19 ޖުލައި 2024 - 14:20

މ. މުލިން ކަރަންޓު ކެނޑުނުތާ ދެ ދުވަސް ފަހުން ރޭ ދަންވަރު އެ ރަށަށް ކަރަންޓު ދީފި އެވެ.
އެ ރަށުގައި ހުރި ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ހެދި މުޅި ރަށުން ކަރަންޓުގެ ހިދުމަތް ކެނޑުނީ ބުދަ ދުވަހުގެ ހެނދުނު އެވެ. ރަށުގެ އެކި ހިސާބުތަކަށް ބަހާލައިގެން ކޮންމެ ސަރަހައްދަކަށް 30 މިނެޓަށް ކަރަންޓު ދެމުން ދިޔަ ނަމަވެސް މައްސަލަ ހައްލުކޮށް، މުޅި ރަށަށް ކަރަންޓު ދެވޭވަރުވީ ރޭ ދަންވަރު 3 ވެސް ޖެހި ފަހުންނެވެ.
މުލީ ކައުންސިލް މެމްބަރު އަހްމަދު ސާކިފް ވިދާޅުވީ މައްސަލަ ހައްލުކުރީ އެ ރަށަށް ކުރިން ގެނެސް ހުރި 600 ކިލޯވޯލްޓުގެ ޖަނަރޭޓަރެއް ބޭނުންކޮށްގެން ކަމަށެވެ.
"މިއީ ދާއިމީ ހައްލެއް ކަމަށް މި ބަލަނީ. ނަމަވެސް މިވަގުތު ދެން ހުރި އިންޖީނުތަކުގެ ހާލަތު ވެސް ވަރަށް ދަށް،" އޭނާ ވިދާޅުވި އެވެ.
ފެނަކައިން އިންޖީނުގެ ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް ސާކިފް ވިދާޅުވި އެވެ.
ދޮޅު ހާހަށްވުރެ އާބާދީ ބޮޑު މުލީގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން އާންމު ދިރިއުޅުމަށް ބުރޫ އަރައި ގިނަ ބަޔަކު އުޅުނީ ނުނިދާ ކަމަށް ކައުންސިލުން ބުންޏެވެ. އެހެންވެ، ސްކޫލްތަކާއި އޮފީސްތައް ވެސް މިދިޔަ ދެ ދުވަހު ބަންދުކޮށްފައިވާ ކަމަށް ސާކިފް ވިދާޅުވި އެވެ.