަކަށް ނުނިދޭނެ އެވެ. ހުވަފެނުން ވެސް އެ ސޮރު ފެންނާނެ އެވެ. އަދި އެއް ފިހާރަޔަށް ވަދެލާނަމެވެ. ދެ ވަނަ ފިހާރަޔަކަށް ނުވަދެވޭނެ އެވެ. ޔަގީނުން ވެސް އެއީ މަގުބޫލު އުޒުރެކެވެ.
އެންމެ އަވަހަށް ފެނުނު ފިހާރަ ކައިރީގައި ސައިކަލު މަޑުކޮށްލި އިރު އެ ފިހާރައިގައި ބަންދު ބޯޑު އަޅުވައިފި އެވެ. ގަޑި ބަލައިލި އިރު އެގާރަ ޖަހަން ފަސް ސިކުންތު ހުއްޓެވެ. އަހަރެން ބޭނުން ނަމަ އަޅާ ވެސް ނުލައި ސައިކަލަށް އަރައިގެން ގެއަށް ދެވުނީހެވެ. އެހެނަސް ފިހާރަ ދޮރުމައްޗަށް އަރައި ސޭޓަށް ހަނާ އަޅައިލީމެވެ. ފޫހި ގޮތަކަށް ސޭޓު ބަލައިލި އެވެ. ގޮނޑިން ތެދުވަން އޭނަ ހިތަށް އެރިހެނެއް ވެސް ހިޔެއް ނުވެ އެވެ. ހިތާހިތުން އަހަރެން ބުނެލީމެވެ. ބުޅަލާ އެވެ. މި ފަހަރު އޮތީ ކަލޭގެ ނަސީބެކެވެ. އަހަރެން މިހިރީ އަހަންނަށް ކުރެވޭނެ ވަރު ކޮށްގެންނެވެ. ދޮރު ހުޅުވުމުގެ ބަދަލުގައި ސޭޓު ފައިސާ ގުނަން ފެށި އެވެ. އަހަރެން ބޯ ކަހައިލީމެވެ. އޭރު އެގާރަ ޖަހައިފި އެވެ. އަހަރެން ދޮރު ކައިރިއަކުން ދުރަކަށް ނުދަމެވެ. އިރުކޮޅަކުން އެހެން މީހަކު ފިހާރަޔަށް ވަންނަން އަ އެވެ. އެއީ ބިދޭސީއެކެވެ. އޭނަ ތަޅުދަނޑިން ފިހާރަ ހުޅުވައިލި އެވެ. އަހަންނަށް ވިސްނުނު ގޮތުގައި ކޮންމެވެސް ކަމަކު އެ މީހާ ދިޔައީ ސޭޓު އެތެރެއަށް ލައި ތަޅުލައިފަ އެވެ. އޭގެ ސަބަބު އެނގޭނީ އެ މީހުންނަށެވެ. ދޮރު ހުޅުވައިލުމާ އެކު އަހަރެން ލޮނދި ހިކައެއްހެން އެތެރެއަށް ދެމިގަތީމެވެ.
"ބަންދު ބަންދު!" ބިދޭސީ މީހާ ގޮވައިލި އެވެ.
"ވަރަށް އާޖެންޓު ހުންނަނީ. ފެންމަސްދަޅު ހުންނަނީތަ؟" އަހަރެން ބުނީމެވެ. "ކެޓް ހުންނަނީނު؟ މަގުމަތީގައި ކުޑަ ކެޓް ހަންގްރީ ހުންނަނީ. ޔޫ މުސްލިމް؟"
އަހަރެންގެ ސުވާލަށް ބިދޭސީ މީހާގެ ބޮލުން އާނއެކޭ ބުންޏެވެ.
"ކެޓަށް ކާންދިނީމާ ކަލެއަށް ވެސް ސަވާބު ހުންނަނީ،" އަހަރެން ވަރަށް ޔަގީންކަމާ އެކުގައި ބުނީމެވެ. "ބުޅާ ވެސް ދުއާކުރަނީ، އަހަރެން ވެސް ކަލެއަށް ދުއާކުރަނީ. ގިޔާމަތް ދުވަހުން ޕެރަޑައިސް ލިބުނީމާ ހެޕީ ހުންނަނީނު."
ބިދޭސީ މީހާ އާއި އަހަންނަށް ވެސް ބަލައިލެވުނީ ސޭޓަށެވެ. ސޭޓު ބޯ ޖަހައިލި އެވެ. ބިދޭސީމީހާ މަސްދަޅެއް ދިނެވެ. ފަސޭހައިން މަތި ކެނޑޭ ކަހަލަ ފެންމަސްދަޅެކެވެ. ފައިސާއަކު ސޭޓެއް ނުހިފި އެވެ. ދެ މީހުންނަށް ޝުކުރު އަދާކޮށްފައި އަހަރެން ނުކުތީމެވެ. ބުޅާ ފެންނާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. އެހެންވިޔަސް އަހަރެންގެ ޒިންމާ އަހަރެން އަދާކުރީމެވެ.
