ޑްރޯން ހަމަލާގެ ބަދަލު ހިފަން އިޒްރޭލުން ޔަމަނަށް ބޮން އަޅައިފި
ޑްރޯން ހަމަލާގެ ބަދަލު ހިފަން އިޒްރޭލުން ޔަމަނަށް ބޮން އަޅައިފި

އިޒްރޭލުގެ ތެލް އަވީވަށް ޔަމަންގެ ހޫތީން ޑްރޯން ހަމަލާއެއް ދިންތާ އެއް ދުވަސް ފަހުން އިޒްރޭލުގެ ޖެޓްތަކުން ޔަމަންގެ ހޫތީންގެ އަސްކަރީ މަގާމުތަކަށް ހަމަލާދީފި އެވެ.

ޑްރޯން ހަމަލާގެ ބަދަލު ހިފަން އިޒްރޭލުން ޔަމަނަށް ބޮން އަޅައިފި
ޑްރޯން ހަމަލާގެ ބަދަލު ހިފަން އިޒްރޭލުން ޔަމަނަށް ބޮން އަޅައިފި

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ދުވަސްތަކުގައި އިޒްރޭލަށް އަމާޒުކޮށް ދީފައިވާ އެތައް ސަތޭކަ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ޔަމަންގެ ހުދައިދާ ބަނދަރު ސަރަހައްދަށް ވައިގެ މަގުން ހަމަލާދީފައިވާ ކަމަށެވެ.

ހޫތީންގެ ބާރުގެ ދަށުގައި އޮންނަ މި ސަރަހައްދުގައިވާ އަސްކަރީ އެކި މަގާމުތަކަށް ހަމަލާ ދީފައިވާނެ ކަމަށް އިޒްރޭލުން ބުންޏެވެ.

ހޫތީންގެ މީގެ ކުރިން ވެސް އިޒްރޭލުގެ އެކި ހިސާބަށް އަމާޒުކޮށް ހަމަލާތައް ފޮނުވި ނަމަވެސް ހުކުރު ދުވަހުގެ ހަމަލާ އަކީ އިޒްރޭލުން ފަހުރުވެރިވާ ވައިގެ ދިފާއީ ނިޒާމު ފޫވައްޓާލި ފުރަތަމަ ހަމަލާ އެވެ. އެ ހަމަލާ އިމާރާތަކަށް އަމާޒުވެ އާންމުންގެ މީހަކު މަރުވެފައި ވާއިރު ހަތަރު މީހަކު ޒަހަމްވި ކަމަށް އިޒްރޭލުން ބުންޏެވެ.

އިޒްރޭލުން ޔަމަނަށް ހަމަލާދިނުމާ އެކު ހޫތީން ވަނީ މި ހަމަލާގެ ބަދަލު ހިފާނެކަމަށާއި އިޒްރޭލުން މިކަމުގެ އަގު އަދާކުރަންޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ހޫތީން އިޒްރޭލަށް ހަމަލާދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދޭން ފެށުމާ އެކުގަ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 38،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު ހޫތީން ބުނަމުން ދަނީ އިޒްރޭލުގެ އަނިޔާވެރިކަން ނުހުއްޓާހާ ހިނދަކު ހޫތީން ވެސް ހަމަލާ ނުހުއްޓާނެ ކަމަށެވެ.