26 ފެބުރުއަރީ 2017 - 11:05

މިއުނިކް (ފެބްރުއަރީ 26) - ބަޔާން މިއުނިކްގެ ކޯޗު ކާލޯ އަންޗެލޮޓީގެ ކޯޗިން ކެރިއަރުގެ 1000 ވަނަ މެޗުން ރޭ ހެމްބާގް އަތުން 8-0 އިން ބަޔާން މިއުނިކް ބޮޑު މޮޅެއް ހޯދައިފި އެވެ.
މި މޮޅާ އެކު ޖަރުމަނު ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 22 މެޗުން 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާރްބީ ލިޕްޒިގު އަށް ލިބިފައިވަނީ 22 މެޗުން 48 ޕޮއިންޓެވެ. ލިޕްޒިގު ރޭ ކުޅުނު މެޗުން ވަނީ 3-1 އިން އެފްސީ ކޮލޯން ބަލިކޮށްފަ އެވެ.
ފާއިތުވި ސީޒަންތަކުގައި ވެސް ބަޔާނުން ވަނީ ބޮޑު ތަފާތަކުން ހެމްބާގް ބަލިކޮށްފަ އެވެ. ރޭގެ މެޗުގައި ހެމްބާގް ކޮޅަށް ބަޔާނުގެ ރޮބަޓް ލެވަންޑޯސްކީ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ކިންގްސްލީ ކޯމަން ދެ ލަނޑު ޖެހިއިރު އާޓޫރޯ ވިޑާލް، އާރްޔެން ރޮބެން އަދި ޑޭވިޑް އަލަބާ ކޮންމެ ކުޅުންތެރިއަކު އެއް ލަނޑު ޖެހި އެވެ.
ރޭގެ މެޗަކީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ޖަރުމަނު ލީގުގައި ލަނޑެއް ނުވައްދާ ހަމަކުރި 100 ވަނަ މެޗެވެ. ނޯޔާ އަކީ ޖަރުމަނު ލީގުގައި އެންމެ އަވަހަށް 100 ކްލީން ޝީޓް ހަމަކުރި ކީޕަރެވެ. ނޯޔާ 100 ކްލީން ޝީޓް ހަމަކުރީ 183 މެޗުންނެވެ. މި ރެކޯޑް ކުރިން އޮތީ 232 މެޗުން 100 ކްލީން ޝީޓް ހަމަކުރި ވާޑާ ބްރެެމެންގެ ކުރީގެ ކީޕަރު އޮލިވާ ރެކް އަތުގަ އެވެ.
ރޭގެ މެޗަށް ފަހު އަންޗެލޮޓީ ބުނީ ކޯޗިން ކެރިއަރުގައި މިދިޔަ 22 އަހަރުތެރޭ ގިނަ ކަންތައްތަކެއް ދަސްވެއްޖެ ކަމަށާއި އަދިވެސް ބޭނުންވަނީ ކުރިއަށްދާން ކަމަށެވެ.
"އެކި ޓީމުތަކުގައި ތަފާތު ސްޓައިލްގެ ކުޅުންތެރިންނާ އެކު އަހަރެން މަސައްކަތް ކޮށްފިން. ފުޓްބޯޅަ އަށް ހިދުމަތް ކޮށްދިނުމަކީ އަހަރެންގެ ހިތްހަމަ ޖެހުން. އަދިވެސް ވިސްނުމަކީ ކޯޗިން އިން ކުރިއަށްދިއުން،" އަންޗެލޮޓީ ބުންޏެވެ.
ރެޖީނާ އިން 1995 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި އަންޗެލޮޓީ އޭގެ ފަހުން ވަނީ ޕާމާ، ޔުވެންޓަސް، އޭސީ މިލާން، ޗެލްސީ، ޕީއެސްޖީ އަދި ރެއާލް މެޑްރިޑަށް ކޯޗުކޮށްދީފަ އެވެ. އޭނާ ވަނީ މިލާނަށް ދެ ފަހަރު އަދި މެޑްރިޑަށް އެއް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.