ރަސްމީކޮށް ކޯޗުކަމާ ހަވާލުވެ، ފެބްރިގާސް ޓީމު ވަރުގަދަކުރަނީ
ރަސްމީކޮށް ކޯޗުކަމާ ހަވާލުވެ، ފެބްރިގާސް ޓީމު ވަރުގަދަކުރަނީ

ކޯމޯ (ޖުލައި 20) - އިޓަލީގެ ދެވަނަ ޑިވިޝަނުގައި އޮތް ކޯމޯ އަށް ލީގުގެ ދެވަނަ ހޯދައިދީ، ސެރީ އޭ އަށް ޕްރޮމޯޓް ކޮށްދިނުމަށް ފަހު، ހަތަރު އަހަރު ދުވަހުގެ ޑީލެއްގެ ދަށުން ކޯމޯގެ ކޯޗުކަމާ ސެސްކް ފެބްރިގާސް ހަވާލުވެއްޖެ އެވެ.

އުމުރުން 37 އަހަރުގެ ފެބްރިގާސް ވަނީ މިދިޔަ ސީޒަނުގެ އެޓީމުގެ ހެޑްކޯޗު މަގާމުން ދުރުކުރުމުން ވަގުތީގޮތުން ކޯޗުކަމާ ހަވާލުވެފަ އެވެ. އޭނާ އަތުގައި އޭރު އޮތީ ޔޫއެފާ އޭ ކޯޗިން ލައިސެންސެކެވެ. ޕްރޯ ލައިސެންސް ނެތުމުން އޭނާ އަށް ހުއްދަ ލިބުނީ ކްލަބަށް އާ ކޯޗެއް ހަމަޖެހެންދެން އެއް މަސްދުވަހުގެ މުއްދަތަކަށެވެ.

މަސް ދުވަސް ފަހުން ކްލަބުން ވަނީ ކްރިސްޓަލް ޕެލަސްގެ އެސިސްޓެންޓް ކޯޗަކަށް ހުރި އޯސިއަން ރޮބާޓްސް ވަގުތީ ކޯޗަކަށް ހަމަޖައްސައިފަ އެވެ. އޭނާގެ އެހީތެރިއެއްގެ ގޮތުގައި ފެބްރިގާސް ހަމަޖެއްސި އެވެ.

ކޯމޯ އިން ވަނީ ރޯމާ އަށް ކުޅެމުން އައި އިޓަލީގެ ފޯވާޑް އަންޑްރެއާ ބެލޮއްޓީ އާއި ކަލިއާރީ އަށް ކުޅުނު ޑިފެންޑަރު އަލްބާޓޯ ޑޮސޭނާ އަންނަ ސީޒަނަށް ގެންގޮސްފަ އެވެ. ބާސެލޯނާ އާއި ލިވަޕޫލަށް ވެސް ކުޅުނު ގޯލްކީޕަރު ޕެޕޭ ރެއިނާގެ ސޮއި ވެސް އެ ޓީމުން ވަނީ ހޯދައިފަ އެވެ.

ބެލޮއްޓީ ގެންނަން 4.5 މިލިއަން ޔޫރޯ ހަރަދު ކުރިއިރު ޑޮސޭނާ ގަތީ 8 މިލިއަން ޔޫރޯ އަށެވެ. ރެއިނާ ގެންދިޔައީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި ފެބްރިގާސް މިހާރު ތައްޔާރު ވަނީ މެންޗެސްޓާ ޔުނައިޓެޑާ އެކު ކޮންޓްރެކްޓް ހަމަވެފައިވާ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާންގެ ސޮއި ހޯދާށެވެ.