އޮލިމްޕިކްސްގައި ވާދަކުރަން ދިވެހި އެތުލީޓުން ޕެރިހަށް
އޮލިމްޕިކްސްގައި ވާދަކުރަން ދިވެހި އެތުލީޓުން ޕެރިހަށް

އަންނަ ހުކުރު ދުވަހު ފްރާންސްގެ ވެރިރަށް ޕެރިހުގައި ފަށާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭން ބައިވެރިވާ ކޮންޓިންޖެންޓް މިއަދު ހެނދުނު ފުރައިފި އެވެ.

ގަތަރު އެއާވޭސް އިން ފުރި ޓީމު ދޯހާގައި ޓްރާންސިޓްކުރުމަށް ފަހު ޕެރިހަށް ދެވޭނީ މިރޭގެ ވަގުތެއްގަ އެވެ.

ރާއްޖޭގެ ކޮންޓިންޖެންޓުގައި ހިމެނެނީ ފަސް އެތުލީޓުންނާއި 8 އޮފިޝަލުންނެވެ. އެތުލީޓުންނަކީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި ދުވުންތެރިޔާ އިބާދުﷲ އާދަމް އާއި ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސައިން އާއި އާއިޝަތު އުލްޔާ ޝާއިގް އަދި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އެވެ.

އެ ހަތަރު ކުޅިވަރުން ހަތަރު ކޯޗުންގެ އިތުރުން ކޮންޓިންޖެންޓުގައި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ޗެފް ޑި މިޝަނަ އަހުމަދު މުންތަގިމް އާއި އޮލިމްޕިކް ކޮމިޓީގެ އޮފިޝަލް ޝިފާޒް އިބްރާހީމް އަދި ދީމާގެ މަންމަ އާއިޝަތު ވަހީދާ ހިމެނެ އެވެ.

ރާއްޖޭން ބައިވެރިވާ ފަސް އެތުލީޓުންގެ ތެރެއިން ދީމާ އަކީ ކޮލިފައިވެގެން އޮލިމްޕިކްސްގައި ވާދަކުރާ ދިވެހި ފުރަތަމަ އެތުލީޓެވެ. އޭނާ ކޮލިފައިވީ މިދިޔަ މޭ މަހު ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ އޮލިމްޕިކް ޓީޓީ ކޮލިފައިންގެ ފައިނަލްގައި ސްރީ ލަންކާގެ ބިމަންދީ ބަންޑަރާ ބަލިކޮށްގެންނެވެ. އެހެން އެތުލީޓުން ވާދަކުރަނީ ކޮންމެ ގައުމަކަށް ވެސް ދޭ ހާއްސަ ޖާގައިގެ ތެރެއިންނެވެ.

ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ދީމާ އާއި އިބާދުﷲ އެވެ. މި ދެ އެތުލީޓުންނާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އާދީއްތަ ދުވަހު ދިދަ ހަވާލުކުރައްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަނީ އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު ރާއްޖޭން އޮލިމްޕިކްސްގައި ގިނަ އެތުލީޓުން ވާދަކުރުމަކީ ކުޅިވަރު ކުރިއަރުވަން މި ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ހިތްވަރެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މި އެތުލީޓުން ރާއްޖެ އަށް ރީތި ނަން ހޯދައިދޭން ކަށިން ހިތްވަރު ނެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޮލިމްޕިކްސްއާ ހަމަޔަށް އެތުލީޓުންނަށް އާދެވުނީ އެ ކުޅުންތެރިންގެ އިތުރުން ކޯޗުންނާއި، އެސޯސިއޭޝަނުންނާއި، މިނިސްޓްރީންނާއި، ކުޅިވަރު ކޮމިއުނިޓީގެ ބުރަ މަސައްކަތުން ކަމަށާއި، މިއީ ދިވެހި ކުޅިވަރު އެހެން ހަރުފަތަކަށް އެރުމުގެ މުހިއްމު ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި 32 ކުޅިވަރެއްގެ 329 އިވެންޓް އޮންނާނެ އެވެ. އަދި 206 ގައުމަކުން 10،714 އެތުލީޓުން ބައިވެރިވާނެ އެވެ.