24 ޖުލައި 2024 - 05:39

ހަމާސް އާއި އެ ޖަމާއަތާ ވާދަވެރި ފަލަސްތީނުގެ އެހެން ޖަމާއަތްތައް ޗައިނާ މެދުވެރިވެގެން އެއްތަންކޮށް ބޭއްވި މަޝްވަރާތަކަށް ފަހު ގައުމީ އެއްބައިވަންތަ ކަމަށް މަސައްކަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހަމާސްގެ އިސް އޮފިޝަލް މޫސާ އަބޫ މަރުޒޫގާއި ފަތަހު ޖަމާއަތުގެ މަންދޫބު މަހްމޫދު އަލް އަލޫލް އާއި ފަލަސްތީނުގެ އިތުރު 12 ޖަމާއަތެއްގެ މަންދޫބުން ޗައިނާގައި ބޭއްވި މަޝްވަރާގައި، ހަނގުރާމައަށް ފަހު ޣައްޒާގައި ގައުމީ އެއްބައިވަންތަކަމުގެ ވަގުތީ ސަރުކާރެއް އުފައްދަން އެއްބަސްވެފައިވާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވިދާޅުވީ ވިދާޅުވި އެވެ.
"މިއަދު މި އެއްބަސްވީ ގައުމީ އެއްބައިވަންތަކަމަށް މަސައްކަތްކުރުމަށް. އަހަރެމެންގެ ބަހަކީ، މި މަސައްކަތް ނިންމާލާނީ ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމަށް ފަހުގައޭ، މި ތިބީ ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމަށް އަދި އެކަމަށް ގޮވާލަން،" ޗައިނާގެ ފޮރިން މިނިސްޓަރު ވަންގްއާ ބައްދަލުކުރެއްވުމަށް ފަހު މަރުޒޫގު ވިދާޅުވި އެވެ.
މިކަން އިއުލާނުކުރުމާ އެކު އިޒްރޭލުން ވަނީ ޣައްޒާގެ ހަމަލާތައް ނިމުމަށް ފަހު ފަލަސްތީނުގައި ވެރިކަން ކުރަން ހަމާސް ބައިވެރި ނުކުރެވޭނެ ކަމަށް ބުނެ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
މި އެއްބަސްވުން އިއުލާނުކޮށްފައި މި ވަނީ އިޒްރޭލުން ޣައްޒާއަށް މީގެ ނުވަސް މަސް ކުރިން ފެށިގެން ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 39،000 އިން މައްޗަށް އަރާފައި ވަނިކޮށެވެ.
ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަަކަށް ވުރެ ގިނަ މީހުން މަރާލާއި 250 މީހަކު ރަހީނުކުރި މައްސަލައިގެ ބަދަލު ހިފަން ކަމަށް ބުނެ އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގެ ގެއްލުން ބޮޑީ އާންމުންނަށެވެ. އެކަމަކު އިޒްރޭލުން ބުނަނީ ހަމާސް ނައްތާލުމަކީ ހަމަލާތަކުގެ މަގުސަދު ކަމަށާއި އެކަން ކޮށްފައި ނޫނީ ހަމަލާތައް ނުހުއްޓާނެ ކަމަށެވެ. -- ފޮޓޯ: އޭއެފްޕީ