ހުޅުމާލޭ ދުވާރުމަތިން ގޮނޑި މޭޒުތައް ނަގަން އަންގައިފި
ހުޅުމާލޭ ދުވާރުމަތިން ގޮނޑި މޭޒުތައް ނަގަން އަންގައިފި

ހުޅުމާލެ މަގުތަކުގެ ޕޭވްމަންޓް މަތީގައި ގޮނޑި މޭޒު ބަހައްޓައިގެން ކެފޭތަކުން ހިދުމަތް ނުދޭން ހައުސިން ޑިވޮލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާވެސް އަންގައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިގޮތަށް ކެފޭ އަދި ޓޭކްއަވޭ ހިދުމަތްދޭ ތަންތަނުގައި ޕޭވްމަންޓްގައި ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތް ދޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ ޕޭވްމަންޓާއި ހެޖް ތެރޭގައި މޭޒާއި ގޮނޑި ބަހައްޓައިގެން ވިޔަފާރި ހިދުމަތް ދޭތީ އެކަމުގެ ސަބަބުން އާންމުންނަށް އެކި ވަރުގެ އުނދަގޫތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެގޮތުން ސުކޫލުތައް ހުންނަ ސަރަހައްދުތަކުގެ ޕޭވްމަންޓް މަތީގައި ތިބެގެން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ޕޭވްމަންޓްތަކުގައި ކެފޭ ހިދުމަތް ދޭތީ، ހިނގާ އުޅޭ ފަރާތްތަކަށް ވެސް ދަތިވާ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

މިގޮތަށް ވިޔަފާރި ކުރުމަކީ މަނާ ކަމެއް ކަން ފާހަގަކޮށް، އެޗްޑީސީން ވަނީ އެ ތަކެތި ނަގައި އެގޮތަށް ހިދުމަތް ނުދިނުމަށް އަންގައިފަ އެވެ. އަދި އެ އެންގުމަށް އަމަލު ނުކުރާ ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.