26 ފެބުރުއަރީ 2017 - 09:48

އެމްބީއޭ ކަޕް ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސައިކްލޯން ބީސީ ހޯދައިފި އެވެ.
އެ ޓީމު ޗެމްޕިއަންކަން ހޯދީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ޒިގްޒެގް ފޯ ޔޫތު ލިންޖޭކާ ވާދަކޮށް 46-40 ޕޮއިންޓުން މޮޅުވެގެންނެވެ.
މި މެޗުގައި ސައިކްލޯން އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި ފާތިމަތު ރިޝްމާ އެވެ. ދެ ވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އަށް ޕޮއިންޓާ އެކު ރާއިފާ އިބްރާހީމެވެ. ޒިގްޒެގަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ އައިމިނަތު ޝިއުރާ އެވެ. އޭނާ 14 ޕޮއިންޓް އެއްކުރިއިރު ދެން އެންމެ ގިނަ ޕޮއިންޓް ހޯދީ 10 ޕޮއިންޓާ އެކު އައިމިނަތު އިސްރާއު އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހާސިލްކޮށްފައިވާ ޝިއުރާ އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޒިގްޒެގުގެ ޝިޒްނާ ރަޝީދާއި އައިމިނަތު ހަލީމާއި ސައިކްލޯންގެ ރާއިފާ އާއި ނަޝްފާ އާމިރާ (ނައްފަ) އަދި ރިޝްމާ އެވެ.