ސުރުމުތި
ސުރުމުތި

އަހަރެން ފާސްވީ ފޭލުވެގެންނެވެ. ކޯހުގައި ކާމިޔާބުހޯދުނީ ހަޔާތުގައި ނާކާމިޔާބުވެގެންނެވެ. އެއީ ހާދަހާ ހިތްދަތި ދަނޑިވަޅެކެވެ. އަހަރެންގެ ހުވަފެނުގައި ކުލަޖައްސަންޖެހުނީ ކަރުނައިންނެވެ. މެލޭޝިޔާގައި އަހަރެން ހެދި ކޯހުން ހާސިލުކުރެވޭނެ އެންމެ މަތީ ވަނަ ހާސިލުކުރެވުނު އިރު، ޒަވާޖީހަޔާތުގެ ފުން ވަޅުގަނޑަކަށް އަހަރެން އިނދަޖެހިއްޖެއެވެ. ފަސް އަހަރަށް ފަހު، އަޔާން އަހަރެން ވަރިކުރީއެވެ. އޭނަ ދެއްކި ވާހަކަތަކުގެ ތެރެއިން އަހަރެންގެ ހިތުގައި ހަރުލީ އެންމެ ޖުމުލައެކެވެ.

"ނިންނިގެ އެއްވެސް ކުށެއް ނެތް!" އެ ތަންކޮޅެވެ.

ނޫނެކެވެ. ކުށްވެރިޔަކީ އަހަންނެވެ. އަޔާނަށް އިތުބާރުކުރެވުނީތީއެވެ. އޭނައަށް ވަފާތެރިވެވުނީތީއެވެ. ބުނިހާ ގޮތެއް ހެދުނީތީއެވެ. އަހަރެންގެ ސިއްރު ލޯބިވެރިއެއް، ގާތް އެކުވެރިއެއް ނެތީތީއެވެ. އެހެން ފިރިހެނުންނާ ވާހަކަދެއްކުން އަހަންނަށް މަނައެވެ. އަހަރެން ބައިވެރިވި، ދެ މަސްދުވަހުގެ ކޯހުގައި އިތުރު ތިން ދިވެއްސަކު ވެސް އުޅުނެވެ. އަހަރެން ދެކެ ލޯބިވާ ވާހަކަ ބުނަން މަސައްކަތްކުރި މީހަކާއި، ބުނަން ކެރުނު މީހަކު ވެސް ހުއްޓެވެ. އެހެނަސް އަހަރެން މާ ތެދުވެރީއެވެ. ފިރިހެނުން ކިތަންމެ ކެހިދިނަސް، އަހަރެންގެ ފިރިމީހާ އެންމެނާ ތަފާތުކަމަށް ހީކުރެވުނީއެވެ. އަހަރެންގެ މާސޫމުކަމާއި، ގަމާރުކަމުގެ ފައިދާ، އެންމެ ފުރިހަމަ ގޮތުގައި އަޔާން ނަގައިފިއެވެ.

އަހަރެން ވަރިކުރި ދުވަހުގެ ރޭ އަޔާން އެހެން މީހަކާ ކައިވެނިކުރިއެވެ. އާދައިގެ މީހަކާ ނޫނެވެ. ދުރު މީހަކާ ވެސް ނޫނެވެ. އެ ކުއްޖާގެ ނަމަކީ ރަނާއެވެ. އަހަރެންގެ ގާތް އެކުވެރިއެކެވެ. އަހަންނަށް ގުޅާފައި މަންމަ އެ ވާހަކަ ބުނުމުން، ކުރިން ދޫވެފައިހުރި އެތައް މަޅިއެއް ބާރުކޮށްލަން ހަނދާންވިއެވެ. ފަހަކަށްއައިސް ރަނާ ތަންކޮޅެއް ދުރުދުރުން އުޅޭކަމެވެ. އަހަރެން ގުޅުމުން ފޯނު ނުނަގާކަމެވެ. އަހަންނާ އެއްކޮށް ރަނާ ހުއްޓައި އަޔާނަށް ފެނިއްޖެ ނަމަ، އެ ދެ މީހުންނަށް ވާ ގޮތެވެ. ރަނާގެ އުފަންދުވަހު އަހަރެންގެ ކޮޓަރިން ފެނުނު ކުޑަ ޕާރުސަލާއި، ރަނާގެ ގެއިން ފެނުނު އެ ޕާރުސަލު ރަންދުކޮށްފައިވާ، އާދަޔާހިލާފު ކަރުދާސްކޮޅެވެ. އަޔާންގެ ފޯނަށް އެއްދުވަހަކު އައި ކޯލެވެ. ފޯނަށް އެރީ ފިރިހެން ނަމެކެވެ. އަޔާން ފޯނު ނެގުމުން ވާހަކަދެއްކި އަޑު ހީވީ ރަނާގެ އަޑުހެންނެވެ. އެ ދުވަހު ޓީވީ ހުޅުވާފައި ވެސް ހުރުމާއެކު އަހަންނަށް އެހައި ސަމާލުކަން ނުދެވުނީއެވެ. އެއީ އަހަންނާ އިނދެގެންހުރެ އަޔާން ހިލަމުންގެންދިޔަ މެޓާގަނޑެކެވެ.

މެލޭޝިޔާގެ ކޮޓަރީގައި އެކަނި އޮވެގެން އަހަރެން ވިސްނީމެވެ. އަހަންނަކީ ހުތުރު މީހެއް ނޫނެވެ. ޒުވާނަކީމެވެ. ރަނާގެ ހުރީ އަހަރެންގެ ނެތް ކޮން ސިފައެއްހެއްޔެވެ؟ އަހަރެން ޕޮއިންޓު ދިން އިރު، ކޮންމެ ދިމާއަކުން ވެސް ރަނާއަށް ލިބުނު ޕޮއިންޓު މަދެވެ. އިސްކޮޅެވެ. ކުލައެވެ. ރޫފައެވެ. ތައުލީމީ ފެންވަރާއި ތަނަވަސްކަމެވެ. އެކަމަކު އެއް ކަމެއްގައި ރަނާ ކުރިހޯދިއެވެ. އެއީ ޖެހިލުންކުޑަކަމެވެ. އަހަރެންގެ ލަދުރަކި ސިފަ، ކިތަންމެ ފަހަރަކު އަހަރެން މާޔޫސްކުރުވިއެވެ.

ކޯސް ނިންމައިފައި އަހަރެން މާލެދާ ހިތެއް ނުވިއެވެ. ހަގީގަތުގައި އަހަރެންގެ ކުރިމައްޗަށް އަންނަން ރަނާ ލަދުގަންނަންޖެހޭނެއެވެ. އަހަރެންގެ ފިރިމީހާ ޖަހައިގަތީމައެވެ. ރަނާއަށް އަހަރެން ކުރި އިތުބާރު ގެއްލުވައިލީމައެވެ. ގެއަށް އައިސް، އަހަރެން ކެއްކި އެއްޗެހި ކައިފައި އަހަރެންގެ ތަށްޓަށް ވެލިއެޅީމައެވެ. އެކަމަކު ލަދުގަންނާނީ އަހަންނެވެ. ރަނާގެ ފިރިމީހާގެ ގޮތުގައި އަޔާންގެ އަތުގައި ހިފައިގެންހުއްޓައި އަހަންނަށް ފެނިއްޖެ ނަމަ، އަހަރެން ވިރިގެން ފައިބާނެއެވެ.

މެލޭޝިޔާގައި އަހަރެން މަޑުކޮށްލައިގެންހުރި ދުވަސްވަރު، ކުރާނެ އެއްވެސް ކަމެއް ނޯވެއެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔަކީ ވެސް އަޔާންއެވެ. ހުރިހައި ވާހަކައެއް ހިއްސާކުރަނީ އޭނަޔާއެވެ. އޭނަ ގެއްލުމުން އަހަންނަށް އަހަރެންގެ ވުޖޫދު ގެއްލުނު ކަހަލައެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓުމުން އަހަންނަކަށް އަހަންނެއް ނުފެނެއެވެ. ފެންނަނީ ބޭކާރު ހިޔަންޏެކެވެ. މަގުސަދު ގެއްލި، ދުނިޔެއަށް ގިނަވެފައިވާ ނަފުސެކެވެ. ހިތަށްއެރިއެވެ. އެއް ގޮތަކީ އަމިއްލައަށް މަރުވުމެވެ. އެހެންނޫނީ މޮޔަވުމެވެ. ވޭނާއި ކެކުޅުން ބޮޑުވެގެން ގޮސް ކެތްކުރަން އަހަންނަށް ނުކުޅަދާނަވިއެވެ.

