20 ޖުލައި 2024 - 09:55

މާލޭގައި ހިންގާ ކޭއެފްސީ އައުޓްލެޓުގެ ބިއްލޫރިގަނޑެއް ރޭ އަނެއްކާ ވެސް އަތަޅާލައި، އެ ތަނަށް ގެއްލުން ދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަމީނީ މަގުން ފުރުގާން މިސްކިތް ކުރިމަތީގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑުގައި ގާބުރިއަކުން ޖަހައި ތަޅާލި މައްސަލައެއްގެ ރިޕޯޓް ރޭ ފަތިހު 4:32 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރިއަސް، އެކަން ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިއީ މާލޭގެ ކޭއެފްސީގެ ބިއްލޫރިގަނޑު ހަފުތާއެއްގެ ތެރޭގައި ތަޅާލި ދެ ވަނަ ފަހަރެވެ. އެ ތަނުގެ ބިއްލޫރިގަނޑުގައި ގަލަކުން ޖަހައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު ވެސް ތަޅާލައި، ގެއްލުންތަކެއް ދިނެވެ. އެ މައްސަލާގައި ވެސް ބަޔަކު ހައްޔަރުކުރި ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅު ހަދައި، ވާގިވެރިވާ ވިޔާފާރިތަކާ ގުޅުން ހުރި ތަންތަން ބޮއިކޮޓް ކުރަން ގޮވުމުގެ ތެރެއިން، ކޭއެފްސީ ކުރިމަތީގައި އާއްމުން ދޭތެރެ ދޭތެރެއިން މުޒާހަރާކުރެ އެވެ.
ބިއްލޫރިގަނޑު ތަޅާލުމުގެ ކުރިން އެ ތަންތަން ބޮއިކޮޓް ކުރުމަށް ގޮވާލާ ޕޯސްޓަރުތަކެއް ވެސް ހަރުކުރި އެވެ. އަދި މިދިޔަ އަހަރު ވަނީ ކޭއެފްސީ އާއި ޕިއްޒާ ހަޓް ރެސްޓޯރެންޓް އަދި ކޮކާކޯލާ ގުދަނަށް ބަޔަކު ވަދެ ކަޅުތެޔޮ ޖަހައިފަ އެވެ.