ފައިނަލެއްގައި ޕްރެޝަރު އޮންނާނީ ބޮޑު ކްލަބަށް: މޮރީނިއޯ
ފައިނަލެއްގައި ޕްރެޝަރު އޮންނާނީ ބޮޑު ކްލަބަށް: މޮރީނިއޯ

ލަންޑަން (ފެބްރުއަރީ 26) - އިނގިރޭސި ލީގު ކަޕް ފައިނަލުގައި މިރޭ ސައުތެމްޓަނާ ދެކޮޅަށް ނުކުންނައިރު ޕްރެޝަރު އޮންނާނީ ބޮޑު ކްލަބަށް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ފައިނަލެއްގައި ޕްރެޝަރު އޮންނާނީ ބޮޑު ކްލަބަށް: މޮރީނިއޯ
ފައިނަލެއްގައި ޕްރެޝަރު އޮންނާނީ ބޮޑު ކްލަބަށް: މޮރީނިއޯ

މޮރީނިއޯ ވަނީ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުން ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. ޔުނައިޓެޑާ ހަވާލުވި ފަހުން ފުރަތަމަ ފައިނަލަށް ނުކުންނައިރު މޮރީނިއޯ ބުނީ މިއީ ޔުނައިޓެޑުގެ އަސްލު މަގާމަށް ގެންދިއުމަށް ކާމިޔާބު ކުރަންޖެހޭ މުބާރާތެއް ކަމަށެވެ.

"އަހަރުތަކެއް ގޮސްފި ޔުނައިޓެޑަށް ކާމިޔާބީ ތަކުރާރު ނުކުރެވޭތާ. މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު މި ސީޒަނުގެ ފުރަތަމަ ފައިނަލުގައި ޔުނައިޓެޑް މި ކުޅެނީ. އެ ގޮތަށް ވިސްނާއިރު މިއީ ކާމިޔާބީ ތަކުރާރުކޮށް ޔުނައިޓެޑް އަސްލު މަގާމަށް ގެންދަން ކުރާ މަސައްކަތަށް ހިތްވަރެއް ހޯދުމަށް ކާމިޔާބުކުރަން ޖެހޭ މުބާރާތެއް،" މޮރީނިއޯ ބުންޏެވެ.

ސައުތެމްޓަނަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1976 ވަނަ އަހަރުގެ އެފްއޭ ކަޕް ތަށްޓެވެ. އެ ފަހަރު އެ ޓީމު ވަނީ ފައިނަލުގައި 1-0 އިން ޔުނައިޓެޑް ބަލިކޮށްފަ އެވެ. މޮރީނިއޯ ބުނީ ސައުތެމްޓަނުން އޮންނާނީ ކާމިޔާބަކަށް ކެތްމަދުވެފައި ކަމަށް ވުމުން ޔުނައިޓެޑުން ސަމާލުވާން ޖެހޭ ކަމަށެވެ.

"ފަހަރެއްގައި އަހަރެމެންނަށް ވުރެ ބޮޑަށް ސައުތެމްޓަނުން މި މެޗުން މޮޅުވާން ބޭނުންވެދާނެ. އެއީ މީގެ 41 އަހަރު ކުރިން އެ ޓީމަށް ކާމިޔާބެއް ހޯދުނީ. އެގޮތަށް ވިސްނާއިރު ސައުތެމްޓަން ނުކުންނާނީ ހުރިހާ ގޮތަކުން ތައްޔާރުވެގެން،" މޮރީނިއޯ ބުންޏެވެ.

މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އަށް ނުކުޅެވޭނެ އެވެ. މޮރީނިއޯ ބުނީ މިކިތާރްތަން ނެތްތަން ފޫބެއްދުމަށް ބޭނުންކުރެވޭނެ ކުޅުންތެރިން އެބަތިބި ކަމަށާއި ވޭން ރޫނީ އަކީ ވެސް ފައިނަލުތަކުގައި ހާއްސަ ކުޅުންތެރިޔެއް ކަމަށެވެ.

މިއީ ޔުނައިޓެޑް ލީގު ކަޕް ފައިނަލުގައި ކުޅޭ ނުވަ ވަނަ ފަހަރެވެ. އެ ޓީމު ވަނީ ލީގު ކަޕް ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން އެ ޓީމުން ލީގު ކަޕް ކާމިޔާބުކުރީ 2010 ވަނަ އަހަރު އެވެ. ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ވަނީ ޗެލްސީއާ އެކު ތިން ފަހަރު ލީގު ކަޕް ހޯދައިފަ އެވެ.

ސައުތެމްޓަންގެ މި މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ އާސެނަލާއި ލިވަޕޫލް ކަޓުވާލުމަށް ފަހު އެވެ. އެ ޓީމުގެ ކޯޗު ކްލައުޑޭ ޕުއެލް ބުނީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅެން ސައުތެމްޓަނަށް މިހާރު އެނގޭ ކަމަށެވެ.

"އަހަރެމެން ސާބިތުކޮށްދީފިން ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅެން އަހަރެމެންނަށް އެނގޭކަން. މިއީ އަހަރެމެންނަށް ވަރަށް ހާއްސަ ފައިނަލެއް. ހުރިހާ ކުޅުންތެރިން ވެސް ބޭނުންވަނީ މި ފުރުސަތުގެ ބޭނުން ހިފަން،" ޕުއެލް ބުންޏެވެ.

އޭނާ ބުނީ މިރޭގެ މެޗުގައި އޭނާގެ ޓީމަށް އެންމެ ނުރައްކާ ބޮޑުވާނީ ޔުނައިޓެޑްގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗްގެ ފަރާތުން ކަމަށާއި އޭނާ ހުއްޓުވަން ހާއްސަ ސަމާލުކަމެއްދޭނެ ކަމަށެވެ.

ޔުނައިޓެޑާއި ސައުތެމްޓަން ކުޅޭ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ.