ފެހުރިހީގެ ދެވަނަ ސްޕޮޓް ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ
ފެހުރިހީގެ ދެވަނަ ސްޕޮޓް ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ

ހިކިފަސް ބިމުގެ ގޮތުން ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް، މާސިންގާ ކަނޑުތަކާއި ފަޅުތަކާއި ގިރިތަކާއި ފަރުތަކުން ރާއްޖޭގެ މުއްސަނދިކަން ކުޑައެއް ނޫނެވެ. ކަނޑު އަޑީގެ ހިތްގައިމުގެ ބަގީޗާތަކުގެ ރީތިކަމުގެ ތެރެއިން އާންމުންގެ ލޯތަކަށް ފެނިފައިވަނީ ވަރަށް މަދު މިންވަރެކެވެ. ރެއްސާއި ހޮނޑެއްޔާއި ބޯދި ފަދަ އެން މަސް ފަދައިން ހިބަރާއި ކުރުމަހުގެ އިތުރުން މިޔަރަކީ މި ރާއްޖޭގެ ކަނޑުގެ ބަގީޗާގެ މުއްސަނދިކަން އިތުރު ކޮށްދޭ ޖަނަވާރުތަކެވެ.

ފެހުރިހީގެ ދެވަނަ ސްޕޮޓް ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ
ފެހުރިހީގެ ދެވަނަ ސްޕޮޓް ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ

ކަނޑުގެ ދިރުންތަކުގެ ތެރެއިން އެންމެ ބިޔަވާ މަހުގެ ބާވަތްތައް ވެސް ރާއްޖޭގެ މި ހިތްގައިމު ކަނޑުގެ އަޑީގައި ދިރިއުޅެ އެވެ. އޭގެ ތެރެއިން ވެސް ފެހުރިއްސަކީ ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޚާއްސަ އަމާޒަކަށް ވެފައިވާ މަހެކެވެ. ބޭރު ގައުމުތަކުގައި ތިބެފައި ހަފުތާއެއްހާ ދުވަހަށް ރާއްޖޭގެ ރިސޯޓެއްގެ ކޮޓަރިއެއް ބުކް ކޮށްލައިގެން ޗުއްޓީ ހޭދަކޮށްލާ ބައެއް ޓޫރިސްޓުންނަކީ ހަމައެކަނި ފެހުރިހި ބަލައިލުމަށް އަންނަ މީހުންނެވެ.

ފެހުރިހީގެ ދެވަނަ ސްޕޮޓް ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ
ފެހުރިހީގެ ދެވަނަ ސްޕޮޓް ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ

ރާއްޖޭގެ ކަނޑު ކިތަންމެ ބިޔަ ނަމަވެސް، ފެހުރިއްސަކީ ރާއްޖޭގެ ހުރިހާ ހިސާބަކުން ފެންނަ މަހެއް ނޫނެވެ. އަދި ކަނޑު އޮންނަ ހުރިހާ ގައުމަކުން ފެންނަ ބާވަތުގެ މަހެއް ވެސް ނޫނެވެ. ރާއްޖެ ހިމެނެނީ ފެހުރިހި ފެންނަ މަދު ގައުމުތަކުގެ ތެރޭގަ އެވެ.

ފެހުރިހީގެ ދެވަނަ ސްޕޮޓް ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ
ފެހުރިހީގެ ދެވަނަ ސްޕޮޓް ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ

ރާއްޖޭގައި ފެހުރިހި ފެންނަނީ މައިގަނޑު ދެ ސަރަހައްދަކުންނެވެ. އެއީ ބ. ހަނިފަރު ކައިރިންނާއި އދ. މާމިގިލީ ބޭރެވެ. މީގެ ތެރެއިން ވެސް މާމިގިލީ ބޭރުމައްޗަކީ ވަކިން ޚާއްސަ ތަނެކެވެ. އެހެންކަމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން ވެސް ހަމައެކަނި ފެހުރިހި ދެކިލުމަށްޓަކައި އަރިއަތޮޅަށް ދެ އެވެ.

