ކުޅިވަރު ކުރިއެރުވުމަށް ތާރީހު ނުދެކޭ މިންވަރަށް މަސައްކަތްކުރާނަން: ރައީސް
ކުޅިވަރު ކުރިއެރުވުމަށް ތާރީހު ނުދެކޭ މިންވަރަށް މަސައްކަތްކުރާނަން: ރައީސް

ކުޅިވަރު ކުރިއެރުމަށްޓަކައި، މިހާތަނަށް ދިވެހިރާއްޖޭގެ ތާރީހު ނުދެކޭ މިންވަރަށް މި ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޅިވަރު ކުރިއެރުވުމަށް ތާރީހު ނުދެކޭ މިންވަރަށް މަސައްކަތްކުރާނަން: ރައީސް
ކުޅިވަރު ކުރިއެރުވުމަށް ތާރީހު ނުދެކޭ މިންވަރަށް މަސައްކަތްކުރާނަން: ރައީސް

މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ބައިވެރިވާ އެތުލީޓުންނާ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިއީ ދިވެހި ކުޅިވަރަށް އާ ފެށުމެއް ކަމަށާއި، ވަސީލަތްތަކާއި އެ ނޫން ވެސް، ކާމިޔާބު ހޯދަން ބޭނުންވާ ކަންކަން މި ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ.

އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރަނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި ދުވުންތެރިޔާ އިބާދުﷲ އާދަމް އާއި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަދި ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސައިން އަދި އާއިޝަތު އުލްޔާ ޝާއިގް އެވެ. މީގެ ތެރެއިން ރާއްޖޭގެ ދިދަ އުފުލާނީ ދީމާ އާއި އިބާދުﷲ އެވެ.

އެ ދެ އެތުލީޓުންނާ ދިދަ ހަވާލުކުރެއްވުމަށް ފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު ރާއްޖޭން އޮލިމްޕިކްސްގައި ގިނަ އެތުލީޓުން ވާދަކުރުމަކީ ކުޅިވަރު ކުރިއަރުވަން މި ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ހިތްވަރެއް ކަމަށެވެ. އަދި މި އެތުލީޓުން ރާއްޖެ އަށް ރީތި ނަން ހޯދައިދޭން ކަށިން ހިތްވަރު ނެރޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޮލިމްޕިކްސްއާ ހަމަޔަށް އެތުލީޓުންނަށް އާދެވުނީ އެ ކުޅުންތެރިންގެ އިތުރުން ކޯޗުންނާއި، އެސޯސިއޭޝަނުންނާއި، މިނިސްޓްރީންނާއި، ކުޅިވަރު ކޮމިއުނިޓީގެ ބުރަ މަސައްކަތުން ކަމަށާއި، މިއީ ދިވެހި ކުޅިވަރު އެހެން ހަރުފަތަކަށް އެރުމުގެ މުހިއްމު ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ބައިނަލްއަގްވާމީ ފެންވަރުގައި ކާމިޔާބު ހޯދޭނެ މިންވަރަށް ކުޅިވަރު ވަސީލަތްތައް އިތުރުކުރުމުގެ ރޭވުންތައް ރާވައި، ކަންކަން ތަރުތީބުކުރައްވާނެ ކަމަށާއި އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި އެކަންކަމަށް ފައިސާ ހިމަނުއްވާނެ ކަމަށެވެ.

"ކުރިއަށް އޮތް މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން އިތުރު ކުޅިވަރުތަކުގައި އެތުލީޓުން ނުވަތަ ކުޅިވަރުކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގައި ކުޅިވަރު ކުރިއަށްގެންދިއުމަކީ މިސަރުކާރުގެ ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.

"ސަރަހައްދީ ފެންވަރުގައާއި އަދި ބައިނަލްއަގްވާމީ މައިދާނުގައި، އޮލިމްޕިކްސް އާއި އެހެނިހެން މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުން ބައިވެރި ކުރުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާއި ލިބޭ ފުރުސަތުތައް އިތުރުކުރުމާއި، ރާއްޖެއިން ބޭރުންވެސް ތަމްރީނުގެ ފުރުސަތުތައް ހޯދައިދީ އެތުލީޓުން ކުރިއެރުވުމަށްޓަކައި ކޮށްދެވެންހުރި ހުރިހާ މަސައްކަތެއް ވަކި ތަރުތީބެއްގެ މަތީން ކުރުމަކީ ވެސް މި ސަރުކާރުގެ ސިޔާސަތެއް."

މި މަހުގެ 26 ގައި ފްރާންސްގެ ވެރިރަށް ޕެރިހުގައި ފަށާ އޮލިމްޕިކްސް އަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތެވެ. މި ގޭމްސްގައި 32 ކުޅިވަރެއްގެ 329 އިވެންޓް އޮންނާނެ އެވެ. ރާއްޖޭން ބައިވެރިވާ ފަސް އެތުލީޓުންގެ ތެރެއިން ދީމާ ބައިވެރިވަނީ ކޮލިފައިވެގެންނެވެ. އަނެއް ހަތަރު އެތުލީޓުންނަށް ފުރުސަތު ލިބުނީ ކޮންމެ ގައުމަކަށް ދޭ ވަކި ކޯޓާއެއްގެ ދަށުންނެވެ.