އަހަރެންގެ ކޮޓަރި ހުންނަ އިމާރާތުން އަހަރެން ނުކުތީ، ތިންވަނަ ގޮތެއް ފެނޭތޯއެވެ. އޭގެ ކުރިން ދުވަހަކު ވެސް، ފައިމަގަކު އަހަރެން ނޫޅެމެވެ. އަހަރެން އުޅެނީ ޓެކުސީގައެވެ. އެ ދުވަހު ވިއްސަކަށް މިނެޓު ހިނގިތަނާ، ކުޑަ ވަރެއްގެ ކެފޭއެއް ފެނުނެވެ. ބަލައިބެލުމަށް ހިތްގައިމު ތަނެކެވެ. އެތެރޭގައި ގުދުރަތީ ގަސް ވަރަށް ގިނައެވެ. ހީވަނީ ކުޑަކުޑަ ޖަންގައްޔެއްހެންނެވެ. ހިތަށްއެރިއެވެ. އިރުކޮޅަކު އެ ތަނުގައި އިނދެލަން ވެއްޖެއެވެ. މަޑުމަޑުން ގޮސް އެ ތަނުގެ ދޮރުމައްޗަށް އެރި ވަގުތު، އެތެރޭގައި ދިވެއްސަކު އިން ތަން ފެނުނެވެ. އެ ހިސާބުން އަނބުރާލައިފައިދާން އުޅެނިކޮށް، އޭނަ ހަނާއަޅައިލިއެވެ. އެ ފަހަރު އޭނަގެ މޫނަށް، ތަންކޮޅެއް ރަނގަޅަށް ބަލައިލެވުނެވެ. ދެކެފަރިތަ ގޮތެއް ހުއްޓެވެ. ދެން ވެސް އެތެރެއަށް ނުވަންނަން ހުއްޓައި، އޭނަ އައިސް އަހަރެންގެ އަތުގައި ހިފިއެވެ.

"ނޭނގުނުތަ؟" އޭނަ އެހިއެވެ. "ތީ ނިންނިއެއްނު! މީ ލީޒާއޭ!"

އަހަރެން އަޅައިގަތީ ނަމެއް ނޫނެވެ. ލީޒާގެ އަޑެވެ. އެ އަޑަކަށް ބަދަލެއް ނާދެއެވެ. މަދުރަސީ ދައުރުގައި، އެތައް ގުރޭޑެއްގައި އަހަރުމެން އެއް ކުލާހުގައި އުޅުނީމެވެ. އަހަރުމެންނަކީ އެކުވެރިންނެވެ. ނަމަވެސް، ކިޔެވުމުގައި އަހަރުމެން ސިއްރުސިއްރުން ވާދަކުރީމެވެ. އަހަންނަށް ވުރެ މޮޅުވާން އޭނަ ބޭނުންވެއެވެ. އޭނައަށް ވުރެ މޮޅުވާން އަހަރެން ބޭނުމެވެ. އެ ކަން އޮންނަނީ އަހަރުމެން ދެ މީހުންގެ ވެސް ހިތުގައެވެ. އޭރު ލީޒާ އުޅުނީ ބުރުގާއަޅައިގެންނެވެ. ބުރުގާ ނަގައި، ކުޑަކޮށް ބުޅިކޮށް ހުންނަ ދިގު އިސްތަށިގަނޑުގައި މުށިކުލައިން ފިބާކޮށްފައިހުރުމުން ނޭނގުނީއެވެ. ކުރިން އޭނަ ލީ ކަޅުހެދުމެވެ. އޭގެ ބަދަލުގައި، އަތްދިގު ގަމީސް ލައި، މޭކަޕުކޮށްފައި ހުރުމުން އޭނަ ފެންނަނީ ވަރަށް ޒަމާނީކޮށެވެ. އަޅައިގަންނަ ކަހަލަ ރީތި ގޮތެއް ހުއްޓެވެ.

"ވާއޮ! ކުޑަކޮށް ފެޝަން ބަދަލުކޮށްލީމަ..." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.

"ކުޑަކޮށޭ؟ ކުޑަކޮށޭ؟" ލީޒާ ބުންޏެވެ. "މިހިރީ އެ ލީޒާގެ ތެރެއިން އެހެން ލީޒާއެއް ނެރެފައެއްނު! އާދެބަލަ އެތެރެއަށް."