ފެހުރިހީގެ ދެވަނަ ސްޕޮޓް ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ
ފެހުރިހީގެ ދެވަނަ ސްޕޮޓް ނެތިގެން ހިނގައިދާނެ ކަމުގެ ބިރުބޮޑުވެއްޖެ

"އަހަރުގެ ވަކި މޫސުމެއް ނޯންނާނެ މި ސަރަހައްދުން ފެހުރިހި ފެންނާކަށް. ހުރިހާ ދުވަސްވަރެއްގައި ވެސް މި ސަރަހައްދުން ފެންނާނެ. އެހެންވީމާ އެހާ ބޮޑު މަގުބޫލު ކަމެއް އޮންނަނީ މި ސަރަހައްދަށް. މާލެ އަތޮޅުގެ ރިސޯޓްތަކުގައި ތިބޭ ޓޫރިސްޓުން ވެސް ހަމަ ސީޕްލޭންގައި ދަތުރު ހަދާފައި އެބަ އާދެ މި އަތޮޅަށް. ބ. އަތޮޅުން ވެސް އެބަ އާދެ. ދެން މި އަތޮޅު އުތުރު ބުރީގެ ރިސޯޓްތަކުން ވެސް އެބަ އާދެ ހަމަ ފެހުރިހި ބަލައިލަން އަންނަ ޓޫރިސްޓުން. އެހާ ވެސް މަގުބޫލު ތަނެއް މިއީ،" ސަން އައިލޭންޑް ރިސޯޓްގެ ވޯޓާ ސްޕޯޓްސް އެސިސްޓެންޓް މެނޭޖަރު އަލީ މާހިރު ވިދާޅުވި އެވެ.

"ބައެއް ފެހުރިހީގައި އެވްރެޖްކޮށް 30 ފޫޓު ވަރު އެބަހުރޭ. ޓޫރިސްޓުން ފުންމާލައިފައި ބިރުން ގޮސް އެބަ ދޯންޏަށް އަރާ. މީހުން އެބަ ރޮއެ ހަދާ ފުންމާލައިފައި. އެހާ ވެސް ބިޔަ ފެހުރިހި އެބަ ތިލަވޭ."

ފެހުރިހި ދުށުމަށްޓަކައި ޓޫރިސްޓުން ބޮޑު ހޭދައެއް ކުރެ އެވެ. ފެހުރިހި ތިލަވާ ސަރަހައްދުތަކަށް ދޯނިތަކާއި ސަފާރީތަކުގައި ޓޫރިސްޓުން އުފުލައިދެނީ ވެސް ފައިސާ ހޭދަ ކުރުމުންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ކުރާ ކަންތަކުގެ ސަބަބުން، އެ މީހުންގެ ބޮޑު ހޭދަ ބޭކާރުވަމުންދާތީ ޓޫރިސްޓުންގެ މަގުބޫލުކަން ކުޑަވުމުގެ ކޮޅުމަތި މިހާރު ވަނީ ފެންނަން ފަށައިފަ އެވެ.

އާންމު ގޮތެއްގައި ފެހުރިހި ތިލަވަނީ ހެނދުނުގެ ވަގުތުގަ އެވެ. އެހެންކަމުން ޓޫރިސްޓުން ގޮވައިގެން 20-30 އުޅަނދު މާމިގިލީ ބޭރަށް ނުނިކުންނަ ދުވަހެއް މަދުވާނެ ކަމަށް މާހިރު ވިދާޅުވި އެވެ. އެކަމަކު މިހާރު ވަނީ ފެހުރިހި ފެނުން ކުއްލި ގޮތަކަށް މެދުކެނޑިފަ އެވެ.

"އާންމު ގޮތެއްގައި ފެހުރިއްސަކީ ދުވާލުގެ ވަކި ވަގުތެއްގައި ތިލަވާ އެއްޗެއް. އެހެންވީމަ ފަތިހުން ފެށިގެން މި މި ސަރަހައްދަށް ދޯނިތައް ނުކުންނަން ފަށާނެ. އެކަމަކު މިހާރު އަޅުގަނޑުމެންގެ ތެރެއިން ވަކި ބަޔަކު މި ހަދާ ގޮތަކީ، ސަފާރީތަކުގައި ރޭގަނޑަށް މި ސަރަހައްދަށް އައިސް ބޮޑެތި ފްލަޑް ލައިޓްތައް ދިއްލަން ފަށަނީ. އެ ގޮތަށް ދިއްލައިލީމާ ފެހުރިހިތައް މިހާރު މި އަރަނީ ރޭގަނޑުގެ ވަގުތުގައި. މިކަން މި ކުރަނީ ސަފާރީތަކުގެ މީހުން،" މާހިރު ވިދާޅުވި އެވެ.

