24 ޖުލައި 2024 - 10:05

ޕެރިސް (ޖުލައި 24) - އދ. ގެ މެމްބަރުކަން ފަލަސްތީނަށް ނުލިބެނީސް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ މެމްބަރެއްގެ ގޮތުގައި ފަލަސްތީނު އޮތުމަކީ އެ ޖަމިއްޔާ އިން ފަލަސްތީނަށް ކޮށްދިން ހެޔޮކަމެއް ކަން ދޭހަވާފަދަ ގޮތަކަށް އެތަނުގެ ރައީސް ތޯމަސް ބަކް ވާހަކަ ދައްކަވައިފި އެވެ.
ބަކް މިހެން ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ގައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އެ ގައުމަށް މިއަހަރު ގެ އޮލިމްޕިކްސް އިން ފުރުސަތު ނުދޭން ފަލަސްތީނުން އައިއޯސީ ގައި އެދުމުން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އަންނަ ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ފަށާ މި އަހަރުގެ އޮލިމްޕިކްސް އިން އިސްރާއީލް ބޭރުކުރަން ވަރަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އެކަމަކު އައިއޯސީގައި އެ ވިސްނުމެއް ނެތެވެ. ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ސިޔާސީ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ބަކް ވިދާޅުވީ އެ ދެ ގައުމަކީ ވެސް އައިސޯސީގެ މެމްބަރުން ކަމަށާއި އެ ޖަމިއްޔާގެ ބޭނުމަކީ ހުރިހާ މެމްބަރު ގައުމެއްގެ އެތުލީޓުން އެއްތަންކޮށްދިނުން ކަމަށެވެ.
"ފަލަސްތީނަށް ވަނީ ބޮޑު ފައިދާއެއް ލިބިފައި (އައިއޯސީގެ ފަރާތުން). ފަލަސްތީނަށް އދ. ގެ މެމްބަރުކަން ނުލިބުނަސް މިތަނުން ވަނީ ފުރުސަތު ދީފައި. އަހަރެމެން ސިޔާސީ ކަންކަމާ ނުބެހެން. އަހަރެމެންގެ އަމާޒަކީ އެތުލީޓުން އެއްތަންކޮށްދިނުން،" ޖަރުމަނަށް ނިސްބަތްވާ ބަކް، އިއްޔެ އޮތް ޕްރެސް ކޮންފަރެންސްގައި ވިދާޅުވި އެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 400 އެއްހާ އެތުލީޓުން މަރުވެފައިވާ ކަމަށާއި އަދި އިސްރާއީލުން އަންނަނީ ފަލަސްތީނުގެ ކުޅިވަރު ސްޓޭޑިއަމްތަކަށް ވެސް ހަމަލާދީ، އޮލިމްޕިކް އެއްބަސްވުމާ ހިލާފުވެފައިވާކަމަށް ފަލަސްތީނުން އައިއޯސީ އަށް ފޮނުވި ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.
މީގެ ކުރިން ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުގެ 26 މެމްބަރުން ވަނީ އޮލިމްޕިކްސް އިން އިސްރާއީލަށް ފުރުސަތު ނުދޭން ގޮވާލައިފަ އެވެ. ނަމަވެސް ފްރާންސްގެ ފޮރިން މިނިސްޓަރު ވަނީ އިސްރާއީލުގެ އެތުލީޓުންނަށް މަރުހަބާ ކިޔާކަމަށް ވިދާޅުވެފަ އެވެ.