ޣައްޒާއިން ޕޯލިއޯ ވައިރަސް ފެނުމުން އިޒްރޭލު ސިފައިންނަށް ވެކްސިން ދެނީ
ޣައްޒާއިން ޕޯލިއޯ ވައިރަސް ފެނުމުން އިޒްރޭލު ސިފައިންނަށް ވެކްސިން ދެނީ

ފަލަސްތީނުގެ ޣައްޒާގެ ބައެއް ސަރަހައްދުތަކުން ނެގި ސާމްތަކެއްގައި ޕޯލިއޯގެ ވައިރަސް ހުރިކަން އެނގުމާ އެކު، ޣައްޒާގައި އުޅޭ އިޒްރޭލު ސިފައިންނަށް ޕޯލިއޯ ވެކްސިން ދޭން ފަށައިފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އާންމު ސިފައިންނާއި ރިޒާވް ސިފައިންނަށް ވެސް ވެކްސިން ދޭން ބޮޑު ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. އަދި ފަލަސްތީނުގެ އާންމުންނަށް ބޭނުންވާ ވެކްސިން ވެސް ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ހަމަލާދެމުން ދާއިރު، މި ހަމަލާތަކުގައި ބައިވެރިވާ ސިފައިންގެ އަދަދެއް އިޒްރޭލުން ހާމަކޮށްފައެއް ނުވެ އެވެ.

އދ.ގެ އިދާރާތަކުން މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުގައި ގްލޯބަލް ޕޯލިއޯ ލެބޮރަޓަރީ ނެޓްވޯކް އިން ކުރި ތަހުލީލުތަކެއްގައި ޣައްޒާގެ "އެންވަޔަރަމަންޓަލް ސާމްޕަލް" ގެ ހަ ސާމްޕަލަކުން ވަނީ ޓައިމް-2 ޕޯލިއޯ ވައިރަސް ފެނިފަ އެވެ. އިޒްރޭލުގެ ހެލްތު މިނިސްޓްރީން ވެސް ވަނީ ހަމަ މި ގޮތަށް ވައިރަސް ފެނިފައިވާ ކަމަށް ބުނެފަ އެވެ.

އެކަމަކު އަދި މިހާތަނަށް މީހަކަށް ޕޯލިއޯ ޖެހުނު ކަމުގެ ރިޕޯޓެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.

އިޒްރޭލުން ބުނީ އެކި ޖަމިއްޔާތައް މެދުވެރިކޮށް ޣައްޒާގެ އާންމުންނަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށާއި މިހާތަނަށް 300،000 ޑޯޒް ސަޕްލައިކޮށްފައިވާ ކަމަށެވެ.

ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ މި ވައިރަހަކީ ތަޣައްޔަރުވެފައިވާ ފެން ބުއިމުން ނުވަތަ ކުޅުގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެކެވެ. މި ވައިރަސްގެ ސަބަބުން މީހާ ވާގިނެތި ނުކުޅެދޭ ހާލަތަށްދެ އެވެ. އަދި ބައެއް ހާލަތުގައި މަރުވެ އެވެ.

އިޒްރޭލުގެ ހަމަލަތަކުގެ ސަބަބުން ޣައްޒާ ބިމާ ހަމަވެފައި ވާއިރު ނުތާހިރުކަން ވެސް ވަނީ އާންމުވެފަ އެވެ. ގެދޮރު ގެއްލިފައިވާ މީހުން ފޭލިގެތަކުގައި އުޅެމުން ދާއިރު އެތަންތަނުގެ ތެރޭގައި ވެސް ފެން ހެދި ތަޣައްޔަރުވެ އެވެ. ފެން ލިބުން ދަތިވެ، ނުސާފު ފެން ބުއިމަށް ވެސް ވަނީ މަޖުބޫރުވެފަ އެވެ. -- އޭއެފްޕީ