ފެހުރިއްސަކީ ވެސް ކަނޑުގެ އެހެން ދިރުންތަކެކޭ އެއްގޮތަށް ގުދުރަތީ ވަކި އިންތިޒާމުތަކެއްގެ ތެރޭގައި އޭގެ ދިރިއުޅުން ވެއަތު ކުރަމުންދާ އެއްޗެކެވެ. އެ ސޮރުމެން ތިލަ ސަރަހައްދުތަކަށް އަންނަނީ ވަކި ބަޔަކު އެ ތަންތަނަށް ކާއެއްޗެހި އަޅާތީ އެ ތަކެތި ކާކަށް ނޫނެވެ. އެ ސޮރުމެންގެ ދިރިއުޅުމަށް ގުދުރަތީ ގޮތުން ހަމަޖެހިފައި އޮންނަ ނިޒާމުގެ ތެރެއިން، ކަނޑުގެ ތިލަ ސަރަހައްދުތަކަށް ދަތުރު ކުރަނީ ދުވާލުގެ ވަކި ވަގުތުތަކެއްގަ އެވެ.

"ދެން މި ވާ ގޮތަކީ، އަޅުގަނޑުމެން އެ ނިޒާމަށް ބުރޫ އަރުވަނީ، ކަނޑުމަތީގައި ބޮޑެތި ބޮކިތައް ދިއްލައި މުޅި ސަރަހައްދު ދުވާލުގެ ގޮތަށް އަލި ކޮށްލައިގެން. އެހެންވީމާ އެ ސޮރުމެންނަށް މި ހީވަނީ ދުވާލުގެ އެ ވަގުތު ޖެހުނިއްޔޭ. އެހެން ހިތައި ތިލަވާން މިފަށަނީ. ދެން މިވާ ގޮތަކީ ރޭގަނޑުގެ އެ ވަގުތުގައި ފެހުރިހިތައް މައްޗަށް އަރާފައި ދުވާލުގެ ވަގުތުގައި ނާރަނީ،" މާހިރު ވިދާޅުވި އެވެ.

މިގޮތަށް ހެދުމުގެ ނަތީޖާއަކަށް ވަނީ، މާހިރު ވިދާޅުވި ގޮތުގައި، ފެހުރިހި ބެލުމަށްޓަކައި ބޮޑު ހޭދަކޮށްގެން ރިސޯޓްތަކުން އަންނަ ޓޫރިސްޓުންނަށް ފެހުރިހި ނުފެނުމެވެ. ސަބަބަކީ ސަފާރީތަކުގައި ރޭގަނޑު ގޮސް ދިއްލައިގެން ފެހުރިހިތައް މައްޗަށް އެރުވީމާ، އެ ސޮރުމެން ދުވާލުގެ ވަގުތުގައި މައްޗަށް އަރަން ޖެހޭ ގަޑީގައި ނާރާތީ އެވެ.

އޭގެ އިތުރުން ފެހުރިއްސަށް ކުރިމަތިވާ އަނެއް ނުރައްކަލަކީ، ފެހުރިހިތައް ތިލަވާ ވަގުތުގައި އެތަނަށް މީހުން ޑައިވް ކުރުމާއި ގިނަ އަދަދެއްގެ މީހުން އެއްފަހަރާ އެ ސަރަހައްދަށް އެރި އުޅުމެވެ.

"ޓޫރިސްޓުންނަށް ފެހުރިހި ދައްކަން ދޯނިތަކުގައި ދާ މީހުން މި ހަދާ ގޮތަކީ، ފެހުރިއްސެއް ފެނިއްޖެއްޔާ، އެ ދޯންޏެއްގައި ތިބޭ ހުރިހާ ޓޫރިސްޓުން އަވަހަށް މި ބާލަނީ އެ ތަނަށް ސްނޯކްލިން ކޮށް ފޮޓޯ ނަގަން. ބައެއް ދުވަސްތަކުގައި ފެހުރިހި ބަލަން އެބަ ފުންމައިލައޭ 200-300 މީހުން އެއްފަހަރާ އެއް ތަނަކަށް. ދެން ވިސްނައިލާ ވާނެ ގޮތް. އެހާ ބައިވަރު މީހުން ފެންމަތީގައި ސްނޯކްލިން ކުރާ އިރު، އަނެއް ބަޔަކު އުޅޭނެ ފުޅި އަޅައިގެން ފެހުރިހިތައް ކައިރި އަށް ޑައިވް ކުރަން ވެސް،" މާހިރު ވިދާޅުވި އެވެ.