އެ ދުވަހު އަހަރުމެން ލައްކަ ގިނަ އިރު ވާހަކަދައްކަން ތިބީމެވެ. ލީޒާ ވެސް އައިސް އުޅެނީ ކޯހެއްގައި ބައިވެރިވުމަށް ޓަކައެވެ. ގެއްލުނު އެތައް އަހަރެއް، ދޮޅު ގަޑިއެއްހައި އިރު ތެރޭގައި އަހަރުމެން އަދާހަމަކޮށްލީމެވެ. ވަރިކުރި ވާހަކައެއް އަހަރެން ނުބުނަމެވެ. އުޅުނީ ބުނާށެވެ. އެހެނަސް ލީޒާގެ އުފާވެރި އަދި ކާމިޔާބު ހަޔާތުގެ ވާހަކަ އަޑުއަހައިފައި، ނާކާމިޔާބު މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ލޯބިވާ، ތެދުވެރި ފިރިއެއްގައި ހުންނާނެ ހުރިހައި ސިފައެއް އަހަރެންގެ ފިރިމީހާގެ ކިބައިގައި ހުރިކަމަށް ހަދައިފައި، އެ ސިފަތައް ކިޔައިލީމެވެ.

"އަހަރުމެން ކިހާ ލަކީ؟" ލީޒާ ބުންޏެވެ. "ޓިފީޔާ، އިންނިއާ، ކިއްކިޔާ މީސްމީހުން ކިހާ ސޭޑް؟ އެކަކު ރިހެބުގަ. އަނެކަކަށް ދެ ކިޑް ލިބުނު ފަހުން ޑިވޯސްކޮށްލައިފި. ކިއްކި ތިން މީހުންނާ މެރީކޮށްގެން ވެސް ނޫޅެވުނު. ރަނގަޅު ފިރިހެނުން މިހާރު ހުސްވެއްޖެ! އެންމެ ފަހު ދެ މީހުންކަން ނޭނގެ އަހަރުމެންނަށް މި ލިބުނީ. މިޔޮއް ގުޅަނީ މަގޭ ލޯބި."

ލީޒާ އެ ކޯލު ކަނޑައިލާފައި ވީޑިޔޯ ކޯލެއް ކުރިއެވެ. ވާހަކަދެއްކީ އަހަރެން ވެސް ފެންނަ ގޮތަށެވެ. އެ ދުވަހު ކޮޓަރިއަށް ގޮސްފައި އަހަރެން ވަރަށް ރުއީމެވެ. ލީޒާއަށް ލިބުނު ކަހަލަ ފިރިޔަކު އަހަންނަށް ނުލިބުނީތީއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް ހަވީރު އަހަރުމެން އެ ކެފޭއިން ބައްދަލުކުރަމެވެ. މިލައިމޯޅިވަމުންދިޔަ އަހަރެންގެ ދިރިއުޅުމަށް ފެންލިބުނީ ލީޒާގެ ފަރާތުންނެވެ. އަހަރެންގެ "ފިރިމީހާ" ގެ ހެޔޮކަން އަހަރެން ކިޔައިދިން ވަރަކަށް، ލީޒާގެ ފިރިމީހާގެ އޯގާތެރިކަން ލީޒާ ކިޔައިދިނެވެ. އަހަރެން ހެދީ ދޮގެކެވެ. ލީޒާ ކިޔައިދިނީ ތެދެވެ. އިސްތަށިގަނޑު ކުޑަކޮށް ބުޅިވެފައި، ގަދަ މުށިކުލަ ޖެއްސީ ލީޒާގެ ފިރިމީހާ ބޭނުންވެގެންނެވެ. އަތްދިގު ގަމީސްލުމާއި، މަޅިވަދު ފައިވާނަށްއެރުމާއި، ލުއި މޭކަޕުކުރުމަކީ ވެސް ފިރިމީހާއަށް ކަމުދާތީ ލީޒާ ކުރާ ކަންތަކެވެ. ބަދަލުގައި ލީޒާގެ ހިތްފުރޭ ވަރަށް ފިރިމީހާގެ ލޯތްބާއި އަޅައިލުން ލިބެއެވެ. އެ "ވިޔަފާރި" ލީޒާއަށް ބަލައިގަނެވުނެވެ.

