ކޮވިޑް ޖެހިގެން މަރުވި މުސްލިމުން އެންދި މައްސަލައިގައި ލަންކާއިން މާފަށް އެދެފި
ކޮވިޑް ޖެހިގެން މަރުވި މުސްލިމުން އެންދި މައްސަލައިގައި ލަންކާއިން މާފަށް އެދެފި

ކޮވިޑް ޖެހިގެން މަރުވާ މީހުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވަޅުލުމަކީ ރައްކާތެރި ގޮތެއް ކަމުގެ ޔަގީންކަން ޑަބްލިޔުއެޗްއޯ އިން ދީފައި ވަނިކޮށް ވެސް، ކޮވިޑް ޖެހިގެން ސްރީ ލަންކާގައި މަރުވި މުސްލިމުން ވެސް އަންދަން މަޖުބޫރުކުރުވި މައްސަލައިގައި އެ ގައުމުގެ މުސްލިމުންގެ ކިބައިން އިއްޔެ ރަސްމީކޮށް މާފަށް އެދެފި އެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް ޖެހިގެން މަރުވާ ކޮންމެ މީހަކު ވެސް އަންދާލަންޖެހޭ ގޮތަށް އުސޫލު ހަދައި އެގޮތަށް މުސްލިމުން ވެސް އަމަލުކުރުމަށް މަޖުބޫރުކުރި މައްސަލައިގައި މާފަށް އެދެން ކެބިނެޓުން ރަސްމީކޮށް ނިންމީ ކަމަށެވެ.

އެ ބަޔާނުގައި ބުނީ މުސްލިމުން ނުވަތަ އެހެން ދީނެއްގެ ބަޔަކަށް ވެސް، މަރުވާ މީހުންނާ މެދު އެ ދީނެއްގައި އަމަލުކުރާ ހަމަތައް ހިފަހައްޓައި އެ ބައެއްގެ ހައްގު ރައްކާތެރިވާނެ ގޮތަށް ގާނޫނެއް ވެސް ހަދާނެ ކަމަށެވެ.

ގައުމުގައި އަޣުލަބިއްޔަތު އޮންނަ ބުޑިސްޓުންނަކީ ހިންދޫން ގޮތަށް، މަރުވާ މީހުން އަންދާ ބައެކެވެ.

އާބާދީގެ ދިހަ ވަރަކަށް ޕަސެޓް ހިއްސާވާ މުސްލިމުންގެ މަންދޫބުން ވަނީ ސަރުކާރުން އެދުނު މާފު ގަބޫލުކުރާ ކަމަށް ބުނެފަ އެވެ. އެކަމަކު މުސްލިމުން އަދިވެސް ތިބީ މީހުން އެންދި މައްސަލައިގައި ލިބުނު ހިތްދަތިކަމުގެ ތެރޭގައި ކަމަށް ބުންޏެވެ.

ސްރީލަންކާގެ މުސްލިމް ކައުންސިލްގެ ތަރުޖަމާނު ހިލްމީ އަހްމަދު އޭއެފްޕީއަށް ވިދާޅުވީ މަރުވާ އެންމެން އަންދަން ލާޒިމްކުރުމަށް ސަރުކާރުން ހެދި ސިޔާސަތުގެ ފަހަތުގައި ތިއްބެވި ދެ އިލްމުވެރިން ކަމަށްވާ މެތިކާ ވިތަނާގެ އާއި ޗަންނާ ޖަޔަސުމާނާގެ މައްޗަށް ދައުވާ ކުރާނެ ކަމަށެވެ. އަދި ބަދަލު ހޯދަން ވެސް ދައުވާކުރާނެ ކަމަށް ވިދާޅުވި އެވެ. -- އޭއެފްޕީ