24 ޖުލައި 2024 - 05:40

އިޒްރޭލުން މީގެ ނުވަ މަސް ކުރިން ފަލަސްތީނަށް ދޭން ފެށި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު އިއްޔެ 39،000 އިން މައްޗަށް ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ޣައްޒާގައި ހުންނަ ހެލްތު މިނިސްޓްރީން ބުނީ އިއްޔެއާ ހަމަޔަށް، އޭގެ 24 ގަޑިއިރު ކުރިން އިޒްރޭލުގެ ހަމަލާތަކުގައި 84 މީހަކު ޝަހީދުވި ކަމަށެވެ. މި އަދަދާ އެކު މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ގައި ފެށި ހަމަލާތަކުގައި ޝަހީދުވި އަދަދު ވަނީ 39،090 އަށް އަރައިފަ އެވެ.
ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލި ހަމަލާތަކުގެ ބަދަލު ހިފުމުގެ ނަމުގައި ދެމުން ގެންދާ ހަމަލާތަކުގައި ޒަހަމްވި ފަލަސްތީނު މީހުންގެ އަދަދު ވެސް މިހާރު ވަނީ 90،147 އަށް އަރައިފަ އެވެ.
އިޒްރޭލުން ހޯމަ ދުވަހުން ފެށިގެން ޚާން ޔޫނިސްގައި ހަމަލާދެމުން ދާއިރު މިހާތަނަށް 24 ކުޑަކުދިންނާއި 15 އަންހެނުން ވަނީ ޝަހީދުވެފަ އެވެ. އަދި 270 މީހަކު ވަނީ ޒަހަމްވެފަ އެވެ.
ޚާން ޔޫނިސްގައި އިޒްރޭލުން ހޯމަ ދުވަހު ދޭން ފެށި ހަމަލާތަކާ އެކު ފަލަސްތީނުގެ އެތައް އާއިލާއަކަށް ވަނީ އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ. -- އޭއެފްޕީ