ޖަސްޓިސް ބިލްޑިންގާ ހަމައިން އަހަރެން އަޑުތަކަށް ސަމާލުކަން ދިނީމެވެ. ފަހަރެއްގައި ބުޅާ އެ ދިމާއަށް ހިނގައިފައި އަތުވެދާނެ ކަމަށް ވިސްނައިފަ އެވެ. އިންޖީނު އުޅަނދު ކޮންމެވެސް ވަރަކަށް ދަތުރު ކުރެ އެވެ. ބުޅަލެއްގެ އަޑުއިވުނުހެން އެއްފަހަރަކު ހީވި އެވެ. ޔަގީން ނުވާތީ މަޑުނުކުރީ އެވެ. އެސްޓީއޯއާ ހިސާބަށް ދެވުނު އިރު، ކުރިޔަށް ވުރެ މަގު އަނދިރި އެވެ. ޕާކުކުރާ ސަރަހައްދުގައި ސައިކަލު މަދެވެ. ބުޅަލުގެ އަޑެއް ނީވުނެވެ. އަހަރެން ޗާންދަނީ މަގަށް ލަނބައިލީމެވެ. ހިތަށް އެރި އެވެ. ވާވަރަށް ވުރެ އިތުރަށް މަސައްކަތް ކުރެވިއްޖެ އެވެ. އަނެއްކާ ވެސް ހިތް ފުންމައިގެން ތެދުވި އެވެ. ބުނި ކަހަލަ އެވެ. އަދި އެއްފަހަރު ބުރެއް ޖަހައިލުމަކުން ވާނީ ކޮން ގެއްލުމެއް ހެއްޔެވެ؟
އަނެއްކާ ވެސް ގޮސް ޖަސްޓިސް ބިލްޑިންގެ މާ ކުރިން ސައިކަލުގެ ސްޕީޑު މަޑުކޮށް، ކަންފަތުގެ އޭރިޔާ ދަނޑި ބޯމައްޗަށް ހިއްލައިލީމެވެ. ސުޕްރީމް ކޯޓު ޖެހުމުގެ ކުރިން، ކުއްލިއަކަށް ބުޅަލުގެ އަޑު އަހަރެންގެ ސަމާލުކަން އަތުލި އެވެ. އަހަރެން އަވަހަށް ސައިކަލު ޕާކު ކުރީމެވެ. މަސްދަޅު ނެގީމެވެ. ބުޅަލުގެ އަޑު އަހަންނަށް އިވެ އެވެ. އަޑު އަންނަ ދިމާ ވެސް އެނގެ އެވެ. އުނދަގޫވީ ބުޅާ ހޯދާށެވެ. ބައެއް ފަހަރު އަޑާ ކައިރިއަށް ދެވޭހެން ހީވެ އެވެ. އަނެއްބައި ފަހަރު ދުރަށް ދެވޭހެން ވެސް ހީވެ އެވެ. ދޭތެރެއަކުން އަޑު ކެނޑެ އެވެ. އަނެއްކާ އިވެން ފަށަ އެވެ. އެގޮތަކުން މިގޮތަކުން މަސައްކަތް ކުރަމުން ގޮސް ބުޅާ ފެނުނެވެ. ހުދުކުލައިގެ ކުޑަކުޑަ ބުޅަކެވެ. އެ ސޮރު އޮތީ ވަރަށް ހާންތި ވެފަ އެވެ. މަސްދަޅު ކަނޑާފައި ނުވެސް ބެހެއްޓެނީސް އައިސް ފެންބޯން ފެށި އެވެ. ދަޅު ބަހައްޓައިފައި ހިންދަމައިލެވުނު އިރު އަހަންނަށް ހީވީ އަހަންނަކީ ދުނިޔެ ފަތަހަކުރި ހަނގުރާމައިގެ ފަހުލަވާނެއް ހެންނެވެ.
ވަރަށް ހަމަޖެހިލައިގެން ސައިކަލަށް އަރައިގެން ގޮސް ސްޓޫޑިއޯއަށް ވަންނަން ބަލައިލި އިރު ދޮރު ހުރީ ކުޑަކޮށް ހުޅުވިފަ އެވެ. ތަޅު ހުރީ ހަލާކު ކޮށްލައިފަ އެވެ. އަވަހަށް އެތެރެއަށް ވަން އިރު ކޮންޕިއުޓަރުގެ މޮނީޓަރު ހުއްޓެވެ. ކޮންޕިއުޓަރު ނުވަތަ ޓަވަރެއް ނެތެވެ. ވަގަށް ނެގި މީހަކު އަވަސް ކޮށްލަން ވެގެން ހުރިހާ ނަރެއް ހުރީ ތޫނު އެއްޗަކުން ބުރިކޮށްލައިފަ އެވެ. އެ ތަނުގައި ހުރި ކެމެރާއިން ވީޑިއޯ ބަލައިލި އިރު، މޫނު ފޮރުވައިގެން ހުރި ވަގުކަލޭގެ ނަރުތައް ބުރިކޮށްލީ ތޫނު ވަޅިއަކުންނެވެ. ގަޑި ބަލައިލި އިރު، އެ ކަން ހިނގާފައި އޮތީ ބުޅާ ހޯދަން އަހަރެން އުޅުނު ވަގުތު އެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަހަންނަށް ހުރެވުނީ އެވެ. އަހަރެން އަތުގައި ބެކަޕް ހުންނާނެ އެވެ. ގެއްލުނީ އަގު ބޮޑު ކޮންޕިއުޓަރާއި ކުރެވުނު މަސައްކަތެވެ.
ބުޅާ ހޯދަން ނޫޅެ އަހަންނަށް އާދެވުނު ނަމަ ވާނީ ކިހިނެއްބާ އެވެ؟ މިއަދު ވެސް އަހަރެންގެ ހިތުގައި އުފެދޭ ސުވާލަކީ އެއީ އެވެ. ކޮންޕިއުޓަރު ސަލާމަތް ކުރެވުނީސްބާ އެވެ؟ ހިނގާނީ އެހެން ހާދިސާއެއް ހެއްޔެވެ؟ އަހަންނަށް ލިބުނީ ދެރައެއް ހެއްޔެވެ؟ ނުވަތަ ދެރަޔަކުން އަހަރެން ސަލާމަތް ކުރެއްވީ ހެއްޔެވެ؟ ޖަވާބެއް އަހަންނަކަށް ނޭނގެ އެވެ. --- ނިމުނީ