23 ޖުލައި 2024 - 10:09

ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އިއްޔެ ހަވީރު ސްރީ ލަންކާ އަތުން ދިވެހިރާއްޖެ ބަލިވުމުން، މިއަދު ހަވީރު ތިން ވަނަ ހޮވާ މެޗުގައި ނޭޕާލާ ވާދަކުރަން ޖެހިއްޖެ އެވެ.
ލަންކާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ސެޓު ލަންކާ ކާމިޔާބުކުރީ 25-9 އިންނެވެ. އެ ޓީމުން ދެ ވަނަ ސެޓު 25-8 އިން ކާމިޔާބުކުރުމަށް ފަހު ފަހު ސެޓު ގެންދިޔައީ 25-7 އިންނެވެ.
މުބާރާތުގެ ދެ ވަނަ ސެމީން ނޭޕާލް އަތުން ސީދާ ތިން މޮޅުވެ ފައިނަލުގައި ލަންކާއާ ވާދަކުރުމުގެ ފުރުސަތު ހޯދީ ކިރްގިސްތާނެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-14، 25-22، އަދި 25-13 އިންނެވެ.
ތިން ވަނަ ހޮވާ މެޗުގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާނީ މިއަދު ހަވީރު 4 ޖަހާއިރެވެ. އަދި ފައިނަލުގައި ލަންކާ އާއި ކިރްގިސްތާން ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 8:30 ގަ އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ ނޭޕާލް އަތުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ. ނޭޕާލުން ސެޓްތައް ގެންދިޔައީ، 25-16، 25-9 އަދި 25-10 އިންނެވެ.
ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު އަނެއް ދެ މެޗުން ވެސް ލަންކާ އާއި ކިރްގިސްތާން އަތުން ވެސް ސެޓެއް ނުލިބި ބަލިވީ އެވެ. ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ވާދަކޮށް ކިރިގިސްތާނުން ސެޓްތައް ގެންދިޔައީ، 25-11، 25-11 އަދި 25-17 އިންނެވެ. އަދި ހުކުރު ދުވަހުގެ ހަވީރު ރާއްޖެއާ ދެކޮޅަށް ލަންކާ އިން ސެޓުތައް ގެންގޮސްފައި ވަނީ 25-8، 25-9 އަދި 25-16 އިންނެވެ.
ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) ގެ އިރުޝާދުގެ ދަށުން ކުޅޭ ރާއްޖޭގެ ޓީމަކީ މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ޓީމެވެ. އެގޮތުން ރާއްޖޭގެ ސްކޮޑުގެ އެވްރެޖް އުމުރަކީ ގާތްގަނޑަކަށް 17 އަހަރެވެ. އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކަށް ހުރީ މިދިޔަ އަހަރުން ފެށިގެން ސީނިއާ ސްކޮޑުގައި ވެސް ހިމެނޭ މާޔާ ހުސެއިން ސޮލާހެވެ.