23 ޖުލައި 2024 - 11:34

އެމްޕީއެލް އާއި ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) ގުޅިގެން ކުރިއަށް ގެންދާ "މޮޑާން ޕޯޓް މެނޭޖްމަންޓް" ކޯސް އިއްޔެ ފަށައިފި އެވެ.

މި ކޯހުގެ އަމާޒަކީ މެރިޓައިމް ޕޯޓްގެ ދާއިރާއިން މީހުން ބިނާ ކުރުމެވެ. ޖުމްލަ 20 ބައިވެރިންނާ އެކު މި ކޯހުގެ މުއްދަތަކީ 18 މަސް ދުވަހެވެ.

ކޯސް ފަށަން އެމްޕީއެލްގެ އިސްވެރިންނާއި ކަމާ ގުޅުން ހުރި އިދާރާތަކުގެ އިސްވެރިންނާ އެކު ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސަރު އައިޝަތު ޝިމްލާ ވިދާޅުވީ އެ ކޯހަކީ މުވައްޒަފުންނަށް ބޭނުންތެރި ތައުލީމާއި ތަމްރީނުތައް ލިބޭނެ ކޯހެއް ކަމަށެވެ. އަދި މިފަދަ ކޯސްތަކުގައި ތައުލީމީ ގޮތުން މުވައްޒަފުންގެ މެދުގައި ވާދަވެރިކަން އުފެދޭނެ ކަމަށާއި އެ ވާދަވެރިކަމާ އެކު ވެސް ކެރިގެން މަސައްކަތް ކުރަން އޭނާ އެދިވަޑައިގަތެވެ.
މި ކޯހުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން އެމްއެސްއެސް އަދި އިމިގްރޭޝަންގެ މުވައްޒަފުން ބައިވެރިވެ އެވެ. ފުރަތަމަ މޮޑިއުލްތައް ނަގައިދޭނީ އަންކްޓަޑްގެ އިންފޮމޭޝަންސް ސިސްޓަމްސް އޮފިސަރު ތޯމަޒް ކުލާގާ އާއި ބްރެމޯ ޕޯޓް ކޮމްޕެނީގެ ޑިރެކްޓަރު ޖޯ ހައިނީ އެވެ.
މިއީ އެމްޕީއެލް އާއި އަންކްޓަޑް ގުޅިގެން މި ކޯސް ބާއްވާ ތިން ވަނަ ފަހަރެވެ.