ޓޫރިސްޓުން ގޮވައިގެން ފެހުރިހި ދައްކަން ދާ ބައެއް މީހުންގެ މިފަދަ އަމަލުތަކުގެ ސަބަބުން މާމިގިލީ ސަރަހައްދުން ފެހުރިހި ފެނުން މިހާރު ވަނީ މެދުކެނޑިފަ އެވެ. ބައެއް މީހުން ބުނި ގޮތުގައި އެ ސަރަހައްދުން ދުވާލުގެ ވަގުތުގައި ފެހުރިއްސެއް ނުފެންނަތާ މިހާރު ދޮޅު މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މާހިރު ގަބޫލުކުރައްވާ ގޮތުގައި މާމިގިލީ ބޭރުން ފެހުރިހި ފެނުން މެދުކެނޑިފައި މިވަނީ، އެސޮރުމެންގެ ދިރިއުޅުމުގެ ނިޒާމަށް ބަޔަކު އޮޅުންބޮޅުންތަކެއް އެރުވުމުންނެވެ. އެހެންކަމުން އެފަދަ ކަންތައް ހުއްޓުވޭނެ ގޮތެއް އޮންނަން ޖެހެ އެވެ.

"ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި އޮންނަ ކަހަލަ އިންތިޒާމެއް އެބަ ޖެހޭ މި ސަރަހައްދުގައި ވެސް އޮންނަން. ގާނޫނުތަކާއި ގަވާއިދުތައް ހުއްޓަސް، މި ކަން މޮނިޓަކޮށް ބަލަހައްޓާނެ ބަޔަކު އެބަ ތިބެން ޖެހޭ. މި ކަހަލަ ނާޒުކް ކަންތައް، އެމީހަކު ހިތަށްއެރިހާ ގޮތަކަށް ކުރަން ދޫކޮށްލާފައި އޮތީމާ ކަމަކު ނުދާނެ،" މާހިރު ވިދާޅުވި އެވެ.

ސަފާރީއެއްގެ ޑައިވް އިންސްޓްރަކްޓަރަކު ވިދާޅުވި ގޮތުގައި ރޭގަނޑު ދިއްލައިގެން ފެހުރިހި ބެލުމަކީ މިހާރު ކުރަމުން އަންނަ ކަމެކެވެ.

"ދިއްލައިލީމާ ގަދަ އަލި ލިބުނީމާ ކުދިކުދި އެއްޗެހި އަރާނެ ފެންމައްޗަށް. އެ އެއްޗެހި ކާންވެގެން ފެހުރިހި އަރާނެ އެއްގަމަށް. މިދިޔަ ހަފުތާގައި ވެސް ދިއްލައިގެން ހުވަދު އަތޮޅުން ފެނުނު. ތ. އަތޮޅު ކައިރިން ފެނުނު ރޭގައި ވެސް،" އެ އިންސްޓަރަކްޓަރު ވިދާޅުވި އެވެ.

ނަމަވެސް މާމިގިލީ ބޭރުގައި ނުދިއްލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވި ގޮތުގައި މާމިގިލީ ބޭރުން މި ދުވަސްވަރު ފެހުރިހި ނުފެންނަ ކަމަށް ބެލެވެނީ އެ ސަރަހައްދުގައި އޮންނަ ބޮޑުފިނޮޅު ކިޔާ ފަޅުރަށް ހިއްކުމުގެ މަސައްކަތް ކުރަމުން އަންނާތީ އާއި މި އަހަރުގެ އިރުވައި މޫސުމުގެ އޮއިވަރު ހުރި ގޮތުންނެވެ.

މާލެ އަތޮޅު ފިޔަވައި ރިސޯޓްތައް އެންމެ ގިނަ އެއް އަތޮޅުގައި ގުދުރަތީ މުއްސަނދިކަމުގެ މިފަދަ ވަސީލަތެއް އޮތް އިރު، ހަމައެއް ލަމައެއް ނެތި އެ ވަސީލަތުގެ ބޭނުން ހިފޭ ގޮތަށް އޮތުމުން ގެއްލުން ލިބޭނީ އެ ސަރަހައްދުގެ ޓޫރިޒަމަށް އެކަންޏެއް ނޫނެވެ. މިއީ މުޅި ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވާ ނުރައްކަލެކެވެ. ނަމަވެސް މިކަން ބަލަހައްޓާނެ ބަޔަކު ނެތް ނަމަ، އިސާހިތަކު މި ކަން ވެސް ނެތިގެން ދިއުމަކީ ދުރު ކަމެއް ނޫނެވެ.