23 ޖުލައި 2024 - 22:22

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލް ކަމަށްވާ މަޖީދިއްޔާ ސްކޫލްގެ 100 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކާ އެކު 1،000 ދުވަހުގެ ކައުންޓްޑައުންއެއް މިރޭ ފަށައިފި އެވެ.

އެ ކައުންޓްޑައުން ފެށީ މިރޭ އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީއެއްގަ އެވެ. ކައުންޓްޑައުން ފަށްޓަވައިދެއްވީ މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
އެ އެސެމްބްލީގައި ވަނީ މަޖީދިއްޔާ ސްކޫލުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ލިޔުން ދެއްވައިފަ އެވެ.
މިރޭ ފެށި ކައުންޓްޑައުންގައި ގިނަ ކަންތައްތަކެއް ރާވާފައި ވާއިރު އޭގެ ތެރެއިން އެންމެ ފުރަތަމަ ހަރަކާތަކީ "މަޖީދިއްޔާ ދަންމަރު"ގެ ނަމުގައި މާދަމާ ރޭ ބާއްވާ ހާއްސަ މިޔުޒިކް ޝޯއެކެވެ. މިއީ މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ތެރެއިން ސްކޫލް ދުވަސްވަރު އާއި އޭގެ ފަހުން ވެސް މިއުޒިކް ކުޅުނު މީހުން އިސް ނަގައިގެން ބާއްވާ ޝޯ އެކެވެ.
އެ ޝޯގައި މަޝްހޫރު އެތައް ފަންނާނުންނެއްގެ ހުނަރު ފެންނާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ. އަދި އެ ޝޯ ވެގެންދާނީ މިޔުޒިކް ކުޅެފައިވާ ގިނަ މީހުން ފުރަތަމަ ފަހަރަށް އެއް ސްޓޭޖަކުން ފެންނާނެ ފަހަރަށް ކަމަށް ވެސް ބުންޏެވެ.
މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭން ފެށީ އޭޕްރީލް 19، 1927 ގަ އެވެ. އެ ސްކޫލަށް 100 އަހަރު ވާނީ އޭޕްރީލް 19، 2027 ގަ އެވެ. މީގެކުރިން މަޖީދިއްޔާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ވެސް ކުލަ ގަދަ ހަރަކާތްތަކެއް މާލޭގައި އޭރު ކުރިއަށް ގެންދިޔަ އެވެ.