ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ހުޅުވާލައިފި
ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ހުޅުވާލައިފި

ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

ފުޑް ޓްރަކް ހިންގަން އީއޯއައި ހުށަހަޅަން ހުޅުވާލައި، އެޗްޑީސީން ކުރި އިއުލާނުގައި ބުނީ ފުޑް ޓްރަކްތައް ހިންގާނީ "ފިކްސްޑް ފީ" މޮޑެލްއަކަށް ކަމަށާއި ނަމަވެސް، އެ ނޫން މޮޑެލްތަކަށް ވެސް އީއޯއައި ހުށަހަޅަން ފުރުސަތު އޮންނާނެ ކަމަށެވެ.

އެއް ފަރާތަށް ވުރެ ގިނައިން އީއޯއައި ހުށަހަޅައިފި ނަމަ، އެޗްޑީސީގެ މާސްޓާޕްލޭނާ އެއްގޮތަށް އެ ހިދުމަތް ފޯރުކޮށްދެވޭނެ ބަޔަކު ހޮވާނެ ކަމަށް އިއުލާނުގައިވެ އެވެ. އިއުލާނުގައިވާ ގޮތުން ފުޑް ޓްރަކްތައް ހިންގަން ހަމަޖެހިފައިވަނީ ހުޅުމާލޭގެ 12 ސަރަހައްދެއްގަ އެވެ.

އޭގެ ތެރޭގައި، ފެރީ ޓާމިނަލާއި އެސްޓީއޯ ހޮޓެލް ސަރަހައްދާއި ސެންޓްރަލް ޕާކާއި ފެހިރެސް ޕާކާއި ވޯޓާ ތީމް ޕާކާއި ފުޓްބޯޅަ ސްޓޭޑިއަމް ސަރަހައްދާއި ފަހިވެނި ކޮމިއުނިޓީ ސެންޓަރާއި އެޗްޑީސީ ހެޑް އޮފީސް ހިމެނެ އެވެ.

މި ތަންތަނުގެ އިތުރުން ރެހެންދި ސްކޫލާއި ރެޑްބުލް ޕާކާއި ރުއްގަނޑު 1 އަދި 2 ގައި ވެސް ފުޑް ޓްރަކު ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ.

މި ފުޑް ޓްރަކްތައް ތަރައްގީ ކުރަން ޖެހޭނީ އެޗްޑީސީން އިއުލާނުގައި ހިމަނާފައިވާ މޮޑެލަށެވެ. އަދި އެ ތަންތަނުގައި ވިއްކާ ކާބޯތަކެއްޗަކީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗަށް ވާންޖެހެ އެވެ.

ޓްރަކްތައް ހިންގަން ހާއްސަ ގައިޑްލައިނެއް ވެސް އެޗްޑީސީން ހަދާފައިވާއިރު، އެއާ ހިލާފުވާ ނަމަ، ޖޫރިމަނާ ކުރެވޭނެ ގޮތާއި ޖޫރިމަނާ ކުރާނެ އަދަދުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ. ގައިޑްލައިނާ ހިލާފުވާ ނަމަ، 5،000 އިން ފެށިގެން 50،000 އާ ހަމައަށް ޖޫރިމަނާ ކުރެވެ އެވެ.

އެޗްޑީސީން މިހާރު އަންނަނީ ހުޅުމާލެ 2 ގައި ކިއޮސްކް ތަރައްގީކުރަން ވެސް މަސައްކަތް ކުރަމުންނެވެ.