ފުރަތަމަ ދުވަހު އަހަރެން ކޮޓަރިއަށް އައިސްފައި ރުއި ނަމަވެސް، އަހަރެންގެ ވިސްނުން ބަދަލުވާން ފެށިއެވެ. ބައެއް ފަހަރު އަހަރެންގެ ހިތް އަހަންނަށް މަލާމާތްކުރަން ފެށިއެވެ. ބުނާ ކަހަލައެވެ. ތަންކޮޅެއް ކެރިބަލާށެވެ. ތިޔަހެން ދިރިއުޅޭނީ ކިހިނެއްހެއްޔެވެ؟ އިސްޖަހައިގެން އުޅޭ މީހުން އިސްއުފުލައިލާކަށް ދުނިޔެ ފުރުސަތެއް ނުދޭނެއެވެ. އެންމެ މީހަކަށް ހިތް ދީގެން، އޭނަ ޖެހިހާ ބެރަކަށް ނަށައިގެން ވީ މޮޅެއް ކޮބައިހެއްޔެވެ؟ އަރިއަޅައިލީމައި ވެއްޓުނަސް، ވެއްޓިފައި ނޯންނާށެވެ. ތެދުވާށެވެ. ހޯދުނު ގޮތަކަށް ލޯބި ހޯދާށެވެ. ލީޒާގެ ލިސްޓަށް އަހަރެންގެ ނަން އެރިޔަނުދޭށެވެ.

ލީޒާގެ ފިރިމީހާއަކީ ތާމިރުއެވެ. ރީތި ނަމެކެވެ. ރީތި މީހެކެވެ. ވަރަށް ހެޔޮ ފިރިއެކެވެ. އަންހެނެއްގެ ކިބައިގައި ހުންނަން ތާމިރު ބޭނުންވާ ހުރިހައި ސިފައެއް އަހަރެން ދަސްކުރީމެވެ. އަހަރެންގެ އަމާޒަކީ، އެހެން މީހެއްގެ ފިރިއެއް އަހަރެން ވެސް ޖަހައިގަތުމެވެ. އެއީ ދުނިޔޭގެ އުސޫލެއްކަމުގައިވާ ނަމަ، އަހަރެން ވެސް ގަސްތުކުރީ އުސޫލަށް ތަބާވާށެވެ. ލީޒާއަށް ސިއްރުން ތާމިރުގެ ނަންބަރު ވެސް ހިތުގައި ނޯޓުކުރީމެވެ.

މާލެއަށް ފުރަން ޓިކެޓު ނެގީމެވެ. ސެލޫނަކަށް ދިޔައީމެވެ. އަހަރެންގެ ފަން އިސްތަށިގަނޑު، ކުޑަކޮށް ބުޅިކޮށްލީމެވެ. ބާޒާރަށް ނުކުތީމެވެ. ގަޔަށް ހެޔޮވަރު ގަމީސްތަކެއް ގަތީމެވެ. ތާމިރަށް އެންމެ ރީތި ކުލަތައް ބަލައިގެންނެވެ. ފައިވާން ފިހާރަޔަކަށް ދިޔައީމެވެ. މަޅިވަދު ތިން ފައިވާން ގަތީމެވެ. ނަސީބު އެ ފަހަރު އަހަރެންގެ އަތުގައި ފިސާރި ބާރަށް ހިފިއެވެ. ކުޑަކޮށް ވެސް އަހަންނަށް ޝައްކުނުކުރާ ލީޒާ ފަކީރު، ތާމިރަށް ދޭން ހަދިޔާއެއް ވެސް އަހަންނާ ހަވާލުކުރިއެވެ. އަހަރެން ރަންދުކުރީ އަހަރެންގެ ހިތްކަމެއް ލީޒާއަކަށް ނޭނގެއެވެ.

ލީޒާގެ ކޯސް ނިމެން އެއް މަސް އޮއްވައި އަހަރެން މާލެއައީމެވެ. ނޫނެކެވެ. މާލެއައީ ލީޒާގެ ކޮޕީއެކެވެ. ހަދިޔާ ދިނުމަށް ޓަކައި އަހަންނާއި ތާމިރު ބައްދަލުކުރި ރެޔަކީ ވިއްސާރަ ރެޔެކެވެ. ހާބަރުގެ ކެފޭއަކުން ބައްދަލުކޮށްފައި، މޭޒުކައިރީ އިށީނދެފައި، ދަތްދޮޅީގައި އަތްވިދިފައި، ފުން ނަޒަރަކުން ތާމިރަށް ބަލައިލީމެވެ. މިހާރު އަހަރެންގެ ފިރިމީހާ ކަމުގައިވާ ތާމިރުގެ ކައިވެންޏާ ހަމައަށް ދާން އަހަރެން އެރި ފުރަތަމަ ހަރުފަތަކީ އެއީއެވެ.

ނިމުނީ