19 ޖުލައި 2024 - 22:35

އިޒްރޭލުން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަމުން ދިއުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށާއި މިކަން ވީ އެންމެ އަވަހަކަށް ހުއްޓާލައި ފަލަސްތީނުގެ ބިންތަކުން ޔަހޫދީން ނެރެންޖެހޭނެ ކަމަށް އދ.ގެ އެންމެ މަތީ ކޯޓުން އިސްތިޝާރީ ލަފައެއް މިއަދު ނެރެފި އެވެ.

ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިގޮތަށް ނިންމުމާ އެކު އިޒްރޭލުން ވަނީ މިއީ ހުސް ދޮގުގެ މައްޗަށް ނިންމާފައިވާ މައްސަލައެއް ކަމަށް ބުނެފަ އެވެ. އަނެއްކޮޅުން ފަލަސްތީނު ސަރުކާރުން ވަނީ މިއީ ތާރީހީ މުހިންމު ނިންމުމެއް ކަމަށް ބުނެފަ އެވެ.
އައިސީޖޭ އިން ނެރުނީ އިސްތިޝާރީ ލަފާ [ނުވަތަ އެޑްވައިޒަރީ އޮޕީނިއަން އެއް] ކަމަށް ވާތީ އެއީ އަމަލުކުރުން ލާޒިމް ނިންމުމެއް ނޫނެވެ. އެކަމަކު މިއީ ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ކެނޑިނޭޅި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާއި އެ ހަމަލާތަކުގައި އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިފައިވާތީ އިޒްރޭލަށް އަމާޒުވާ ފާޑުކިޔުން އިތުރަށް ވަރުގަދަވާނެ ނިންމުމެއް ކަމަށް ވަނީ ބެލެވިފަ އެވެ.
އައިސީޖޭގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ނަވާފް ސަލާމް ވިދާޅުވީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު ދެމިއޮތުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
ފަނޑިޔާރު ވިދާޅުވީ އިޒްރޭލުން "ގާނޫނާ ހިލާފަށް ތިބޭ ތިބުން ވީހާ ވެސް އަވަހަކަށް ނިމުމަކަށް ގެންނަންޖެހޭ" ކަމަށެވެ.
އައިސީޖޭން ބުނީ ވަޒަންވެރިކުރުވުމުގެ ހުރިހާ ހަރަކާތެއް އިޒްރޭލުން މިހާރުން މިހާރަށް ހުއްޓާލުމަށާއި ހިފާފައިވާ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ މީހުން ވެސް އެތަނުން އެ ތަންތަން ދޫކޮށް ދާންޖެހޭނެ ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ އައިސީޖޭގެ ނިންމުމުގައި ހުރީ ދޮގު ކަމަށެވެ.
"ޔަހޫދީންނަކީ އެ މީހުންގެ އަމިއްލަ ބިމުގައި ތިބޭ ބައެއް. އެއީ ހިސާރުކޮށް އަޅުވެތިކުރާ ބައެއް ނޫން،" ނަތަންޔާހޫ ބުންޏެވެ.
ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިޔާދު އަލް މާލިކީ ވަނީ މިއީ ތާރީހު ބަދަލުކޮށްލަދޭނެ ނިންމުމެއް ކަމަށެވެ.
ފަަލަސްތީނު ރައްޔިތުން ވަނީ އެ މީހުންނަށް އުފުލަން ނުޖެހޭ ބޮޑު ބުރައެއް އެތައް ޒަމާނަކަށް އުފުލަން ޖެހިފައި. އައިސީޖޭގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރިޔާދް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން ނަކީ އެތައް ޒަމާނެއް ވަންދެން، ކެތްނުކުރެވޭ ވަރުގެ ހިތާމަތަކާއި ބޭއިންސާފް ތަހައްމަލު ކުރަމުން އަންނަ ބައެއް ކަމަށެވެ.
ދެކުނު އެފްރިކާއިން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އާއި މިކަމާ ތަފާތެވެ. މިއަދު ނިންމީ ފަލަސްތީނުގެ ބިންތައް އިޒްރޭލުން ފޭރޭ މައްސަލަ ކަމަށް ވާއިރު ދެކުނު އެފްރިކާއިން ހުށަޅައިގެން އުޅެނީ އިޒޭލުން ފަލަސްތީނަށް ދޭ ނަސްލު ނައްތާލުމުގެ ހަމަލާތައް ހުއްޓުމަކަށް ގައުމުގެ ހުށަހެޅުމެކެވެ. -- އޭއެފްޕީ